Roadha Mihaaru
ގާސިމް ނޭނގި ފާޑުކިޔާތީ ނަހުލާ ދެރަވޭ

ގާސިމްގެ ވެރިކަމެއްގައި އަމިއްލަ ވިޔަފާރި ފުޅާކުރާނެއޭ ބުނާތީ ނަހުލާ ދިނީ ޖަޒުބާތީ ރައްދެއް

06 ސެޕްޓެމްބަރ 2023

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންފި ނަމަ އޭނާގެ އަމިއްލަ ވިޔަފާރި ފުޅާކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ރައްދު ދެއްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންފި ނަމަ އޭނާގެ އަމިއްލަ ވިޔަފާރި ފުޅާކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ރައްދު ދެއްވައިފި އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ޓީވީއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ތުހުމަތާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ، ގާސިމްގެ ހަޔާތުގައި އަމިއްލަ މަސައްކަތުން ހޯއްދެވި އާމްދަނީގެ 60 ޕަސަންޓު ރައްޔިތުންނަށް ހޭދަކުރައްވާފައިވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ އެކި ދާއިރާތަކުން ގާސިމް ކުރެއްވި ވިޔަފާރީގެ ފައިދާ ކުރީ ސީދާ ރައްޔިތުންނަށް ކަމަށެވެ. މިސާލެއްގެ ގޮތުގައި ތެލާއި ގޭހާއި ވައިގެ މަގުން ދަތުރުފަތުރު ކުރުމުގެ އަގު ހެޔޮވީ، ނަހުލާ ވިދާޅުވި ގޮތުގައި ފިރިކަލުން އެ ވިޔަފާރިތަކަށް ވަންނަވައި، އަގު ކޮންޓްރޯލް ކުރަން މަޖުބޫރުވުމުންނެވެ.

"ވޭތުވެދިޔަ 40 ވަރަކަށް އަހަރު ކުރެއްވި މަސައްކަތުން ލިބުނު އާމްދަނީގެ 60 ޕަސަންޓަށް ވުރެ ގިނައިން، އަމިއްލަ ޖީބުން ނިކަމެތި ރައްޔިތުންނަށްޓަކައި ހޭދަކުރެއްވި ބޭފުޅެއް، ވެރިކަމަށް އައިސް އުމުރުން 74 އަހަރު ވެފައި ހުއްޓައި، ދަރަނިވެރިވެފައި އޮތް ދައުލަތަކާ ހަވާލުވެ ކޮން ޖީބެއްތޯ ފުރަން އުޅޭނީ؟،" ނަހުލާ ސުވާލު ކުރެއްވި އެވެ.

ސިވިލް އޭވިއޭޝަން ވެސް ނަހުލާގެ ދަށުގައި އޮތް ނަމަވެސް، ވިލާ ކުންފުނީގެ އެއްވެސް ކަމެއް ކުރަން ގާސިމް ދުވަހަކު ވެސް ނުގުޅުއްވާ ކަމަށް ވިދާޅުވި އެވެ. ވިލާ ކުންފުންޏާ ގުޅޭ ކަމެއް އިކޮނޮމިކް ކައުންސިލާ ހަމައަށް އަޔަސް، އެ ބައްދަލުވުމުގައި ނަހުލާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ހާމަކުރެއްވި އެވެ.

"އަބަދުވެސް އަޅުގަނޑު ކައިރީގައި ބުނާ ވާހަކައެއް އޮވޭ. މަސައްކަތެއް ކުރާއިރު އަބަދުވެސް ބަލައްޗޭ ނިކަމެއްޗެއްގެ ހައްގަށް އަރައި ނުގަންނައްޗޭ... އަދި ވިދާޅުވާނެ މީހަކަށް މީހަކު އޮޅިއްޖެއްޔާ އެ މީހަކަށް އަލުން މަގު ދައްކައިދޭނެ މީހަކު ނުހުންނާނެއޭ،" ނަހުލާ ވިދާޅުވި އެވެ.

ވަޒީރު ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވީ އެ އިބުރަތުގެ މަތީގައި ކަން ނަހުލާ ފާހަގަކުރެއްވި އެވެ.

މަސައްކަތުގައި އަވަދިނެތިކޮށް އުޅުއްވާތީ ދަރިންނަށް ވަގުތު ނުދެއްވުނު ނަމަވެސް، ދަރިންގެ ކަންކަމުގައި ގާސިމްގެ ފަރާތުން ފުރިހަމަ ސަޕޯޓު ލިބޭ ކަމަށް ނަހުލާ ވިދާޅުވި އެވެ. ދަރިންގެ ކައިރީގައި ހޭދަކުރައްވާ ވަގުތުތަކުގައި ކުދިންނާއެކު ގޭތެރޭގައި ކުޅުއްވަން އުޅުއްވާ ގޮތުން، ރައްޔިތުންނަށް ގާސިމް ނޭނގޭ ވަރު ފެނިފައި ވަރަށް ދެރަވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ގާސިމަކީ ވަރަށް ހިތްތިރި ބޭފުޅެއް، އަދި ވަރަށް އިމޯޝަނަލް ވެސް ބޭފުޅެއް. ދެން އެ ކަހަލަ މައުސޫމް ބޭފުޅަކަށް މީހުން ކިޔާ އެއްޗެހި ހިތަށް އެރީމަ ދެރަވަނީ. ގާސިމް މި ރާއްޖޭގެ ރައްޔިތުންނަށް ނޭނގޭ މިންވަރު ހިތަށް އެރީމާ ދެރަވަނީ،" އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި، މާތްﷲ ދެއްވި ހުރިހާ ކަމެއް ފުރިހަމަވެފައިވާ ހުންނެވި ނަމަވެސް، އުމުރުން 74 އަހަރުގައި ވެސް ގާސިމް ނުކުންނަވައި އެ ހުންނެވީ އަދިވެސް ރައްޔިތުންނަށް ހިދުމަތެއް ކޮށް ދެއްވުމަށެވެ.