Roadha Mihaaru
ބޮޑުހިލައަށްވުރެ މުހިންމު ވާނީ ސިއްހަތާއި ތައުލީމް

ބޮޑުހިލައަށް ވުރެ މުހިންމު ވާނީ ސިއްހަތާއި ތައުލީމާއި އާމްދަނީ: އިލްޔާސް

08 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބު ކާމިޔާވުބެ ޑިމޮކްރެޓްސްގެ ވެރިކަމެއް ގާއިމްވެއްޖެނަމަ، ރަށްރަށުގައި ބޮޑު ހިލަ ޖެހުމަށް ވުރެ މުހިންމު ކަން ދޭނީ ސިއްހަތާއި ތައުލީމާއި އާމްދަނީ އިތުރުކުރަން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރިޔާސީ އިންތިހާބު ކާމިޔާވުބެ ޑިމޮކްރެޓްސްގެ ވެރިކަމެއް ގާއިމްވެއްޖެނަމަ، ރަށްރަށުގައި ބޮޑު ހިލަ ޖެހުމަށް ވުރެ މުހިންމު ކަން ދޭނީ ސިއްހަތާއި ތައުލީމާއި އާމްދަނީ އިތުރުކުރަން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

އިލްޔާސްގެ ކެމްޕެއިން ނިންމުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އެކި ރަށްރަށުުން ލައްކައެއްހާ މީހުން މާލެއަށް ހިޖުރަ ކޮށްގެން ދިރިއުޅެމުން އަންނައިރު، އެކަމުގައި އެކި ސަބަބުތައް އެބަހުރި ކަމަށެވެ.

"ދިރިއުޅެމުން އަންނައިރު އެ މީހުންނަށް ހުރި ދަތިތަކަކަކީ ކޮބައިތޯ. ކޮންކޮން ކަންތައްތަކަކުންތޯ އެ މީހުން މަހުރޫމްވެފައި ވަނީ. އެމީހުން މާލޭގައި އުޅެން ބޭނުންވަނީ އުޅެން ބޭނުން ވެގެންތޯ. ކީއްވެގެންތޯ އެ މީހެއްގެ އަތޮޅުގައި ރަށުގައި ނުވަތަ އެހެން ރަށެއްގައި ދިރިނޫޅެނީ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަށުން މާލެއަށް ހިޖުރަކުރާ މައިގަނޑު އެންމެ ބޮޑު ސަބަބަކީ ރަށުން އެކަށީގެންވާ އާމްދަނީ އާއި ރަނގަޅު ސިއްހީ ފަރުވާ އާއި ދަރިންނަށް އެކަށީގެންވާ ތައުލީމު ނުލިބުން ކަމަށެވެ. އަދި ގިނަ ރަށްރަށުގައި ރަނގަޅު އިޖުތިމާއީ ހިދުމަތްތައް ނުލިބޭ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ މި ކަންކަން ހައްލުކޮށްދެއްވުމަށް ކަމަށެވެ.

އިލްޔާސް ނުކުމެ ހުރީ މާލޭގެ ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންގެ ހައްގުގައި އެ މީހުން އެދޭ ކަންކަން ކޮށްދިނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޖުރަ ކުރުން ހުއްޓުވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަނގަޅު ކުރާނީ ހަމައެކަނި އިމާރާތް ނޫން ކަމަށާއި ޑޮކްޓަރުންގެ ފެންވަރު ރަނގަޅުކޮށް އިތުރު ސިއްހީ ހިދުމަތްތެރީން ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޓާޝަރީ ފެންވަރުގެ އިތުރު ހޮސްޕިޓަލުތައް ބިނާކޮށް، ރަނގަޅު ހިދުމަތްް ލިބޭނެ ކަމަށެވެ .

"އަޅުގަނޑުގެ ސަރުކާރެއްގެ ބޮޑު ހިލައަށް ވުރެ އިސްކަން ދޭނީ ސިއްހަތާއި ތައުލީމަށް. ސިއްހަތާއި ތައުލީމާއި އާމްދަނީއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކަން ކުރާނަން، މިކަން ކުރުމުގައި ދެމިތިބޭނަން،" އިލްޔާސް ވިދާޅުވި އެވެ.

"އެ މީހުންގެ ހައްގުގައި ވެސް، މި މާލޭގެ ރައްޔިތުންގެ ހައްގުގައި ވެސް. މި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ވެސް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި އަޅުގަނޑު ދެމިހުންނާނަން،"

އިލްޔާސް ވިދާޅުވީ ވެރިކަމަށް އަންނަނީ ވެރިކަމަށް އަންނަނީ ރައްޔިތުން ބޭނުންވާ ވަޒީފާއާއި އެލަވަންސް ބޭނުންވާ ހުރިހާ ކަމަކާ ހަވާލުވާން ކަމަށާއި އެ މަސައްކަތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ދެރަ ގޮތެއް ނުވާނެ ކަމަށާއި ރާއްޖޭގެ ތަރައްގީކުރުމުގައި އެކުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.