Roadha Mihaaru
ކެންސަ ސޮސައިޓީ އިލްތިމާސް: ކަސްރަތުކޮށް ހަރަކާތްތެރިވޭ

ކެންސަ ސޮސައިޓީގެ އިލްތިމާސް: ކަސްރަތުކޮށް ހަރަކާތްތެރިވޭ!

04 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ގަވާއިދުން ކަސްރަތުކޮށް ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށް ރާއްޖޭގެ ކެންސަ ސޮސައިޓީން އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ގަވާއިދުން ކަސްރަތުކޮށް ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށް ރާއްޖޭގެ ކެންސަ ސޮސައިޓީން އިލްތިމާސްކޮށްފި އެވެ.

ކެންސަ ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ ސޮސައިޓީން މިހާރު އެންމެ ބޮޑަށް ބާރުއަޅަނީ އެ ބައްޔާ މެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެކަމާ މެދު އާއްމުން ދެކޭ ގޮތް ބަދަލު ކުރުމަށް ކަމަށެވެ. އެކަން ކުރުމަށް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް އެ ސޮސައިޓީން ބުންޏެވެ.

ކެެންސަރު ބައްޔަށް މީހުން ހޭލުންތެރިކުރުވަން ކުޅިވަރު ޖަމިއްޔާ އަދި ޖަމާއަތްތަކާއި ކުޅުންތެރިން އަދި ކުޅިވަރުގެ ޝަހުސިއްޔަތުތަކާ ގުޅިގެން، "ކުޅިވަރުން ހިތްވަރުދިނުން" ޝިއާރުގެ ދަށުން ވަނީ ސޯޝަލް މީޑިއާ ކެމްޕެއިނެއް ހިންގަން ނިންމައިފަ އެވެ.

"... އަމިއްލަ ފަރުދުންނަށް ބާރު މި އަޅަނީ ހެލިފެލިވެ އުޅެ، ކެންސަރު ބަލި ނައްތާލުމުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ،" ކެންސަ ސޮސައިޓީގެ ބަޔާނުގައި ބުންޏެވެ.

އެ ސޮސައިޓީން ބުނީ ދިރިއުޅުމުގެ އާދަކާދަ ރަނގަޅު ގޮތުގައި ބައްޓަން ކުރުމުން ކެންސަރު ބަލި ޖެހޭ މިންވަރު ތިން ގުނަ އަށް ކުޑަ ކުރެވޭ ކަމަށެވެ. އަދި ކަސްރަތު ކުރުމަކީ ވެސް، ކެންސަރު ބަލިން ރަނގަޅުވެފައިވާ މީހުން އެ ގޮތުގައި ދެމިތިބުމަށް ބާރުއަޅާ ކަމެއްކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.

ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ކެންސަ ސޮސައިޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެ ގޮތުން، މިއަދު ހެނދުނު ޔޯގާގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވާއިރު، މިއަދު ހަވީރު ކުޅިވަރު އެސޯސިއޭޝަންތައް ގުޅިގެން ހެންވޭރު ދަނޑުގައި ކުޅިވަރު ފެސްޓިވަލެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ކެންސަ ސޮސައިޓީ އަކީ ކެންސަރު ބައްޔަށް އާއްމުން ހޭލުންތެރިކުރުވަން 2012 ގައި އުފެއްދި ޖަމިއްޔާ އެކެވެ. އެ ޖަމިއްުޔާ އިން އަންނަނީ ކެންސަރު ބަލީގެ ތަފާސްހިސާބުތައް އެއްކޮށް، އެ ބަލި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.