Roadha Mihaaru
ކާށިދޫގެ ދަނޑުވެރިކަމާއި ޓޫރިޒަމް ފުޅާކުރުމުގެ ވައުދެއް

މުއިއްޒު ކާށިދުއަށް ދެއްވީ ދަނޑުވެރިކަމާއި ޓޫރިޒަމް އުންމީދު

05 ސެޕްޓެމްބަރ 2023

ކ. ކާށިދޫގައި ދަނޑުވެރިކަން ފުޅާކޮށް، ޓޫރިޒަމްގެ އިތުރު މަޝްރޫއުތައް ގެނެސް ރަށުގެ އިގްތިސާދު ކުރިއަރުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ ކ. ކާށިދޫން އައިޝަތު ނުޒުހާ

ކ. ކާށިދޫގައި ދަނޑުވެރިކަން ފުޅާކޮށް، ޓޫރިޒަމްގެ އިތުރު މަޝްރޫއުތައް ގެނެސް ރަށުގެ އިގްތިސާދު ކުރިއަރުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރަށްރަށަށް ކުރައްވާ ފަހު ދަތުރުގައި ކ. އަތޮޅުގެ ފުރަތަމަ މަންޒިލަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ކާށިދުއަކީ އިގްތިސާދީ ގޮތުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިދާނެ ރަށެއް ކަމަށެވެ.

އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ރަށުގެ ދަނޑުވެރިކަން މިހާރަށް ވުރެ ފުޅާކުރުމެވެ. ފުޑް ސެކިއުރިޓީއާ އެކު މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި ހެއްދުމުގެ އަމާޒު މެނިފެސްޓޯގައި ހިމަނައިފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ބޭނުންވަނީ ޓޫރިޒަމާއި އެހެން ދާއިރާތަަކަށް ވެސް ބޭނުންވާ ވަރަށް އެ ސިނާއަތް ކުރިއެރުވުން ކަމަށެވެ.

"މި ރަށަކީ ވަރަށް ބޮޑު ހިއްސާއެއް އެކަމުގައި އަދާކުރާނެ ރަށަކަށް ވެގެން ދާނެ. ތިބޭފުޅުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދިނުމަކީ އަޅުގަނޑުމެންނަށް ލިބޭނެ އުފަލަކަށް ވާނެ، ޝަރަފަކަށް ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ކާށިދޫގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިނު ޖަލްސާގައި ސަޕޯޓަރުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކާށިދޫގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިނު ޖަލްސާގައި ސަޕޯޓަރުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުއިއްޒު ވިދާޅުވީ، މި ސިނާއަތުގައި އުޅޭ މީހުންނާއި އަލަށް ފަށަން ބޭނުންވާ މީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ފަހިކޮށްދިނުމަކީ ކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި އެކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ރަށަކީ ޓޫރިޒަމް ދާއިރާ ވެސް އާލާވަމުން އަންނަ ދާއިރާއެއް ކަން ފާހަގަކޮށް މުއިއްޒު އިތުރަށް ވިދާޅުވީ، އެކަމަށް ބޭނުންވާ ބިން ވެސް ރަށުގެ ލޭންޑްޔޫސް ޕްލޭންގައި ހިމަނައި ކަނޑައަޅާފައި އެބައޮތް ކަމަށެވެ. ނަމަވެސް، އެފަދަ ބިންތައް ތަރައްގީކުރާނެ އިންވެސްޓަރުން ހޯދުމަކީ އަމާޒު ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގައުމުގެ އިގްތިސާދު އޮތް ހިސާބުން ހަގީގަތުގައި މިއުޅެނީ އިންވެސްޓަރުން ނުގެނެވިގެން. އެއީ އިގްތިސާދުގައި ނެތް އިންވެސްޓަރުންނަށް އިތުބާރެއް ނެތް، އެ އިތުބާރު އުފެއްދުން އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ،" މާލޭ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

ކާށިދޫ ޖަލްސާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ: ރަށުގެ ދަނޑުވެރިކަމާއި ޓޫރިޒަމާ ގުޅޭ އުންމީދީ ވާހަކަތަކެއް ދެއްކެވި --- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ފަހު، ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް އެ ސިނާއަތުގައި ކުރިއަށް ދާން ބޭނުންވާ މީހުންނަށް ފަހި ފުރުސަތުތައް ހޯދައިދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި، ކާށިދޫ ފަޅުތެރެ ހިއްކައިގެން ރިސޯޓެއް ތަރައްގީކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ރަށު ފަޅުތެރެއިން ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީކޮށް އެއީ ވެސް މި ރަށަށް ފައިދާ ވާނެ ތަނަކަށް ހެދުމަކީ ކުރެވޭނެ ކަމެއް، އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.