Roadha Mihaaru
އައްޑޫ ތަރައްގީކުރެވޭ ކެންޑިޑޭޓަކީ އަޅުގަނޑު: އިލްޔާސް

އައްޑޫ ރައްޔިތުންގެ ތަރައްގީ ތަސައްވަރު އަޅުގަނޑަށް ވުރެ ބޮޑަށް އެނގޭނެ ކެންޑިޑޭޓަކު ނެތް: އިލްޔާސް

07 ސެޕްޓެމްބަރ 2023

އައްޑޫ ތަރައްގީކުރާނެ ގޮތުގެ ތަސައްވުރަކާއި ޕްލޭނެއް އެ ސިޓީގެ ރައްޔިތުން ގެންގުޅޭ ކަމަށާއި އެ ތަސައްވުރު އޭނާއަށް ވުރެ ބޮޑަށް އެނގޭނެ އިތުރު ބޭފުޅަކު ނުހުންނާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އައްޑޫ ތަރައްގީކުރާނެ ގޮތުގެ ތަސައްވުރަކާއި ޕްލޭނެއް އެ ސިޓީގެ ރައްޔިތުން ގެންގުޅޭ ކަމަށާއި އެ ތަސައްވުރު އޭނާއަށް ވުރެ ބޮޑަށް އެނގޭނެ އިތުރު ބޭފުޅަކު ނުހުންނާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިލްޔާސް ވިދާޅުވީ އެކި ފަހަރުމަތިން، ސިޔާސީ މީހުން އައްޑޫއަށް އައިސް އެކި ދަޅަތައް ދައްކައިފި ކަމަށެވެ. އެ ދަޅަތައް އައްޑޫ ރައްޔިތުން ބަލައި އަޑު އަހައިފައިވާ ކަމަށާއި 2018 ވަނަ އަހަރު ވެސް އެކަން ތަކުރާރު ވިޔަސް ކަންކަން ދިޔައީ ގޯހުން ގޯހަށް ކަމަށް ވިދާޅުވި އެވެ.

އައްޑޫއަށް 7000 ޓޫރިސްޓު އެނދު އިތުރުކުރާނެ ކަމަށާއި ފަސް ގައުމުން ގަމުގައި ފްލައިޓު ޖައްސާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް ކުރިން ހުރި އެނދުތައް ވެސް ބަންދުކޮށް، ކުރިން ޖެއްސި ފްލައިޓުތައް ވެސް މިހާރު ނުޖައްސާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

މި އައްޑޫ ރައްޔިތުންގެ، މި ރާއްޖޭގެ ރައްޔިތުންގެ ތަސައްވުރެ، ވިސްނުމެއް ތަރައްގީކުރުމުގައި ބޭނުންވަނީ ކޮން ކޮން ކަމެއްތޯ އެނގިވަޑައިގަންނަވާ ބޭފުޅަކު ނުހުންނާނެ އަޅުގަނޑަށް ވުރެ ބޮޑަކަށް: އިލްޔާސް

އޭނާ ވިދާޅުވީ އައްޑޫ ރައްޔިތުން ތިބީ އަންނަ ހޮނިހިރު ދުވަހުގެ އިންތިހާބުގައި ރައީސް "ގެއަށް ފޮނުވާލަން" ތައްޔާރަށް ކަމަށެވެ.

"މި އައްޑޫ ރައްޔިތުންގެ، މި ރާއްޖޭގެ ރައްޔިތުންގެ ތަސައްވުރެ، ވިސްނުމެއް ތަރައްގީކުރުމުގައި ބޭނުންވަނީ ކޮން ކޮން ކަމެއްތޯ އެނގިވަޑައިގަންނަވާ ބޭފުޅަކު ނުހުންނާނެ އަޅުގަނޑަށް ވުރެ ބޮޑަކަށް،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، އައްޑޫ ތަރައްގީކުރަން ނޭނގޭ ބަޔަކަށް ނޭނގޭނެ ކަމަށާއި އޭނާ އަންނަނީ އެކަން ކުރަން ކަމަށެވެ. އަދި، އެކަން ކުރާނެ ގޮތް އޭނާއަށް ވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ވެސް އައްޑޫއަށް އުފަން އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަނޑު މި އަންނަނީ އެކަން ކުރަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކޮށްފައި ތިބޭފުޅުންނަށް ދައްކާނަން، އަޅުގަނޑުމެންނަށް އެނގޭ އެކަން ކުރެވޭނެ ގޮތް. ފައިސާ ހޯދާނެ ގޮތް ވެސް އެނގޭ. މިތަނުގައި ފަށާނެ ގޮތާއި ގޮސް ނިންމާނެ ގޮތް އެނގޭ. ޕްލޭނެއް އެބައޮތް. މިކަން ކުރަން ނޭނގޭ ބަޔަކަށް ނޭނގޭނެ،" އިލްޔާސް ވިދާޅުވި އެވެ.

"މި އައްޑޫ ރައްޔިތުންގެ، މި ރާއްޖޭގެ ރައްޔިތުންގެ ތަސައްވުރެ، ވިސްނުމެއް ތަރައްގީކުރުމުގައި ބޭނުންވަނީ ކޮން ކޮން ކަމެއްތޯ އެނގިވަޑައިގަންނަވާ ބޭފުޅަކު ނުހުންނާނެ އަޅުގަނޑަށް ވުރެ ބޮޑަކަށް، ނުހުންނާނެ ވަރަށް ކެރިގެން މި ދަންނަވަނީ."

