Roadha Mihaaru
ކޯރަމް ނެތިގެން ޖަލްސާ ކެންސަލް ކޮށްފި

ގިނަ މަސައްކަތްތަކެއް ތާވަލުކުރިޔަސް ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ކޮށްފި

09 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލިހުގައި ގިނަ ދުވަސްތަކެއް ވެފައިވާ ގިނަ މަސައްކަތްތަކެއް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން ޖަލްސާ ނުބޭއްވިގެން ކެންސަލް ކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލިހުގައި ގިނަ ދުވަސްތަކެއް ވެފައިވާ ގިނަ މަސައްކަތްތަކެއް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން ޖަލްސާ ނުބޭއްވިގެން ކެންސަލް ކޮށްފި އެވެ.

ޖަލްސާ ފެށުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައި ބުނާ 22 މެމްބަރުން ނެތް ކަމަށް ވިދާޅުވެ، ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިއަދުގެ ޖަލްސާ ބޭއްވެން ނެތް ކަމަށް އިއުލާނު ކުރައްވައިފަ އެވެ.

މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ދެ ސަފީރަކަށް ރުހުން ދިނުމާއި ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީން ފޮނުވާފައިވާ މައްސަލައެއްގެ އިތުރުން ދިގުލައިގެން ގޮސްފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމުގެ ބިލުގެ އިތުރުން ނުނިމި އޮތް ހަތަރު ގަރާރެއްގެ ބަހުސް ހިމެނެ އެވެ.

ފަހަކަށް އައިސް ކޯރަމް ހަމަނުވުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވައި ޖަލްސާ ތަކުގައި ކޯރަމް ހަމަކުރަން މެމްބަރުންނަށް ވަގުތު ދެއްވަ އެވެ. ހާއްސަކޮށް، ޑިމޮކްރެޓްސްގެ ފަރާތުން ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނެގުމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި މިދިޔަ ހަފުތާގައި ބޭއްވި ހުރިހާ ޖަލްސާއެއްގައި ވެސް ނަޝީދު ވަނީ ކޯރަމް ހަމަވަންދެން ޖަލްސާ ފެށުން ފަސްކުރައްވައިފަ އެވެ.

މިއަދުގެ ޖަލްސާ ކެންސަލް ކުރީ، މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން އަލުން ހުށަހަޅާފައިވަނިކޮށެވެ.

މަޖިލީހުގައި އެމްޑީޕީގެ 55 މެމްބަރުން ތިއްބަވާ އިރު، މަޖިލިހުގެ ރައީސްކަމުގެ ނަޝީދު ދުރުކުރުމުގެ ލިޔުމުގައި އެ ޕާޓީގެ 48 މެމްބަރަކު ސޮއިކުރެއްވި ކަން އެނގިފައި ވެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން 45 މެމްބަރުންގެ ސޮއި ބޭނުންވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ ސަބަބަކަށް އެމްޑީޕީގެ ޕީޖީން ބުނެފައި ވަނީ، އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކޮށް އެމްޑީޕީ އަށް ގެއްލުން ދިނުމެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިން ވެސް ހުށަހެޅި އެވެ. ނަމަވެސް، ނަޝީދުއާ އެކު އީވާ ވަކިކުރުމުގެ މައްސަލަ ވެސް ހުށަހެޅުމުން، ދެ ބޭފުޅުން އެކުގައި ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމުން އެ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސެވެ.

ރިޔާސަތު ބެލެހެއްޓުމުގެ އަރައިރުމުގެ އިތުރުން، އެމްޑީޕީން ވަކިވި 13 މެމްބަރުންނާ އެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާނުލެވި އޮތުމަކީ ވެސް އެ މައްސަލަތައް ކުރިއަށް ގެންދަން ކުރިމަތިވި އަނެއް ހުރަހެވެ. މަޖިލީހުގެ ގަވާއިދު ގައިވާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅަން ޖެހެނީ އާންމު ކޮމިޓީންނެވެ.

އެ ކޯޅުމުގެ ތެރޭގައި މަޖިލީހުގައި މަރުތަޅު އެޅުވި އެއްވެސް މަސައްކަތެއް ނުކުރެވި ދެ މަހެއްހާ ދުވަހު މަޖިލިސް ހުއްޓިފައި އޮތެވެ. އޭގެ ފަހުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީ އަށް ފަހު، އެ ބުރުގައި ތިން ވަނަ އައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމުގެ މަޝްވަރާތަކުގެ ތެރެއިން، އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ނަމަވެސް، ޑިމޮކްރަޓްސް އިން އިންތިހާބުގައި ދެ ވަނަ ބުރުގައި ވެސް ނިންމީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރުމަށެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރަޓްސް ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސްއަޅައި، ސަރުކާރުގެ ކޮރަޕްޝަންތައް ބެލުން ހުއްޓުވުމަށް ޑިމޮކްރަޓްސްގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.