15 ޖޫން 2017
ފާތުމަތު އުމަރު (ފާތުން)ގެ އުމުރުގެ ބޮޑު ބައި ހޭދަވީ ކެންސަރުގެ ވޭނާއި ހިތްދަތިކަމުގަ އެވެ. އެންމެ ފުރަތަމަ އެ ބަލީގެ ޝިކާރައަކަށްވީ މަންމަ އެވެ. ދެން އެއްބަނޑު ބޭބެ އަށް ކެންސަރު ޖެހި ކުއްލިއަކަށް މަރުވެ، އެންމެ ފަހުން ފާތުން ވެސް ކެންސަރުގެ ވަކިތަކުގެ ދަށަށް ގެންދިޔައީ އެވެ. އެކަމަކު އެ ހަނގުރާމައިގައި އާދަޔާޚިލާފު ހިތްވަރެއް ދައްކައި، ތިން ކުދިންގެ މަންމަ މިހާރު ވަނީ ހުރިހާ ގޮތަކުން ވެސް އެނބުރި އައިސްފަ އެވެ.
ފާތުމަތު އުމަރު (ފާތުން)ގެ އުމުރުގެ ބޮޑު ބައި ހޭދަވީ ކެންސަރުގެ ވޭނާއި ހިތްދަތިކަމުގަ އެވެ. އެންމެ ފުރަތަމަ އެ ބަލީގެ ޝިކާރައަކަށްވީ މަންމަ އެވެ. ދެން އެއްބަނޑު ބޭބެ އަށް ކެންސަރު ޖެހި ކުއްލިއަކަށް މަރުވެ، އެންމެ ފަހުން ފާތުން ވެސް ކެންސަރުގެ ވަކިތަކުގެ ދަށަށް ގެންދިޔައީ އެވެ. އެކަމަކު އެ ހަނގުރާމައިގައި އާދަޔާޚިލާފު ހިތްވަރެއް ދައްކައި، ތިން ކުދިންގެ މަންމަ މިހާރު ވަނީ ހުރިހާ ގޮތަކުން ވެސް އެނބުރި އައިސްފަ އެވެ.
ކިޔަވައިގެން ހުރި ތަޖުރިބާކާރު ޝެފެއްގެ ގޮތުގައި ފާތުންއަކީ ވަރަށް ކުރިންސުރެ ވެސް ޓީވީ ޕްރޮގްރާމްތަކުން ފެންނަ މޫނެކެވެ. ހަގު ދެ ކުދިން ގޮވައިގެން އެކަނި އުޅެމުން އިނގިރޭސިވިލާތުގައި މާސްޓާސް ހަދައިގެން އައިސް އޭނާ އަނެއްކާވެސް އެ އުޅެނީ އެ ކަމުގަ އެވެ. އިންޓަނޭޝަނަލް ހޮޓެލް އެންޑް ޓޫރިޒަމް މެނޭޖްމެންޓް ކޯހަށް ފަހު، މިހާރު ފާތުންއަކީ ބަނޑޮސް މޯލްޑިވްސްގެ ސީނިއާ އެފް އެންޑް ބީ މެނޭޖަރެވެ. އެ ހިސާބުން ނިމުނީއެއް ނޫނެވެ؛ ހަޔާތުގެ އެންމެ ގިނަ ދުވަސްވީ އެއް އުއްމީދު ހާސިލްކޮށް އޭނާ ވަނީ ކައްކާ ފޮތެއް ނެރެފަ އެވެ. އެއީ ބޭބެ ހަނދާނުގައި، އެންމެންނަށް އޭނާ ކުރާ ހަދިޔާއެކެވެ.
ފާތުންގެ ފޮތް "ރަސްރަހަ"އިގެ ބޭރުގަނޑު. ފޮޓޯ: ނިޝާން އަލީ/ މިހާރު
ދިވެހިންނަށް އެންމެ ކަމުދާ ބާވަތްތަކުގެ ރެސިޕީތައް ހިމަނާފައިވާ "ރަސްރަހަ" އަކީ ބޭބެ އަލީ ޒުހުރީގެ މަރާ އެކު ކުރިމަތިވި ހިތްދަތިކަމުގައި ފާތުން ކުލަ ޖައްސަން ފެށި ހުވަފެނެކެވެ. އެ ފޮތް ވުޖޫދަށް ގެންނަން 14 އަހަރު ހޭދަވިޔަސް އަދި، އަތްމަތި ދަތިކަމުން، ފޯނުން ނަގާފައިވާ އާދައިގެ ފޮޓޯތަކެއް އޭގައި ޖަހަން ޖެހުނަސް، ފާތުން އެ ވަނީ ކެންސަރާއި ދިރިއުޅުމުގެ އެތަކެއް ގޮންޖެހުންތަކުގެ ތެރެއިން އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.
