Roadha Mihaaru
ބޯހިޔާވަހިކަމަށް ޝަރުތަކީ 18 އަހަރުވުން: އިލްޔާސް

ބޯހިޔާވަހިކަން ދޭން އޮތް ހަމައެކަނި ޝަރުތަކީ 18 އަހަރު ފުރުން: އިލްޔާސް

04 ސެޕްޓެމްބަރ 2023

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ގެންގުޅޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ބޯހިޔާވަހިކަން ލިބެންޖެހޭ ކަމަށް ބަލާނެ ހަމައެކަނި ޝަރުތަކީ އެ މީހެއްގެ އުމުރުން 18 އަހަރު ފުރުން ކަމަށާއި އެއީ މީހަކު ހާލުގައި ޖެހުމުން އެކަނި ލިބެންޖެހޭ ހައްގެއް ނޫން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ގެންގުޅޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ބޯހިޔާވަހިކަން ލިބެންޖެހޭ ކަމަށް ބަލާނެ ހަމައެކަނި ޝަރުތަކީ އެ މީހެއްގެ އުމުރުން 18 އަހަރު ފުރުން ކަމަށާއި އެއީ މީހަކު ހާލުގައި ޖެހުމުން އެކަނި ލިބެންޖެހޭ ހައްގެއް ނޫން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ގެންގުޅޭ "އުތުރާއި ދެކުނުގެ ތަސައްވުރު" ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ބަލަނީ އެންމެ ޝަރުތަކަށެވެ.

"އަޅުގަނޑުމެން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ޝަރުތު ހަމަވާ ހަމައެކަނި، އެންމެ ކަމެއް ބަލަނީ. އަށާރަ އަހަރު ވީމަ އެ ޝަރުތު ހަމަވީ. ކޮންމެ ތަނަކުން ވެސް. އަށާރަ އަހަރު ވީމާ ޝަރުތު ހަމަވީ، ބޯހިޔާވަހިކަން ލިބެންޖެހޭނީ އޭނާ ހާލުގައި ޖެހިފައި ބިކަވީމަކާ ނޫން،" ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ޑިމޮކްރެޓްސްގެ ސިޔާސަތު ކަމަށާއި އެ ގޮތަށް ކަންތައް ކުރެވޭނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ މެނިފެސްޓޯގައިވާ ގޮތުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ކައުންސިލް ހައުސިން، ރާއްޖޭގެ ހުރިހާ ރަށެއްގައި ހަދާނެ އެވެ. ކައުންސިލް ހައުސިންގައި، ފުދުންތެރިކަން ކުޑަ އާއިލާތަކަށް ހިލޭ، ވަގުތީ ބޯހިޔާވަހިކަން ދޭނެ އެވެ. އަދި މިފަދަ އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް ތައުލީމާއި ތަމްރީން ޕްރޮގްރާމްތައް ހިންގައި އިގްތިސާދީ ޕްރޮގްރާމްތަކާ ގުޅުވާލަދޭނެ އެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމަކީ އަސާސީ ބޭނުމެއްގެ ގޮތުގައި ކަނޑައަޅައި ގެދޮރު އެޅުމާއި ގަތުމަށް ފަސޭހައިން ފައިސާ ލިބޭނެ ގޮތްތައް ހަމަޖެއްސުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ބޯހިޔާވަހިކަމުގެ ވަކިވަކި މަޝްރޫއުތައް ހުއްޓުވައި އެއީ ކައުންސިލްތައް މެދުވެރިވެގެން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުން ވެސް މެނިފެސްޓޯގައިވެ އެވެ.

ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މާލޭގައި 25،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވެ އެވެ. އެއީ ޑިމޮކްރެޓްސް އިން ހުށަހަޅާ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލޭ އެންމެ ތޮއްޖެހިފައިވާ 10 ކޮށިން ތަނަވަސް ބޯހިޔާވަހިކަމަށް އެދޭ އާއިލާތަކަށް އަލަށް ފަސް ކޮއްޓެއްގައި އިމާރާތްކުރާ ކޮންޑޮމީނިއަމް ޔުނިޓްތަކަށް ބަދަލުވުމުގެ ފުރުސަތު ދީގެން ހިންގާ ޕްރޮގްރާމަކުންނެވެ.

ޑިމޮކްރެޓްސް އިން ވަނީ މާލޭގެ އެންމެ ބަންދު ބޮޑު 10 ބްލޮކްގެ 18 އަހަރުން މަތީގެ 4187 ރަށްވެހިންނަށް ސީދާ އެޑްރެސްކޮށް، އިލްޔާސް ސޮއިކުރައްވައި މި ސިޔާސަތާ ބެހޭ ގޮތުން ސިޓީ ފޮނުއްވައިފަ އެވެ.