Roadha Mihaaru
މެސީ ބަލަން ސެލްބްރިޓީން ވަދެ ސްޓޭޑިއަމް ފުރާލައިފި

އެލްއޭގައި މެސީ ބަލަން އެތައް ސެލްބްރިޓީންނެއް ވަދެ ސްޓޭޑިއަމް ފުރާލައިފި

05 ސެޕްޓެމްބަރ 2023

ލޮސް އެންޖެލެސް (ސެޕްޓެމްބަރު 5) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއެކު އިންޓަ މަޔާމީން، އެމެރިކާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖެލެސް ފުޓްބޯޅަ ކްލަބް 3-1 އިން ބަލިކުރި މެޗު ބަލަން މަޝްހޫރު އެތައް ފަންނާނުންނެއް ވަދެ ސްޓޭޑިއަމް ފުރާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލޮސް އެންޖެލެސް (ސެޕްޓެމްބަރު 5) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއެކު އިންޓަ މަޔާމީން، އެމެރިކާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖެލެސް ފުޓްބޯޅަ ކްލަބް 3-1 އިން ބަލިކުރި މެޗު ބަލަން މަޝްހޫރު އެތައް ފަންނާނުންނެއް ވަދެ ސްޓޭޑިއަމް ފުރާލައިފި އެވެ.

މިދިޔަ ޖުލައި މަހު އެމެރިކާ ލީގުގެ އިންޓަ މަޔާމީ އަށް މެސީ ބަދަލުވި ފަހުން އެޓީމު އަދި ބަލިވެފައެއް ނުވެ އެވެ. މެސީގެ ކުރިން އެންމެ ފަހުން ލީގުގައި ކުޅުނު 11 މެޗުން އެޓީމު މޮޅު ވެފައި ނުވާއިރު، މެސީ އާއެކު މިހާތަނަށް އެޓީމު ކުޅުނު 11 މެޗުން ބައްޔެއް ނުވެ އެވެ.

ލޮސް އެންޖެލެސްގައި މެސީ ކުޅުނު ފުރަތަމަ މެޗުގައި މެސީ ގޯލެއް ނުޖެހި ނަމަވެސް އޭނާ ވަނީ ދެ ގޯލު އެސިސްޓް ކޮށްދީފަ އެވެ. ފަކުންޑޯ ފާރިއަސް ކާމިޔާބު ކޮށްދިން ގޯލާއެކު ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގައި ލީޑު ފުޅާ ކުރީ މެސީ އާއެކު ބާސެލޯނާ އަށް ވެސް ކުޅުނު ޖޯޑީ އަލްބާ އެވެ. މި ދެ ކުޅުންތެރިންނާ އެކު ބާސާއަށް ކުޅުނު ސާޖިއޯ ބުސްކެޓްސްގެ ހިއްސާ ވެސް މި ގޯލުގައި ވެއެވެ.

ތިންވަނަ ގޯލު މެޗުގެ ފަހު 10 މިނިޓުތެރޭ ލިއޮނާޑޯ ކަމްޕާނާ ޖެހީ ވެސް މެސީގެ އެހީގަ އެވެ. ލޮސް އެންޖެލެސް އިން ސުން ކަނޑުވާލީ ކުރިން އާސެނަލް އަށް ކުޅުނު ކާލޯސް ވެލާގެ އެހީތެރިކަމާއެކު ރަޔާން ހޮލިންސްހެޑް ކާމިޔާބުކުރި ގޯލުންނެވެ.

Messi in LA

Messi in LA

މި މެޗަކީ އެމެރިކާގެ މޭޖާ ލީގުގެ ތާރީހުގައި ވެސް ލޮސް އެންޖެލެސް އެފްސީގެ ސްޓޭޑިއަމަށް އެންމެ ގިނަ ސަޕޯޓަރުން ވަން މެޗެވެ. އަދި އެމެރިކާ ލީގުގެ 27 އަހަރުވީ ތާރީހުގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ ވެސް އެ މެޗުގެ ޓިކެޓަށެވެ. ޓިކެޓް ވިއްކާ ކުންފުނިތަކުން ހާމަކުރި ގޮތުގައި މެޗުގެ ޓިކެޓެއް ވިކިފައިވަނީ އެވްރެޖް 717 ޑޮލަރަށެވެ.

މެޗު ބަލަން ދިޔަ ފަންނާނުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ޕްރިންސަސް މެގާން މާކްލް އަދި ލޮސް އެންޖެލެސް ކްލަބްގެ އެއް ހިއްސާދާރު ވިލް ފެރެލްވެސް ހިމެނެ އެވެ. ހަމަ އެއާއެކު ލިއޮނާޑޯ ޑިކެޕްރިއޯ، ސެލީީނާ ގޯމޭޒް، ޓައިގާ، ޓޮމް ހޮލެންޑް، އޮވެން ވިލްސަން، ލިއަމް ގަލަގާ އަދި ޓޮމް އެލިސްގެ އިތުރުން ވެސް އެތައް ތަރިންނެއް ވަނީ އިއްޔެގެ މެޗު ބަދަން ދަނޑަށް ގޮސްފަ އެވެ.

ކުޅިވަރު އެތުލީޓުންގެ ތެރޭގައި މިފަހަރު ވެސް ބާސްކެޓްބޯޅަ ލެޖެންޑް ލެބްރޯން ޖޭމްސް ހިމެނެ އެވެ. އޭނާ ވަނީ އިންޓަ މަޔާމީ އަށް މެސީ ކުޅެދިން ފުރަތަމަ މެޗު ބަލަން ވެސް ވީއައިޕީގެ ކުރީ ސަފުން ޖާގަ ހޯދައިފަ އެވެ.

ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން މެސީ އިންޓަ މަޔާމީ އަށް ބަދަލުވީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ އެމެރިކާ ލީގަށް ބަދަލުވީ ސައުދީ ލީގުގެ ބޮޑު އޮފާ އަށް ނޫނެކޭ ބުނެފަ އެވެ.