03 ސެޕްޓެމްބަރ 2023
ރާއްޖޭގައި މިވަގުތު އޮތް ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހުށަހަޅުއްވާ ހައްލަކީ ފަރުދުންގެ އާމްދަނީ އިތުރުކޮށް، ގޭބިސީތައް ތަނަވަސްކުރުން ކަމަށް "ދަ ޑިމޮކްރެޓްސް"ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިވަގުތު އޮތް ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހުށަހަޅުއްވާ ހައްލަކީ ފަރުދުންގެ އާމްދަނީ އިތުރުކޮށް، ގޭބިސީތައް ތަނަވަސްކުރުން ކަމަށް "ދަ ޑިމޮކްރެޓްސް"ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނާ އެކު ބޭއްވި ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އޭނާ ވެރިކަމަށް އަންނަ މަގުސަދަކީ ފަރުދުންގެ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ ފަރުދުންގެ އާމްދަނީ އިތުރުވަމުންދާ ތަނެއް. އެ އިތުރު ކުރަން ޖެހޭ. އަޅުގަނޑުމެން އިރާދަކުރެވިއްޔާ ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދޭނަން، ކޮން ރައްޔިތެއްގެ އާމްދަނީ އިތުރުވެގެން ދިޔައީ، އަޅުގަނޑުމެން މި އަންނަނީ އެކަން ކުރެވޭނެ ކަންކަން ކުރަން،" އިލްޔާސް ވިދާޅުވި އެވެ.
އެކަން ކުރައްވާނެ ޕްލޭންތައް ވެސް އޭނާ ހިއްސާކުރެއްވި އެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ 75،000 ގެސްޓްހައުސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅޭނެ ގޮތް ހެދުމެވެ. އަދި ޓިކެޓް އަގު އެއް ހަމަ ކުރުމާއި ރިސޯޓް މުވައްޒަފުންގެ މިނިމަމް ވޭޖްގެ ފަރަގު ކުޑަކުރުމާއި ސާވިސް ޗާޖު ފުރިހަމައަށް ލިބޭނެ ގޮތް ހަދަން އިލްޔާސްގެ ޕްލޭންގައިވެ އެވެ.
ހަމައެއާއެކު، އިލްޔާސް ފާހަގަ ކުރައްވާ ގޮތުގައި އޭނާގެ "ފަސޭހަ ވިޔަފާރި" ޕޮލިސީގެ ދަށުން ވެސް ޒުވާނުންނަށް އަލަށް ވިޔަފާރިތައް ފެށުމަށް ގިނަ ފުރުސަތުތަކެއް ދޭނެ އެވެ. އަތުގައި ލޯ ލާރިއެއް ނެތަސް، މޯގޭޖްކުރާނެ އެއްޗެއް، އިކުއިޓީއެއް ނެތް ނަމަވެސް، ވިޔަފާރި ޕްރޮޕޯސަލް ހުށަހެޅުމުން ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި، އާންމު ފަރުދުންގެ އާމްދަނީ މި ސަރުކާރަށް އިތުރުކޮށެއް ނުދެވުނެވެ.
ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެ، 2026 ވަނަ އަހަރު ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާއިރު، އެކަން ކުރެވޭނެ ނިޒާމަކަށް ވެސް އިލްޔާސް އަށް ފެންނަ ކަމަކީ ފަރުދުންގެ އާމްދަނީ އިތުރުކުރުމެވެ. ފަރުދުންގެ އާމްދަނީ އިތުރުކުރުމުން، ގައުމުގެ އިގުތިސޯދު ވެސް ކުރިއަރައި، މަސައްކަތްތެރިކަން އިތުރުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ، މި ސަރުކާރަށް ކަން ކުރަން ނޭނގުނު ނަމަވެސް، އޭނާއަށް ދަރަނިތައް އަދާކުރާނެ ގޮތް އެނގިވަޑައިގަންނަވާ އެވެ. އެގޮތުން، ދަރަނިތައް ރީސްޓަރަކްޗާކޮށް ގްރާސް ޕީރިއަޑް އިތުރުކުރުމަށް މަސައްކަތް ކުރާނެ އެވެ. އަދި ޓެކްސް ބޭސް ބޮޑުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވި ގޮތުގައި، ކަންމަތީ ފިހާރަތަކުންނާއި ކުދި ވިޔަފާރިތަކުން ޓެކްސްއެއް ނުނަގައި، ބޮޑެތި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކުރާނެ އެވެ.
ސަންގު ބަހުސްގައި އިލްޔާސް ވާހަކަ ދައްކަވަނީ: ވިދާޅުވީ އާންމު ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދެއްވާނެ ކަމަށް - ފޮޓޯ: ސަންގު
އިލްޔާސް ވަނީ އޭނާގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ ގިތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ބައެއް ކޮށިތައް ހުސްކޮށް އެ ތަންތަނުގައި 15 ބުރީގެ އެޕާޓްމެންޓް ޓަވަރުތައް އަޅަން ނިންމާފައިވެ އެވެ. އަދި އެ ތަންތަނަށް ބަދަލުވުމުގެ ފުރުސަތުދީ، ބިން ދޫކޮށްލައި މީހުންނަށް ބިމަށްވާ ފައިސާ ދޭނެ އެވެ. މިހާރު ޕްލޭންކޮށްފައިވާ ގޮތުން މާލޭގައި 7،500 އެޕާޓްމެންޓް އުފެދިގެންދާނެ އެވެ.
އަދި، އަމިއްލަ ގޭގެ އިމާރަތްކުރަން ބޭނުންވާ މީހުންނަށް ސަރުކާރުން ގެރެންޓީ ދީގެން ފައިނޭންސް ހަމަޖައްސައިދޭން ވެސް އިލްޔާސް ވައުދުވެވަޑައިގަތެވެ.
