Roadha Mihaaru
އިދިކޮޅުން ޖަގަޑާ ހަދަން މަސައްކަތް ކުރާނެ: މާރިޔާ

ވޯޓުލާ ދުވަހު އިދިކޮޅުން ޖަގަޑާ ހަދަން މަސައްކަތް ކުރާނެ: މާރިޔާ

28 އޯގަސްޓް 2023

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވާއިރު، ޖަގަޑާ ހަދަން އިދިކޮޅުން މަސައްކަތް ކުރާނެ ކަމަށާއި އެ ފުރުސަތު އެ މީހުންނަށް ނުދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވާއިރު، ޖަގަޑާ ހަދަން އިދިކޮޅުން މަސައްކަތް ކުރާނެ ކަމަށާއި އެ ފުރުސަތު އެ މީހުންނަށް ނުދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެމްޕެއިނަށް ސިލްސިލާކޮށް މާރިޔާ ބާއްވާ ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ، އެމްޑީޕީއާ އެންމެ ވާދަވެރި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބިއްޖެ ނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އޮތް އަނިޔާވެރިކަން އަލުން އިޔާދަވާނެ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން އެކަން ވަރަށް ސާފުކޮށް ފެނުނު ކަމަށާއި ޔާމީނާ ކިރިޔާ ވެސް ވާދަކުރެވޭ ވަރުގެ ލީޑަރެއް ހުރި ނަމަ، ޖަލަށް ލައި ނުވަތަ އަމިއްލަ އަށް އަރުވާލެވިގެން ގައުމުން ބޭރުގައި ހުންނަވަން މަޖުބޫރުކުރުވި ކަމަށް މާރިޔާ ވިދާޅުވި އެވެ.

ދިވެހިން އެނބުރި އެ ބިރުވެރިކަމުގެ ތެރެއަށް އަލުން ދާން ބޭނުންނުވާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނުމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ކެތްތެރިކަމާ އެކީގައި ތިއްބަވާތި، ޖަގަޑާ ހަދަން މަސައްކަތްކުރާނެ. އެއީ އަބަދުވެސް އެކަންކަން އޮންނަ ގޮތް. އެ ބޭފުޅުންގެ ވެރިކަމުގައި ވެސް އެކަން އޮންނާނެ ގޮތް ވެސް މެ. އެހެންވީމާ، އެ ކަންކަމަށް ޖާގަ ނުދީ މަޑުމަޑުން ތިއްބަވައިގެން ވޯޓުލެއްވޭތޯ ބައްލަވާ: މާރިޔާ

މާރިޔާ އެދިވަޑައިގަތީ ރައީސްގެ ސަޕޯޓަރުން އަންނަ މަހު 9 ވަނަ ދުވަހުގެ ވަރަށް ހެނދުނާ ގޮސް ވޯޓުލުމަށެވެ. އިދިކޮޅުން ވޯޓު ގަޑުބަޑުކޮށް، ޖަގަޑާ ހަދަން މަސައްކަތް ކުރާނެތީ، އެ ފުރުސަތު ނުދީ ކެތްތެރިވެގެން ތިބުމަށް ވެސް އޭނާ އެދިވަޑައިގަތެެވެ.

"ކެތްތެރިކަމާ އެކީގައި ތިއްބަވާތި، ޖަގަޑާ ހަދަން މަސައްކަތްކުރާނެ. އެއީ އަބަދުވެސް އެކަންކަން އޮންނަ ގޮތް. އެ ބޭފުޅުންގެ ވެރިކަމުގައި ވެސް އެކަން އޮންނާނެ ގޮތް ވެސް މެ. އެހެންވީމާ، އެ ކަންކަމަށް ޖާގަ ނުދީ، މަޑުމަޑުން ތިއްބަވައިގެން ވޯޓުލެއްވޭތޯ ބައްލަވާ،" މާރިޔާ ވިދާޅުވި އެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދަނީ މޮޅުވާން."

ކޮންމެ ދުވަހަކު ބާއްވާ މި ޕްރެސް ކޮންފަރެންސްގައި މާރިޔާ ދަނީ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅެ، ބަހުގެ ހަމަލާތައް ފުލުފުލުން ދެއްވަމުންނެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވެސް މުއިއްޒަށް ރައްދުކުރެއްވި ވާހަކަތަކުގައި މާރިޔާ ވިދާޅުވީ ދުވަހެއް ދުވަހަކަށް ޕީޕީއެމް/ޕީއެންސީއަށް އޮންނަ ތާއީދު ކުޑަވަމުންދާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މުއިއްޒު ރަށްރަށަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަން ނުކުންނަ މީހުންގެ "ސައިޒު" ވެސް ކުޑަވަމުންދާ ކަމަށް މާރިޔާ މިއަދު ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒު ވިދާޅުވެފައި ވަނީ ކޮންމެ ދުވަހަކު އޭނާ އެމްޑީޕީ އަށް ރައްދު ދެއްވަން ފައްޓަވައިފި ނަމަ ރައްޔިތުންނާ ދައްކަވާނެ ނުވަތަ ހުށަހަޅުއްވާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތެއް ވެސް ނޫން އެހެން މީހުންނާ ބެހޭ ގޮތުން ވާހަކަ ދެއްކުން. ރީތި ސިފައެއް ވެސް ނޫން އަނެކާއާ ބެހޭ ގޮތުން ވާހަކަ ދެއްކުން. އަދި އަމުދުން ހަގީގަތާ ހިލާފު ވާހަކަ ދެއްކުން. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އެ ހަމައެއް،" މުއިއްޒު "މިހާރު" އަށް ވިދާޅުވި އެވެ.