"ދޮންބެ ކެންސަރު ޖެހިގެން އިންޑިއާގައި އުޅުނު އިރު ހިތަށްއެރީ، ދޮންބެގެ ނަމުގައި ފޮތެއް ނެރޭނަމޭ. ފޮތް ވިއްކާފައި ލިބޭ އެއްޗެއް، ކެންސަރާ ގުޅޭ ކަމަކަށް ދޭނީއޭ. އެ ނިޔަތުގައި ފޮތް ލިޔަން ފެށީ ވެސް،" ފާތުން، 49، ބުންޏެވެ.
ފާތުން އޭނާ ތައްޔާރުކުރި ޑިޝްއަކާ އެކު
އެކަމަކު ބޭބެއާ އެކު މާލޭގައި ދިރިއުޅެމުން ދަނިކޮށް ބޭބެ ބަލިވި ހިސާބުން ފާތުންގެ އަމިއްލަ ދިރިއުޅުން ވެސް މަޑުޖައްސާލަން މަޖުބޫރުވި އެވެ. މާލޭގައި އުޅެވޭ ވަރަށް ވުރެ މާލީ ހާލަތު ދަށްވެ، ބޭބެގެ ކުއްޖަކާއި އަމިއްލަ ދެ ކުދިން ގޮވައިގެން އޭނާ ބަދަލުވީ ފިރިމީހާގެ ރަށަށެވެ. ކުޑަ ތިން ކުދިން ބަލަމުން ތިން، ހަތަރު ރެސިޕީ އަށް ވުރެ ކުރިއަކަށް ނުދެވުނެވެ. މާލެ އައި ތަނުން ބޭބެ މަރުވެ، ފާތުން ހޭބޯނާރާ އުޅެން ފެށީ އާމްދަނީ ހޯދަން މަސައްކަތް ކުރުމުގަ އެވެ. ފޮތެއް ލިޔާކަށް ވަގުތެއް ނެތެވެ. އެކަމަކު އޭނާ އަށް ކެންސަރު ޖެހުނުކަން އެނގުނު ހިސާބުން އެ ހިތްވަރު ކަށިން ނެރުނީ އެވެ.
"ވަގުތު ނުވެގެން އުޅެނިކޮށް އަޅުގަނޑަށް ކެންސަރު ޖެހުނީ. އެ ހިސާބުން ހިތަށްއެރީ ހަމަ ފޮތުގެ މަސައްކަތް ކުރާނީއޭ. ވަޒީފާ އަށް ދަމުން، ކީމޯ ނަގަމުން ރެސިޕީތައް ލިޔަމުން ގެންދިޔައީ. ދެން ޔޫކޭ އަށް ގޮސް ވެސް ކިޔަވަމުން، ކީމޯ ނަގަމުން ދިޔަ އިރު ވެސް ހުއްޓައެއް ނުލަން. ރެސިޕީތައް ލިޔެ ނިމިއްޖެ 2013ގައި. މިހާ ގިނަ ދުވަސް ވީ، ލޭއައުޓް އެންޑް ޑިޒައިނިން އާއި އެޑިޓިން މަސައްކަތް ކުރަން މީހުންނާ ހަވާލުކޮށްގެން،" ފާތުން ކިޔައިދިނެވެ.
"ރަސްރަހަ" ލިޔުމުގައި ފާތުން ބޭނުންކުރީ ކެއްކުމުގައި އޭނާގެ އަމިއްލަ ތަޖުރިބާ އެވެ. ވިސްނުން ބެހެއްޓީ އެކި ގައުމުތަކުގެ ރެސިޕީތަކަށާއި އެ އެއްޗެހީގެ އަގަށާއި މިންވަރަށެވެ.
"ބޮޑަށް ބެލީ ރާއްޖޭގައި މީހުން މިހާރު ކާހިތްވާ އެއްޗެހި ހިމަނަން،" ހއ. ފިއްލަދު އަށް އުފަން ފާތުން ބުންޏެވެ.
"ހުރިހާ އެންމެންނަކީ އިންޓަނެޓުން ރެސިޕީ ނަގައިގެން ކެއްކޭ ވަރުގެ މީހުންނެއް ނޫން، ޚާއްސަކޮށް ރަށްރަށުގައި އުޅޭ މީހުން."
