03 ފެބުރުއަރީ 2017
ސަޕޯޓަރުންނާ ބައްދަލުކުރައްވަން ތައްޔާރުކޮށްފައި އޮތް ހޯލަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމާ އެކު އެއްބަޔަކަށް އުފަލުން ރޮވުނީ އެވެ. އަނެއް ބަޔަކު ތިބީ، ހޯލުގައި ހުންނެވީ ނަޝީދު ކަން ގަބޫލުކުރަން ދަތިވެފަ އެވެ. ގާތްގަނޑަކަށް ދެ އަހަރު ފަހުން، އެ މީހުންގެ "ރައީސް"އާ ބައްދަލުވީމަ އެވެ. މާޗް، 13، 2015 ގައި އެމަނިކުފާނަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި ފަހުން މިއީ، ސަޕޯޓަރުންނަށް މިހާ ގާތުން ބައްދަލުވި ފުރަތަމަ ފަހަރެވެ.
ސަޕޯޓަރުންނާ ބައްދަލުކުރައްވަން ތައްޔާރުކޮށްފައި އޮތް ހޯލަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމާ އެކު އެއްބަޔަކަށް އުފަލުން ރޮވުނީ އެވެ. އަނެއް ބަޔަކު ތިބީ، ހޯލުގައި ހުންނެވީ ނަޝީދު ކަން ގަބޫލުކުރަން ދަތިވެފަ އެވެ. ގާތްގަނޑަކަށް ދެ އަހަރު ފަހުން، އެ މީހުންގެ "ރައީސް"އާ ބައްދަލުވީމަ އެވެ. މާޗް، 13، 2015 ގައި އެމަނިކުފާނަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި ފަހުން މިއީ، ސަޕޯޓަރުންނަށް މިހާ ގާތުން ބައްދަލުވި ފުރަތަމަ ފަހަރެވެ.
ނަޝީދުގެ މޫނުފުޅު މަތިން ވެސް ފެނުނީ އެ އިހްސާސެވެ؛ އެތައް ދުވަހަކަށް ފަހު ސަޕޯޓަރުންނާ ބައްދަލުވުމުގެ ހިތްހަމަޖެހުމެވެ. ކޮންމެ މީހަކާ ވެސް ސަލާމް ކުރައްވައި ކިހިނެއްތޯ އެއްސެވި އެވެ.
ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އެމްޑީޕީއާ އެކު މުހިއްމު މަޝްވަރާތަކަކަށް ސްރީ ލަންކާ އަށް ވަޑައިގެންނެވި ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރެއްވީ އިއްޔެ މެންދުރުފަހު، ބާޖަޔާ ހޮޓަލުގަ އެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންގެ ގިނަ ބަޔަކު ބައްދަލުވުމުގައި ބައިވެރިވިއިރު، ނަޝީދު ދެކެލަން މާލެއިން ދިޔަ މީހުން ވެސް ތިއްބެވެ.
ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ: އެމަނިކުފާނާ ބައްދަލުކުރަން މާލެ އިން ވެސް މީހުން ދިޔަ. --ފޮޓޯ: އެމްޑީޕީ
ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ބުނިގޮތުގައި މިހާ ދުވަސްކޮށްފައި އެހާ ގާތުން ނަޝީދު ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެވެ.
"ވަރަށް އުފާވި، މިއީ ވަރަށް ގަބޫލުކުރަން ދަތި ވަގުތުކޮޅެއް. ދިގު މުއްދަތަކަށް ޖަލަށް ލާފައި ވަނިކޮށް ރައީސާ މިހާ އަވަހަށް، މިހާ ގާތުން ބައްދަލުވާނެ ކަމަށް އުއްމީދުކޮށްގެންނެއް ނޫން ހުރީ. އެކަމަކު މި ފުރުސަތު ލިބުން މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ބައްދަލުވުމަށް ދިޔަ، ލަންކާގައި ދިރިއުޅޭ އާދަމް ސަލީމް ބުންޏެވެ.
