Roadha Mihaaru
ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލާނަން: ނާޒިމް

ކޫއްޑޫ ތަރައްގީކޮށް، މަސްވެރިކަން ކުރިއަރުވަން ނާޒިމްގެ ބޮޑެތި ވައުދުތަކެއް

28 އޯގަސްޓް 2023

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ގއ. ކޫއްޑު އާއި ވިލިނގިލި ބްރިޖަކުން ގުޅާލައި ކޫއްޑޫގައި މަސްވެރިކަން ތަރައްގީ ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވައުދުވެވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ގއ. ކޫއްޑު އާއި ވިލިނގިލި ބްރިޖަކުން ގުޅާލައި ކޫއްޑޫގައި މަސްވެރިކަން ތަރައްގީ ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވައުދުވެވަޑައިގެންފި އެވެ.

އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވިލިނގިލީގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ވިލިނގިލި ތަރައްގީ ވާނީ މުޅި ހުވަދު އަތޮޅާއި އައްޑޫ އަދި ފުވައްމުލަށް ވެސް ތަރައްގީ ކޮށްގެން ކަމަށެވެ.

ވިލިނގިއްޔަށް އެންމެ ފައިދާ ވާނީ ކޫއްޑުއާ ބްރިޖަކުން ގުޅާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި މި ނަފާ ކުރުމަށްޓަކައި އަދި އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ކޫއްޑޫ އާއި ވިލިނގިއްޔާ ދެމެދު، އަޅުގަނޑުގެ ސަރުކާރެއްގައި ބްރިޖަކުން ގުޅުވާލާނަން،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ބްރިޖަކުން ގުޅުވައިލުމުން އިގްތިސޯދަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ އެވެ. . ކޫއްޑޫ އަށް މީގެ 25 އަހަރު ކުރިން ވަޑައިގެންނެވިއިރު އޮތީ މިހާރު އޮތް ގޮތަށް ކަމަށާއި އިގްތިސޯދު ރަނގަޅު ކުރުމަށް އެތަން ބަދަލު ކުރަންޖެހޭ ކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

"މި ރަށަކީ މަސްވެރި ރަށެއް. އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އެބައޮތް ކޫއްޑު އަށް ބޮޑު ބަދަލެއް ގެނައުމުގެ. ސަރުކާރުތަކުން މި ވާހަކަތައް ދައްކާ، ނަމަވެސް މިހާތަނަށް ދިޔައިރު ވެސް އަދިވެސް ހަމަ މި ކޫއްޑޫއަކަށް ބަދަލެއް ގެނެވޭތަނެއް ނުފެނޭ،" ނާޒިމް ވިދާޅުވި އެވެ.

ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ.

ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ.

ނާޒިމް ވެރިކަމެއްގައި ކޫއްޑު އަށް ގެންނާނެ ބަދަލުތައް:

- ކޯލްޑް ސްޓޯރޭޖް، މަސް ފިނިކޮށްގެން ބެހެއްޓުމުގެ މިންގަނޑު އިތުރުކުރުން (ސްޓޯރޭޖް ބޮޑުކުރުން)

- 10،000 ޓަނުގެ މަސް ރައްކާ ކުރެވޭ ގޮތަށް ހެދުން.

- މަސް ބަންދުކުރެވޭ ގޮތް ތައާރަފު ކުރުން.

- މަހުގެ ބައި ޕްރޮޑަކްޓްސް އުފައްދައިގެން ވިއްކޭގެ ގޮތް ތައާރަފު ކުރުން.

- 200 ޓަނުގެ މަސް ބަންދު ކުރެވޭ ކާރުހާނާއެއް ހެދުން.

- 1،500 ޓަނުގެ މަސް ކިރޭ ގޮތަށް ކޫއްޑޫ ތަރައްގީ ކުރުން.

ނާޒިމް ވިދާޅުވީ އެމްއެންޕީ ވެރިކަމެއްގައި މަސްވެރިންނަށް ކަންކަން ފަހުވެގެންދާނެ ކަމަށެވެ.

"މަހަށް ދާން ބޭނުންވާ މީހުންނަށް އޮޑިދޯނިފަހަރު ބަނދެދިނުމަކީ އަޅުގަނޑުގެ ސިޔާސަތެއް. ޒަމާނީ ފެންވަރަށް ދޯނި ބަނދެދީ، ދިގު މުއްދަތެއްގައި ފައިސާ ދައްކާ ގޮތަށް މަސްވެރިންނަށް ދޭނަން،" ނާޒިމް ވިދާޅުވި އެވެ.

ވިލިނގިއްޔާއި ކޫއްޑޫ ގުޅާލާ ބްރިޖް މަޝްރޫއު މި ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އެ މަސައްކަތް ހަވާލުކުރީ 180 ދުވަސް ތެރޭ ނިންމަން ނަމަވެސް މިހާތަނަށް މަސައްކަތް ނިމިފައެއް ނުވެ އެވެ.