"ރަސްރަހަ" ފޮތް. ފޮޓޯ: ނިޝާން އަލީ/ މިހާރު
ބޭބެގެ ހަނދާނަށް ފާތުން ޚާއްސަކޮށްފައިވާ ފޮތުން ހުރިހާ މަންފާއެއް ލިބޭނީ ކެންސަރަށް ހޭލުންތެރިކުރުމުގެ މަސައްކަތަށެވެ. އޭނާ ނިންމާފައި ވަނީ ފޮތް ޑިޒައިންކުރުން ކަހަލަ ކަންކަމަށް ކުރަން ޖެހުނު ކުދިކުދި ޚަރަދުތައް ކަނޑާފައި ދެން ހުންނަ ހުރިހާ އެއްޗެއް ކެންސަ ސޮސައިޓީ އަށް ހަދިޔާކުރާށެވެ.
"މުހައްމަދު ވަހީދުއްދީން (ޑީން) އާއި ލިލީ އިންޓަނޭޝަނަލްގެ އެހީތެރިކަމާ އެކީގައި އެންމެ ފަހުން ފޮތް މި ނެރެވުނީ. ޗާނދަލިއާ ބުކްޝޮޕަށް މި ލަނީ. އިތުރު ބުކްޝޮޕްތަކަށް ވެސް ލާން މަސައްކަތްކުރާނަން،" އޭނާ ބުންޏެވެ.
މިހާރު ބަދިގެއާ މުޅިން ދުރުގައި އުޅުނަސް، ފާތުންގެ ހަގީގީ ލޯތްބަކީ ކެއްކުމާއި ކެއްކުން ކިޔަވައިދިނުމެވެ. ކުރިއެކޭ އެއްގޮތަށް އެ ދެ ކަންތަކަށް އެނބުރި ދާން އޭނާ ބޭނުންވެ އެވެ. ޗުއްޓީ ނަގައިގެން އައިސް މާލޭގައި ހުރި ދަނޑިވަޅުގައި މި ރޯދަ މަހު ވީޓީވީގެ ޕްރޮގްރާމަކަށް 30 ޑިޝް ވެސް ހަދައިދީފި އެވެ. އެކަމަކު މި ވަގުތަށް ހުރިހާ ގޮތަކުން ވެސް ފާތުން އަށް އެންމެ ރަނގަޅު އިޚްތިޔާރަކީ ބަނޑޮހުގެ ވަޒީފާ އެވެ.
ބޮޑެތި އެތައް ކަމަކުން ފާތުން އަރައިގަތީ އެއްފަހަރާ އެތަކެއް ގޮންޖެހުންތަކަކާ އަމިއްލަ އަށް ކުރިމަތިލައިގެންނެވެ. ތިން ކުދިން ލިބުނު ފަހުން ކައިވެނި ރޫޅުމެވެ. އަތްމަތި ދަތިވުމެވެ. އުރަމަތީގެ ކެންސަރު ޖެހި ކީމޯތެރަޕީގައި ގާތްގަނޑަކަށް ދޮޅު އަހަރު ދުވަސް ހޭދަކުރުމެވެ. ކުދިން ގޮވައިގެން ބޭރު ގައުމެއްގައި އުޅެމުން ކިޔެވުމެވެ. އެ ތަޖުރިބާ އިން އޭނާ ބުނަނީ އަންހެނަކަށް ވިޔަސް އަރައިނުގަނެވޭނެ ހާލަތެއް، ހާސިލް ނުކުރެވޭނެ ކާމިޔާބީއެއް ނެތް ކަމަށެވެ. ތެދެކެވެ؛ "ރަސްރަހަ" އިން ފާތުން އަނެއްކާވެސް އެ ސާބިތުކޮށްދިނީ އެ ކަމެވެ.
ޑިޓިއުންގެ ލަވައިން ކެންސަރުބަލީގެ ޗެމްޕިއަނުންގެ ވާހަކަ
ކެންސަރާ ގުޅޭ ދުވުމުގައި ބީއެމްއެލް އިން ބައިވެރިވަނީ
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
ކެންސަރަށް ފަހު ދިމާވާ ގޮންޖެހުންތަކާބެހޭ ފޮތެއް
ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ހީނާ ބޯ ބާލައިފި
ހީނާ އަށް އުރަމަތީ ކެންސަރު ޖެހިގެން ފަރުވާ ކުރަނީ
ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި
ޓީވީ ތަރި، ޗަވީ އަށް އުރަމަތީގެ ކެންސަރު ޖެހިއްޖެ
ކެންސަރު ބަލިކުރެވޭނެ، މި ކިޔައިދެނީ ތަޖުރިބާ!
އުރަމަތީ ކެންސަރުގެ މުހިއްމު ވާހަކަތައް