އައްޑޫއަށް އޭނާ ގެންގުޅުއްވާ ތަރައްގީގެ ތަސައްވަރު ހާމަކުރައްވަމުން ވިދާޅުވީ އައްޑޫ ހިތަދޫ ޕޯޓަކީ މުޅި ރާއްޖޭގެމުހިންމު ޕޮއިންޓެއްކަން ހުރިހާ ރައްޔިތުންގެ ވެސް ގަބޫލުކުރާ ކަމަށާއި އެ ތަން އިންޓަނޭޝަނަލް ޓްރާންސްޝީޕްމެންޓް ބަނދަރަކަށް ހަދައި ރީއެކްސްޕޯޓުކުރެވޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އައްޑޫ ހިތަދޫގައި ބޭއްްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ. -- ފޮޓޯ: ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އައްޑޫ ހިތަދޫގައި ބޭއްްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ. -- ފޮޓޯ: ޑިމޮކްރެޓްސް

"މިތަނުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ޑިއުޓީ ފްރީކޮށް މުދާ ބަހައްޓާފައި ނެރެ އެތިކޮޅަށް ޑިއުޓީ ދައްކާފައި ނިޒާމެއް ހަދައިގެން ނޫނީ މިތަން ތަރައްގީ ކުރެވޭކަށް ނެތް. މި ބަނދަރާ އެކު ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވަން ބޭނުންވޭ، ޓޫރިޒަމް ކުރިއަރުވަން ބޭނުންވޭ،" އިލްޔާސް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ރިސޯޓު ހުރިއިރު އެ ރިސޯޓުތަކުން ފައިދާ ވާނީ ކާކަށްތޯ އިލްޔާސް ވަނީ ސުވާލުކުރައްވައިފަ އެވެ. އަދި، ޓޫރިޒަމް އައި ފަހުން ދައުލަތުގެ އާމްދަނީ އެތައް ތަނެއް މައްޗަށް ދިޔައިރު، އާމްދަނީ މަތިވީ ކޮން ދިވެހި ރައްޔިތެއްގެތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ. އިލްޔާސް ވިދާޅުވީ އުތުރާއި ދެކުނުގައި ވެސް ޓޫރިޒަމް ފުޅާ ކުރަން ޖެހޭ ކަމަށާއި އޭނާގެ ސަރުކާރެއްގައި ފުރަތަމަ ތިން އަހަރަށް ޓީޖީއެސްޓީ އެކީ ކަނޑާލާނެ ކަމަށެވެ.

"މި އަންނަ ފަސް އަހަރަކީ ތި ބޭފުޅުންގެ އާމްދަނީ އިތުރުކުރާ ފަހަރު. ތިބޭފުޅުންގެ ފަރުދީ ތަނަވަސްކަން އިތުރުކުރާ ފަހަރު. ތިބޭފުޅުން ގެއަށް ވަންނަ ފައިސާ އިތުުރުކުރާ ފަހަރު. ތިބޭފުޅުންގެ ފަހުރުވެރި ހަޔާތެއް ބިނާކުރާ ފަހަރު،" އިލްޔާސް ވިދާޅުވި އެވެ.

އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން 85 ޒޯނެއްގައި ގެސްޓު ހައުސް އަޅަން ގޯތި ދޫކޮށްފައިހުރިއިރު، ފައިސާ ނެތިގެން އެތަނުގައި ހުރީ ގެސްޓު ހައުސް ނޭޅި ކަމަށް އިލްޔާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ފުރަތަމ މަހުން ފެށިގެން އެކަން ކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

"އަޅުގަނޑު މި އަންނަނީ އެ ގެސްޓުހައުސްތަކަށް ގޯތި ނެގި ފަރާތްތަކަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުގެ ސަރުކާރެއްގައި ފުރަތަމަ މަހުން ފެށިގެން އެޅޭނެ އިންތިޒާމު ހަމަޖައްސަން. އެ ގެސްޓުހައުސްގެ މަންފާ ތިބޭފުޅުންނަށް ފޯރުކޮށްދޭނަން،" އިލްޔާސް ވިދާޅުވި އެވެ.

އައްޑޫއަށް ޓޫރިސްޓުން ގެންނަން ދެން އޮތް ހުރަހަކީ މާލެއިން އައްޑޫއަށް ޓިކެޓު އަގުބޮޑުވުން ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ އަގު ދިވެއްސެކޭ އެއްވަރަށް އަގު ތިރިކޮށް، އައްޑޫ އެއާޕޯޓު ފުރަތަމަ މަހުގައި ތަރައްގީކުރަން ފަށާއި އިތުރު ފްލައިޓުތައް ގެންނާނެ ކަމުގައި ވިދާޅުވި އެވެ.

"މި އަންނަ ފަސް އަހަރަކީ ތި ބޭފުޅުންގެ އާމްދަނީ އިތުރުކުރާ ފަހަރު. ތިބޭފުޅުންގެ ފަރުދީ ތަނަވަސްކަން އިތުރުކުރާ ފަހަރު. ތިބޭފުޅުން ގެއަށް ވަންނަ ފައިސާ އިތުުރުކުރާ ފަހަރު. ތިބޭފުޅުންގެ ފަހުރުވެރި ހަޔާތެއް ބިނާކުރާ ފަހަރު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅުގަނޑުމެން މި އަންނަނީ ތިބޭފުޅުންނާއެކީ މި ބަދަލު ގެންނަން. މި މަސައްކަތުގައި އަޅުގަނޑު ސާބިތުވެ ހުންނާނަން،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުން އެދޭ ކަންކަން ކޮށްދޭން ކަމަށާއި އެހެންވެ އެކަމަށް ރައްޔިތުން އިތުބާރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.