Roadha Mihaaru
ރީރަޖިސްޓްރޭޝަން މައްސަލައިގައި އިދިކޮޅުން އީސީ އަށް

ރީރަޖިސްޓްރޭޝަންގެ މައްސަލާގައި އިދިކޮޅުން އީސީ އަށް

17 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން އެންމެ ދެ ދުވަސް ތެރޭގައި އާދަޔާ ހިލާފަށް ގިނަ ބަޔަކު ރީރަޖިސްޓަރި ވެފައި ވާތީ އިދިކޮޅުގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ކޯލިޝަނުގެ ލީޑަޝިޕުން މިއަދު އިލެކްޝަން ކޮމިޝަނަށް (އީސީ) އަށް ދާން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން އެންމެ ދެ ދުވަސް ތެރޭގައި އާދަޔާ ހިލާފަށް ގިނަ ބަޔަކު ރީރަޖިސްޓަރި ވެފައި ވާތީ އިދިކޮޅުގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ކޯލިޝަނުގެ ލީޑަޝިޕުން މިއަދު އިލެކްޝަން ކޮމިޝަނަށް (އީސީ) އަށް ދާން ނިންމައިފި އެވެ.

މި މަހުގެ 30 ގައި ބާއްވާ އިންތިހާބުގައި ވޯޓު ލުމަށް ދެ ދުވަސް ތެރޭގައި 25،000 މީހުން ރީރަޖިސްޓަރީ ކޮށްފައިވާ ކަމަށް އީސީން މިއަދު ބުންޏެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެ ޕާޓީގެ ލީޑަރުން ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ. އެހެންވެ، ސިޔާސީ ޕާޓީތަކުންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނިޓަރުން އެކަން ރަނގަޅަށް ބަލަން މުއިއްޒު ގޮވާލެއްވި އެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ، ދަރުބާރުގޭގައި ހުންނަ އީސީގެ އިންތިހާބާ ބެހޭ މަރުކަޒަށް މިއަދުގެ މެންދުރު ދޭއް ޖަހާއިރު އެ ކޯލިޝަނުން ދާން ނިންމާފައިވާ ކަމަށެވެ. އެއީ އީސީގެ މެންބަރުންނާ ބައްދަލުކުރަން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އިދިކޮޅު ލީޑަޝިޕުން، ރީރަޖިސްޓަރީ ކުރަން ހުށަހެޅީ ފޭކް ފޯމުތަކެއް ކަމަށް ޕީޕީއެމް/ޕީއެންސީން ތުހުމަތު ކުރެ އެވެ.

ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެ ދުވަސް ތެރޭގައި 25،000 ފޯމު ހުށަހެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ފޭކް ފޯމްތަކެއް ކަމަށެވެ. އެކަން ކުރަނީ ސަރުކާރުން އިންތިހާބު "ވަގަށް" ނެގުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކަންބޮޑުވުން އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި 50،000 އަށް ވުރެ ގިނަ ވޯޓު ލާން ނުނިކުމެ އެވެ.