Roadha Mihaaru
ލ. އަތޮޅުން ގިނަ ބަޔަކު ޕީޕީއެމަށް ސޮއިކޮށްފި

އަތޮޅު ކައުންސިލް ރައީސާ އެކު، ލ. އަތޮޅުން ގިނަ ބަޔަކު ޕީޕީއެމަށް

26 ސެޕްޓެމްބަރ 2023

ލ. އަތޮޅުގެ ކައުންސިލްގެ ރައީސް އިސްމާއީލް އަލީ (އިއްސެ) ހިމެނޭހެން އެ އަތޮޅުގެ ގިނަ ބަޔަކު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، ޕީޕީއެމަށް ރޭ ސޮއިކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ލ. އަތޮޅުގެ ކައުންސިލްގެ ރައީސް އިސްމާއީލް އަލީ (އިއްސެ) ހިމެނޭހެން އެ އަތޮޅުގެ ގިނަ ބަޔަކު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، ޕީޕީއެމަށް ރޭ ސޮއިކޮށްފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި އަތޮޅު ކައުންސިލް ރައީސް ކަމަށް އިންތިހާބުވި އިއްސެ ޕީޕީއެމާ ގުޅިވަޑައިގެންނެވިއިރު، އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، އެ ޕާޓީގެ ވަކިވެ، އޭނާ މިއަދާ ހަމައަށް ހުންނެވީ ޑިމޮކްރެޓްސް ޕާޓީގަ އެވެ. އިއްސެއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އިއްސެ ވިދާޅުވީ، އޭނާ މިހާރު ގެންދަވަނީ ރަސްމީކޮށް ޕީޕީއެމާ ގުޅި، މުއިއްޒު އިންތިހާބު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުވި އިއްސެ ވިދާޅުވީ، މުއިއްޒުގެ ސަރުކާރެއްގައި މި އަތޮޅަށް ތަރައްގީ އަންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން މުއިއްޒަށް ލ. އަތޮޅުން ބޮޑު އަޣުލަބިއްޔަތެއް ދިނެވެ.

ލ. އަތޮޅު ކައުންސިލް ރައީސް އިސްމާއީލް އަލީ ރޭ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމާއި މުއިއްޒާ އެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްސެގެ އިތުރުން ގަމުގެ ހަތަރު އަވަށުން ގިނަ އަދަދެއްގެ މީހުން މިރޭ ޕީޕީއެމަށް ސޮއިކުރި އެވެ. އޭގެ ތެރޭގައި އިއްޔެއާ ހަމައަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިސް މަގާމެއްގައި ހުންނެވި އަލީ ނަޝީދާއި އިތުރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނެ އެވެ. އަލީ ނަޝީދު ވަނީ މެނޭޖިން ހެލްތު ސާވިސްގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.

ގަމުން ޕީޕީއެމާ ގުޅުނު އިތުރު މީހުންގެ ތެރޭގައި އެމްޑީޕީ ފެށުނީއްސުރެ ހަރަކާތްތެރިވި މީހުންނާއި ރަށުގައި ޖުމްހޫރީ ޕާޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކްޓިވިސްޓުން ހިމެނެ އެވެ. އަދި، އަތޮޅުގެ ބައެއް އެހެން ރަށްރަށުގެ އެމްޑީޕީ އެކްޓިވިސްޓުން ވެސް ވަނީ މެމްބަޝިޕް ފޯމު މުއިއްޒާ ހަވާލުކޮށްފަ އެވެ.

އަލީ ނަޝީދާއި ޖޭޕީގެ އިސް ދެ އެކްޓިވިސްޓަކު ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމާއި މުއިއްޒާ އެކު ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

އަލީ ނަޝީދާއި ޖޭޕީގެ އިސް ދެ އެކްޓިވިސްޓަކު ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު، ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމާއި މުއިއްޒާ އެކު ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކެމްޕެއިނަށް މުއިއްޒު ގަމުގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި ވެސް ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމާ ގުޅިފައިވެ އެވެ. އޭގެ ތެރޭގައި ގަމު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އާސިފް ހިމެނެ އެވެ.

މީގެ ކުރިން އެމްޑީޕީން ރަސްކަން ކުރަމުން ދިޔަ ގަމު ދާއިރާއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމުން ވަނީ ކުރި ހޯދައިފަ އެވެ.

ލ. އަތޮޅުން ހާއްސަކޮށް ގަމުން ޕީޕީއެމަށް ބޮޑު ތާއީދެއް ދެމުން އަންނައިރު، ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މޫސާ ސިރާޖު ވެސް ރޭ ވަނީ އެމްޑީޕީން ވަކިވެ، އެ ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ. އެކަމަކު، އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ސިރާޖު ހުންނެވީ މުއިއްޒާ އެކު އެވެ.