Roadha Mihaaru
މެސީ އެނބުރި އަޔަސް މަޔާމީ ސަލާމަތެއް ނުވި

މެސީ އެނބުރި އަޔަސް މަޔާމީ ސަލާމަތެއް ނުވި، ޕްލޭއޮފުން ކަޓައިފި

08 އޮކްޓޯބަރ 2023

ފްލޮރިޑާ (އޮކްޓޯބަރު 8) - ލިބުނު އަނިޔާއަކާ ގުޅިގެން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ނުކުޅެވުނު، ލިއޮނެލް މެސީ އަނިޔާއިން އެނބުރި އައި ނަމަވެސް އެމެރިކާގެ މޭޖާ ލީގުގެ ޕްލޭއޮފް ބުރުން އިންޓަ މަޔާމީ ކަޓައިފި އެވެ.

ފްލޮރިޑާ (އޮކްޓޯބަރު 8) - ލިބުނު އަނިޔާއަކާ ގުޅިގެން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ނުކުޅެވުނު، ލިއޮނެލް މެސީ އަނިޔާއިން އެނބުރި އައި ނަމަވެސް އެމެރިކާގެ މޭޖާ ލީގުގެ ޕްލޭއޮފް ބުރުން އިންޓަ މަޔާމީ ކަޓައިފި އެވެ.

ރޭ ސިންސޭނޭޓީ އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ން ބަލިވެ މޭޖާ ލީގުގެ ފުރުސަތު މަޔާމީ އަށް ވަނީ ގެއްލިފަ އެވެ.

މެސީ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ ކުޅުނު 35 މިނެޓްތެރޭގައި ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ފޮނުވާލެވުނީ ނުރައްކާތެރި ދެ ހަމަލާ އެކެވެ. އެއީ ވެސް ދެ ހިލޭ ޖެހުމަކުންނެވެ.

"އޭނާގެ އަނިޔާ ވަނީ ރަނގަޅު ވެފަ. އެކަމަކު އޭނާގެ ރިދަމް އަދި ނާދޭ. މާ ގިނަ މެޗުތަކެއް ނުކުޅޭ. އެހެންވެ އަހަރެން 35 މިނެޓް އާނާ ލައްވައި ކުޅުވީ،" ބާސާ އާއި އާޖެންޓީނާގެ ގައުމީ ޓީމުގައި ވެސް މެސީ އަށް ކޯޗުކޮށް ދިން މަޔާމީގެ މިހާރުގެ ކޯޗު ޓާޓާ މާޓިނޯ ބުންޏެވެ.

ޕްލޭއޮފް ބުރުގައި އިތުރަށް ކުރިއަށްދެވޭކަމަށް މަޔާމީ އަކަށް ނެތެވެ. ނަމަވެސް އެ ޓީމަށް އަދި ވެސް ދެ މެޗު އެބައޮތެވެ. އެކަމަކު އެ ދެ މެޗުގައި މެސީ ކުޅޭނެ ކަމަކަށް ނުބެލެވެ އެވެ.

މި ހަފުތާ އާއި އަންނަ ހަފުތާގައި އޭނާ ދަތުރުކުރާނީ ވޯލްޑް ކޮލިފައިން މެޗުތަކަށެވެ. އަންނަ ބުރާސްފަތި ދުވަހު ޕެރަގުއޭ އާ ދެކޮޅަށް އަދި މި މަހު 17 ގައި ޕެރޫއާ ދެކޮޅަށް އާޖެންޓީނާ ކުޅޭނެ އެވެ.