Roadha Mihaaru
އެމްބާޕޭއަށް އަނިޔާ ވެއްޖެ!

އެމްބާޕޭއަށް އަނިޔާ ވެއްޖެ!

25 ސެޕްޓެމްބަރ 2023

ޕެރިސް (ސެޕްޓެމްބަރު 25) - ޕީއެސްޖީން ރޭ ފްރާންސް ލީގުގައި އޮލިމްޕިކް މާސޭގެ މައްޗަށް 4-0 އިން ކުރި ހޯދައި މުހިއްމު ތިން ޕޮއިންޓް ހޯދި މެޗުގައި ފޯވާޑް ކިލިއަން އެމްބާޕޭ އަށް އަނިޔާ ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ސެޕްޓެމްބަރު 25) - ޕީއެސްޖީން ރޭ ފްރާންސް ލީގުގައި އޮލިމްޕިކް މާސޭގެ މައްޗަށް 4-0 އިން ކުރި ހޯދައި މުހިއްމު ތިން ޕޮއިންޓް ހޯދި މެޗުގައި ފޯވާޑް ކިލިއަން އެމްބާޕޭ އަށް އަނިޔާ ވެއްޖެ އެވެ.

އެމްބާޕޭ އަށް އަނިޔާ ވުމާ ގުޅިގެން އޭނާ ވަނީ އަވަސް ފަރުވާ ހޯދައިގެން ކުޅެން ނުކުމެފަ އެވެ. ނަމަވެސް އިތުރަށް ކުޅުން ކުރިއަށް ނުގެންދެވޭނެތީ މެޗުގެ 32 ވަނަ މިނިޓުގައި އޭނާ ވަނީ ބަދަލު ކޮށްފަ އެވެ.

މެޗުގެ އަށްވަނަ މިނިޓުގައި ޕީއެސްޖީން ލީޑު ނެގީ އަޝްރަފް ހަކީމީ ޖަހައިދިން ގޯލުންނެވެ. އެމްބާޕޭ ބަދަލު ކުރިތާ ފަސް މިނިޓު ފަހުން ރަންޑަލް ކޯލޯ މުއާނީ ލީޑު ފުޅާ ކޮށްދިން އިރު، ދެވަނަ ހާފުގެ ކުރީކޮޅު ތިންވަނަ ގޯލު ޖަހައިދިނީ އެމްބާޕޭގެ ބަދަލުގައި އެރި ގޮންކާލޯ ރާމޯސް އެވެ. މެޗު ނިމެނިކޮށް ހަތަރުވަނަ ގޯލު ވެސް ޖަހައިދިނީ އޭނާ އެވެ.

އަނިޔާއާ ގުޅިގެން ކުރިއަށް އޮތް ހަފްތާ ބަންދުގައި ކުޅޭ ލީގު މެޗާއި، އަންނަ ހަފްތާ ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އެމްބާޕޭ އަށް ކުޅެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް ކޯޗު ލުއިސް އެންރީކޭ ބުނީ އޭނާގެ އަނިޔާ އެހާ ސީރިއަސް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަނިޔާ އެހާ ސީރިއަސް ހެން އަހަރެންނަށް ހިޔެއް ނުވޭ. ވަރަށް އަވަހަށް އޭނާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ. އެކަމަކު 100 ޕަސެންޓް ފިޓު ނޫނިއްޔާ ކުޅުންތެރިޔާ އަރުވައިގެން ރިސްކު ނެގުމުގެ ބޭނުމެއް ނެތް،" އެމްބާޕޭގެ އަނިޔާ އާ ގުޅިގެން މެޗަށް ފަހު އެންރީކޭ ބުންޏެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނުކުތުމުގެ ކުރިން، މިދިޔަ ހަފްތާގައި ލީގުގައި ވަނީ ނީސް އަތުން 3-2 އިން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ. ނަމަވެސް ރޭގެ މެޗުން ހޯދި މޮޅާ އެކު އެ ޓީމު ވަނީ 11 ޕޮއިންޓާ އެކު ތިންވަނައަށް ޖެހިލައިފަ އެވެ. ކުރީގައި އޮތީ 12 ޕޮއިންޓް ހޯދާފައިވާ ނީސް އާއި 13 ޕޮއިންޓް ހޯދާފައިވާ ބްރެސްޓް އެވެ.

ނިމި ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި، ކޮންޓްރެކްޓް މުއްދަތު އިތުރު ކުރުމާ މެދު ކްލަބާއި އެމްބާޕޭއާ މެދު ދެބަސްވެގެން އޭނާ ސްކޮޑުން ބާކީ ކުރި އެވެ. ނަމަވެސް، ޕީއެސްޖީ އަށް ލީގުގެ ފުރަތަމަ މެޗުގައި ނަތީޖާ ނުނެރެވިގެން އެމްބާޕޭ އަށް ފުރުސަތު ދޭން މަޖުބޫރުވީ އެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށްް ކުޅުނު ހަތަރު މެޗުން ހަތް ގޯލު ޖަހައިދީފަ އެވެ.