ބައްދަލުވުމުގައި ބައިވެރިވި އެންމެން ވެސް ފާޅުކުރީ މި ޝުއޫރެވެ.
ބައްދަލުވުމަށް ދިޔަ އާއިލާއަކާ އެކު ނަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: އެމްޑީޕީ
ހޯލުގައި މޭޒުތައް އަތުރާފައި ހުރިއިރު، ކޮންމެ މޭޒަކަށް ނަޝީދު ވަޑައިގެން ވަކިވަކިން މީހުންނާ ބައްދަލުކުރެއްވި އެވެ. އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މީހުންގެ ތެރެއިން ފެންނަން ނެތް މީހުން ކޮބައިތޯ އައްސަވައި ބައެއް މީހުންނާ ފޯނުން ވެސް ވާހަކަ ދެއްކެވި އެވެ.
ސަޕޯޓަރުން ބުނިގޮތުގައި އެމަނިކުފާނަށް ތާއީދުކުރުމުން ލިބޭ ހިތްހަމަޖެހުމަކީ އެއީ އެވެ؛
"އެއްވެސް ރައީސަކު ނުވަތަ ރައީސްކަން ކުރެއްވި ބޭފުޅަކު ވެސް މިގޮތަށް އުޅޭ ތަނެއް އަޅުގަނޑު ނުދެކެން. އެހެންވީމަ ދަތުރު ހަދާފައި ވެސް އެމަނިކުފާނާ ބައްދަލުކުރާ ހިތްވަނީ، އަމިއްލަ ކަމެއްގައި ލަންކާ އަށް އައިސްފައި ސަޕޯޓަރުންނާ ބައްދަލުކުރާކަން އެނގިގެން އަޅުގަނޑު މި މަޑުކުރީ. ވަރަށް ހިތްހަމަޖެހިފައި މިހިރީ،" އިބްރާހިމް ލިލާލް ހުސެއިން ބުންޏެވެ.
ނަޝީދާ ބައްދަލުކުރަން ދިޔަ މީހަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ވަގުތު ޖެހުމުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި. --ފޮޓޯ: އެމްޑީޕީ
ބައްދަލުވުމަށް ދިޔަ ގިނަ ބައަކު އެންމެ ގިނައިން އެހި އެއް ވާހަކަ އަކީ ނަޝީދާ ދެން ބައްދަލުވާނީ ކޮން އިރަކުންތޯ އެވެ. އެ މީހުން ބޭނުންވީ ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ތާރީހެކެވެ. އެއަށް ޖަވާބު ދެއްވައި ނަޝީދު ވިދާޅުވީ "ޖަލަށް ދާން ޖެހުނަސް ވަގުތު ޖެހުމުން ރާއްޖެ ދާނަން" ކަމަށެވެ.
ބައްދަލުވުމުގައި ބައިވެރިވި އެންމެން ވެސް ނަޝީދާ އެކު ސެލްފީ ނެގި އެވެ. އެއް ފޮޓޯ މަދުވެގެން ދެތިން ފަހަރަށް ނެގި މީހުންނާއި ގްރޫޕް ހަދައިގެން ވެސް ފޮޓޯ ނަގައި އެ ވަގުތުކޮޅު ފޯނުތަކުގައި ރައްކާކުރި އެވެ.
"ވަރަށް ދުރުން އަޅުގަނޑު މިއައީ، ރައީސް ނަޝީދާ އެކު ސެލްފީއެއް ނަގަން، ވަރަށް އުފާވެފައި މިހިރީ،" ލަންކާގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.
ސަޕޯޓަރުންގެ ހިތުގައި އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެތޯ އެވެ. އެ ސުވާލަށް ސީދާ ޖަވާބެއް އަދި ނުލިބެ އެވެ. އެއީ، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ދޮރެއް އެމަނިކުފާނަށް ބަންދުވެފައި ވާތީ އެވެ.
