Roadha Mihaaru
ރައީސް ދޮރުން ދޮރަށް، "މާލޭން ބޮޑު ތާއީދެއް ލިބޭނެ"

ރައީސް މާލޭގައި ދޮރުން ދޮރަށް، ރެކޯޑު ތާއީދެއް ލިބޭނެކަން އެމްޑީޕީއަށް ޔަގީން

12 ޖުލައި 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް މާލޭގެ ގޭގެއަށް ދޮރުން ދޮރަށް ހަރަކާތް ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް މާލޭގެ ގޭގެއަށް ދޮރުން ދޮރަށް ހަރަކާތް ފަށައިފި އެވެ.

އެގޮތުން މިހާރު ކުރިއަށްދާ އެ ހަރަކާތުގައި ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރައްވަމުން ގެންދަވަނީ ގަލޮޅު ދެކުނު ދާއިރާގެ ގޭގެއަށެވެ.

އެ ހަރަކާތުގައި ރައީސްގެ އަރިހުގައި، ޑިފެންސް މިނިސްޓަރު އަދި މާލޭގެ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެ ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ގޭގެއަށް ވަޑައިގެންނެވުމުން ރައީސަށް ސަޕޯޓު އޮތް މިންވަރު ފެންނަ ކަމަށެވެ.

"ދުވަހަކު ކެމްޕެއިނަށް ނުނިކުންނަ މީހުން ވެސް ރައީސްގެ ކެމްޕެއިނަށް އެބަ ނިކުމޭ. އެއް ބުރުން ރައީސް ހޮވާނަމޭ ވިދާޅުވޭ. މާލެއިން ވަރަށް ރަނގަޅު ޕަސެންޓޭޖެއް (ރައީސަށް) ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް މި ގަބޫލު ކުރެވެނީ،" މާރިޔާ ވިދާޅުވި އެވެ.

މިއަދު ރައީސް ދޮރުން ދޮރަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ

މިއަދު ރައީސް ދޮރުން ދޮރަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ

އެ ހަރަކާތުގައި ބައިވެރި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މާލޭގެ ވޯޓުގެ ތާރީހުގައި ވެސް އެންމެ ގިނަ ވޯޓު ދެއްވާނީ ރައީސަށް ކަމަށެވެ.

"މިދިޔަ 50 އަހަރު މާލޭގައި ދިރިއުޅުނު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ވަރަށް ގިނަ ވެރިންނަށް ފުރުސަތު ދެވިއްޖެ. އެހެން ނަމަވެސް މާލެއަށް ބޭނުންވާ ހަގީގީ ބިންވެރިކަމާއި ބޯހިޔާވަހިކަން އަދި އަޅުގަނޑުމެން ދަތި ހާލުގައި މި އުޅޭ އުޅުމަށް އެކަށީގެންވާ ލުޔެއް ގެންނާކަށް (ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވައި) އެއްވެސް ރައީސެއްގެ ވިސްނުންފުޅަކު ނެތް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރައީސް 2018ގައި އަދި އެމްޑީޕީ ޕްރައިމަރީގައި ވެސް ގޭގެއަށް ވަޑައިގެން އާންމުންގެ ހާލު ހޯއްދެވި ކަމަށް ވިދާޅުވި އެވެ.

"ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ލާރިކޮޅަށް އެމަނިކުފާނު މާލޭގެ ރައްޔިތުންނަށް ބޭނުންވާ އަދަދަށް ބިން އިތުރު ކުރުމަށްޓަކައި ގުޅިފަޅާއި ގިރާވާރުފަޅު އަދި ހުޅުމާލޭން އެ މަނިކުފާނު އެ ވަނީ ގޯތި ދެއްވަން ނިންމަވާފައި އޭނާ ވިދާޅުވި އެވެ.

"އެ ދެއްވަނީ މާލޭ ސަރަހައްދުގައި ވޯޓުލާ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކަށް ގޯއްޗެއް. ދުނިޔޭގެ ކޮން ގައުމެއްގައިތޯ ކެޕިޓަލް ސިޓީގައި ކޮންމެ ފަސް މީހަކުން އެކަމަށް ގޯތި ދީފައި އޮތީ. މިއީ ދުނިޔޭގެ ރެކޯޑެއް،"

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކެންޕެއިން ގަލޮޅު ދެކުނު ދާއިރާގެ ދޮރަށް ދަޮރަށް ހިންގެވުމުގެ ތެރެއިން.--- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކެންޕެއިން ގަލޮޅު ދެކުނު ދާއިރާގެ ދޮރަށް ދަޮރަށް ހިންގެވުމުގެ ތެރެއިން.--- ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ރައީސް އެ ކޮށްދެއްކި ހެޔޮކަމުގެ ބަދަލުގައި މާލެ ރައްޔިތުން ނިކުމެ ސެޕްޓެމްބަރުގައި އޮންނަ އިންތިހާބުގައި މާލޭގެ މެޖޯރިޓީ ނަގައިދޭނެ ކަމަށެވެ.

މިދިޔަ ހަފްތާ އެމްޑީޕީން ވަނީ ދޮރުން ދޮރަށް ހަރަކާތް މާފަންނު މެދުދާއިރާގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި މާލޭގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ދާއިރާ ރައީސުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ޕާޓީން މީގެ ކުރިން ވަނީ ރަށްރަށުގައި ކެމްޕެއިން ފަށައި، ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ބުރުތަކެއް ބާއްވައިފަ އެވެ. އަދި މިހާރު ވެސް ރަށްރަށުގައި އެ ދާއިރާއަކަށް ނިސްބަތްވާ ޓީމުތަކުން ކެމްޕެއިން މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަންނަ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން އެކަމަށް ކުރިމަތިލާން މި މަހުގެ 23 ގައި ހުޅުވާލާނެ އެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.