Roadha Mihaaru
މިފަހަރު ވެސް މަރުގެ އެތިފަހަރެއް، ސިފައިން ހިމޭނުން!

މީހަކަށް އަމާޒުވި ނަމަ މަރުގެ އެތިފަހަރެއް، އެކަމަކު ސިފައިން ހިމޭނުން!

05 ފެބުރުއަރީ 2017

ހިންމަފުށީ ގެއެއްގެ ދޮރަށް، 2015 ގައި، އެރި ވަޒަން މީހަކަށް އަމާޒުވި ނަމަ އެކަން ވާނީ މަރުގެ އެތިފަހަރަކަށެވެ. އޭގެ ދެވަނަ ހާދިސާ ހިިނގީ މިދިއަ ބުދަދުވަހު އެވެ. ރަށާ ކައިރީގައި ސިފައިން ތަމްރީން ހަދާ ގިރިފުށި އޮތް އިރު، ވަޒަން އެރުމުގެ ދެ ހާދިސާ އަށް ފަހު އަނެއްކާވެސް މި ވަނީ ނުރައްކާތެރި ރަނގަބީލު ޖެހެން ފަށައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިންމަފުށީ ގެއެއްގެ ދޮރަށް، 2015 ގައި، އެރި ވަޒަން މީހަކަށް އަމާޒުވި ނަމަ އެކަން ވާނީ މަރުގެ އެތިފަހަރަކަށެވެ. އޭގެ ދެވަނަ ހާދިސާ ހިިނގީ މިދިއަ ބުދަދުވަހު އެވެ. ރަށާ ކައިރީގައި ސިފައިން ތަމްރީން ހަދާ ގިރިފުށި އޮތް އިރު، ވަޒަން އެރުމުގެ ދެ ހާދިސާ އަށް ފަހު އަނެއްކާވެސް މި ވަނީ ނުރައްކާތެރި ރަނގަބީލު ޖެހެން ފަށައިފަ އެވެ.

މިއިން އެއްވެސް ހާދިސާއަކާ ގުޅިގެން ސިފައިން ވާހަކައެއް ނުދައްކަ އެވެ.

ގިރިފުއްޓާ ވީ ދިމާލު އަތިރިމަތީގައި ހުންނަ ލިލީނައިޓް ކިޔާ ގޭގެ ކުޑަދޮރަކަށް ވަޒަން އަރާފައި ހުއްޓާ ބުދަދުވަހު ފެނުނު އިރު އެއީ ކޮން އިރަކު އެރި އެއްޗެއް ކަމެއް ނޭނގެ އެވެ.

ރަށު ކައުންސިލުން ކުރިން ލަފާކުރީ އެއީ، ގިރިފުށިން އައި އެއްޗެއް ކަމަށެވެ. މިދޭތެރެ އިން އެ ރަށުގައި ތަމްރީނުތަކެއް ވެސް ކުރިއަށް ގެންދިޔަ ކަމަށް ކައުންސިލުން ބުނެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގުން ލިބުނު މައުލޫމާތުން، އެއީ ގިރިފުށިން އައި ވަޒަނެއް ކަމެއް ސީދާ ބުނަން ނޭނގޭ ކަމަށް ހިންމަފުށީ ކައުންސިލަރަކު ވިދާޅުވި އެވެ.

ހިންމަފުއްޓާއި ގިރިފުށި: މި ދެ ރަށާ ދެމެދު ކިލޯމީޓަރެއްގެ ދުރުމިން ވެސް ނުހުރޭ

ހިންމަފުއްޓާއި ގިރިފުށި: މި ދެ ރަށާ ދެމެދު ކިލޯމީޓަރެއްގެ ދުރުމިން ވެސް ނުހުރޭ

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި، ގިރިފުށިން އެ ރަށަށް ވަޒަނެއް އަރާފާނެތޯ ބެލީ ބަޑި ޖަހައިގެންނެވެ. ތަހުގީގު ޓީމުން ޝޫޓްކުރީ ހިންމަފުށީ އަތިރިމަތީގައި ތިބެ ގިރިފުއްޓަށެވެ.

މިހާތަނަށް ބެލިބެލުމުގައި، އެއީ، ގިރިފުށިން އައި ވަޒަނެއް ކަމަށް ތަހުގީގު ޓީމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ، މިހާރު އަޅުގަނޑުމެން މާ ބޮޑަށް ވެސް ކަންބޮޑުވޭ. ވާނުވާއެއް ނޭނގޭ،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށުގެ އަތިރިމަތިން ފެށިގެން ގާތްގަނޑަކަށް 300 ފޫޓު ދުރުގައި ހުރި އެ ގެއަށް ވަޒަން އެރި ފަހުން، އެ ރަށު މީހުން ބަލަނީ އެ ސަރަހައްދަށް ނުގޮސް އުޅެވޭތޯ އެވެ. އެހާ ވެސް ބޮޑަށް ރަށު ތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ރަށު ތެރޭގައި ވަޒަނުގެ ވާހަކަ، ކޮފީ މޭޒުތަކާއި އެހެން ތަންތަނުގައި ވެސް އެ ނޫން ވާހަކައެއް ނުދައްކާ. ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައި ތިބީ،" ކައުންސިލަރު ވިދާޅުވި އެވެ.

ހިންމަފުށީ ލިލީ ނައިޓްގޭގެ ކުޑަ ދޮރަކަށް ވަޒަން އަރާފައި

ހިންމަފުށީ ލިލީ ނައިޓްގޭގެ ކުޑަ ދޮރަކަށް ވަޒަން އަރާފައި

ހިންމަފުއްޓަށް އެރީ، 9އެމްއެމްގެ ވަޒަނެއް ކަން ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރި އެވެ. މިއީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހާދިސާއެއް ނަމަވެސް އެމްއެންޑީއެފުން އެކަމުގައި އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެއީ ގިރިފުށިން އައި ވަޒަނެއް ނޫން ކަމަށް، ތަހުގީގު ޓީމުން ލަފާކުރާ ކަމަށްވެ އެވެ. އާންމުކޮށް 9އެމްއެމްގެ ވަޒަން ދަތުރުކުރާ ދުރުމިނަކީ، 1800 މީޓަރެވެ. ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދު 1000 މީޓަރު ވެސް ނުހުރެ އެވެ.

ހިންމަފުށީ މީހުން ބުނާ ގޮތުގައި މިއީ އެހާ ލުއިކޮށް ދޫކޮށްލަން ޖެހޭ ވަރަށް ވުރެ ސީރިއަސް މައްސަލައެކެވެ.