"ރާއްޖެއަކީ ތަނަވަސް ގައުމެއް. އާންމު ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރަން ޖެހޭ، ފަރުދީ ތަނަވަސްކަން އިތުރު ކުރާނެ ގޮތް ހޯދައިދޭނަން،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ފާހަގަކުރެއްވި ގޮތުގައި އޭނާގެ ފޮރިން ޕޮލިސީއަކީ އެއްވެސް ގައުމަކާ ދެކޮޅު ނުވުމެވެ. ވަކިން ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް، ކަންކަން ސިއްރުން، ވަންހަނާވެ ތިބެ ނުކުރާނެ ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ނުވަތަ ނޫންކަން ސާފުވާން ޖެހޭ ކަމަށެވެ. އަދި ގައުމުތަކާ އެކު ހަދާ އެއްބަސްވުންތައް ވެސް އާންމުކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އެހެން ގައުމެއްގެ ސަލާމަތީ ބާރުތަކުން ބާރު ނުފޯރުވޭނެ، ކަންކަން ސިއްރުކުރާކަށް ނުޖެހޭ. ވަންހަނާކުރާކަށް ނުޖެހޭ. އެގޮތަކަށް ނޫން ސަރުކާރު ހިންގަން ޖެހޭނީ. ސިފައިން ތިބިތޯ ނެތްތޯ ސާފުކޮށް ބުނަން ޖެހޭނެ. ސިއްރު ކުރާކަށް ނުޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި، ޗާގޯސް މައްސަލާގައި ރާއްޖެއަށް ގެއްލުނު ކަނޑުގެ އަނބުރާ ހޯދުމަށް ވެސް އޭނާ މަސައްކަތް ކުރައްވާނެ އެވެ. އޭނާ ވަނީ ޗައިނާ އާއެކު ވެސް ގުޅުން ބާއްވާނެ ކަަމަށް ވެސް ވިދާޅުވި އެވެ. ވިދާޅުވީ، ޗައިނާގެ އިގުތިސޯދުގެ ފައިދާ ރާއްޖޭން ނަގަން ޖެހޭ ކަމަށެވެ.
ސަންގު ބަހުސްއަށް އިލްޔާސް ވަޑައިގަންނަވަނީ: ވިދާޅުވީ އާންމު ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދެއްވާނެ ކަމަށް - ފޮޓޯ: ސަންގު
އިލްޔާސް ވިދާޅުވީ ރާއްޖޭގެ ސަލާމަތަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ހައްދުފަހަނައަޅައިދިޔުމާއި ޑްރަގް ޓްރެފިކިން ކަމަށެވެ. ޑްރަގު ޓްރެފިކިން ފަދަ ވިޔަފާރިތަކުގައި އުޅޭ މީހުން އެކަމުގައި އުޅެނީ އިލްޔާސް ވިދާޅުވި ގޮތުގައި، އެމީހުންނަށް ވިޔަފާރި ކުރާނެ އެހެން ފުރުސަތުތައް ނެތުމުންނެވެ. އެހެންވެ، އޭނާ ހުށަހެޅުއްވަނީ "ފަސޭހަ ވިޔަފާރި"ގެ ފުރުސަތު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހުރިހާ ވެސް އަމާޒަކީ ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދިނުމާއި އިންސާފު ހޯދައިދިނުމެވެ. ކުރީގެ ރައީސުންގެ ފަހަތުން ދުވެ ބަދަލު ހިފުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި މަސައްކަތް ކުރާނީ ރައްޔިތުން ތިބި އަޅުވެތިކަމުން ސަލާމަތް ކުރުމަށް ކަމަށެވެ. އެގޮތުން، ވަޒީފާގެ ބިރުން މިންޖުކޮށް މިނިވަންކަން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއޮތީ މިހާރު ވެސް ދެވަނަ ބުރުގައި. ފެށިއިރު ވެސް ތިބީ މޮޅުވެގެން. މަސައްކަތް މި ކުރަނީ ކޮންމެ ގެއެއްގެ އާމްދަނީ އިތުރުކުރަން. މީހަކަށް ސަލާން ނުޖަހައި ބޭސް ކުރެވޭނެ ގޮތެއް ހޯދައިދޭން. ޗުއްޓީއަށް ދެވޭނެ ގޮތް ހޯދައިދޭން،" އިލްޔާސް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އެދެނީ 25 ގައި ނިޒާމީ ވޯޓު ނަގަން
ތިން މަހުގެ ކެމްޕެއިނުން ދައުލަތް ބަލިކޮށްފިން: އަމްރު
ޑިމޮކްރެޓްސް އޮތީ ޕާޓީތަކާ އެކު މަޝްވަރާއަށް ތައްޔާރަށް
މުއިއްޒާ ގުޅޭނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
ޑިމޮކްރެޓްސްއިން ފަރުދުން ފުދުންތެރިކުރުވާނެ: އީވާ
ބޮޑުހިލައަށްވުރެ މުހިންމު ވާނީ ސިއްހަތާއި ތައުލީމް
އިލްޔާސް: ފަރުދުންގެ އާމްދަނީ އިތުރުކުރަން ޕްލޭނަކާއެކު
އިލްޔާސަށް ޔަގީން، ކޯލިޝަނާ މެދު ގޮތެއް ނުނިންމާ
އުތުރާއި ދެކުނަށް އިލްޔާސްގެ އިންގިލާބީ ހުށަހެޅުމެއް
ބޯހިޔާވަހިކަމަށް ޝަރުތަކީ 18 އަހަރުވުން: އިލްޔާސް