"ކުރިމަތި ނުލެވޭ ގޮތް ހަދާފައި އޮތަސް އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް ނަޝީދު. އެ ނޫން ގޮތަކަށް ގަބޫލުކުރާނީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނެ ކަން ޔަގީންވީމަ. އަދި ނޭނގޭ ދެއްތޯ؟ ފަހު ވަގުތާ ހަމައަށް އުއްމީދު ކަނޑައެއް ނުލާނަން،" އައިޝަތު އާސިމާ ބުންޏެވެ.
އޭނާގެ ވާހަކަ އަށް ތާއީދު ކުރި ޝަހީދާ މުހައްމަދާއި ފާތުމަތު ވަހީދާ ބުނިގޮތުގައި އިންތިހާބުގެ ކުރިން ނަޝީދަށް ވާދަކުރެވޭނެ ކޮންމެވެސް ގޮތެއް ފަހިވާނެ އެވެ. އެއީ ކޮން ވަގުތަކު ކަން ސާފުނުވިއަސް، އުއްމީދަކީ އެއީ ކަމަށް އެ ދެ މީހުން ވެސް ބުންޏެވެ.
ނަޝީދާ ބައްދަލުކުރަން ދިޔަ ސަޕޯޓަރުން އެމަނިކުފާނުގެ ވާހަކަފުޅު އަޑުއަހަނީ. --ފޮޓޯ: އެމްޑީޕީ
ސުޕްރީމް ކޯޓުން ނަޝީދުގެ ކެންޑިޑެސީ ގަބޫލުނުކޮށްފި ނަމަ، ސަޕޯޓަރުން ތިބީ އެމަނިކުފާނު ދެން ނިންމަވާނެ ނިންމުމަކަށް ވެސް ރުހޭ ގޮތަށެވެ. އެއީ އެމަނިކުފާނު ދައްކަވާ ކެންޑިޑޭޓަކަށް ވޯޓު ދިނުމެވެ.
"އެމަނިކުފާނަށް ވާދަ ނުކުރެވިއްޖެ ނަމަ ދެން ދައްކަވާ ކެންޑިޑޭޓަކަށް ވެސް ވޯޓު ދޭނަން. އެގޮތަށް އަޅުގަނޑުމެން މިތިބީ،" ޝަހީދާ ބުންޏެވެ.
އިންތިހާބުގައި ނަޝީދަށް ވާދަނުކުރެއްވިދާނެތީ ސަޕޯޓަރުންނަށް އޮތް މާޔޫސްކަން ބޮޑެވެ. އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ހުއްޓުމެއް ނެތް ކަމަށެވެ. އިންތިހާބުގެ ކުރިން، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
ސަޕޯޓަރުންނަށް ނަޝީދު ވިދާޅުވީ މިހެންނެވެ؛ "ހިތްވަރު ދެރަ ނުކުރައްވާ، އަޅުގަނޑު އެނބުރި ތިޔަ ބޭފުޅުންގެ ގާތަށް އަންނާނަން" ކަމަށެވެ. ހުރިހާ ސަޕޯޓަރުން ވެސް އެމަނިކުފާނާ އިއްޔެ ވަކިވީ އެ އުއްމީދުގަ އެވެ.
ޖަލަށް ލިއަސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ނަޝީދު
އެމްޑީޕީ ގައުމުން ބޭރުގައި، ބަދަލެއް ފެންނާނެތަ؟
އެމްޑީޕީގެ އިސް ބޭފުޅުންނާ ނަޝީދު ބައްދަލުކުރައްވައިފި
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް
ނަޝީދާއި އިބޫ، ބައިވެރިވާ ޚާއްސަ ޖަލްސާއެއް ލަންކާގައި
ނަޝީދަށް ހަމަލާދީފާނެ ކަމަށް ބުނެ ބައްދަލުވުން ކެންސަލް
ވެރިކަން ވައްޓާލަން އުޅުމުގެ އަޑީގައި ލަންކާ: ރިޔާޒް
ލަންކާ އަކީ އެމްޑީޕީގެ "ކިއްލާއެއް" ނޫން: މުންދު
ރާއްޖެ-ލަންކާގެ ނުތަނަވަސްކަމެއް ނެތް: މުންދު
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!