04 ފެބުރުއަރީ 2017
ރާއްޖޭގައި ފީކަޅާ ކިޔާ ރަށެއް އޮތްކަން އެނގޭ ހެއްޔެވެ؟
ރާއްޖޭގައި ފީކަޅާ ކިޔާ ރަށެއް އޮތްކަން އެނގޭ ހެއްޔެވެ؟
އަށާރަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ފ. ފީކަޅާގައި އުޅުނު އިބްރާހިމްފުޅު މާލެ އާއި ރާއްޖޭގެ ގިނަ ރަށްރަށުގައި މަޝްހޫރުވީ މަޖާ މީހެއްގެ ގޮތުގަ އެވެ. އޭނާ ކުރާ ހެއްވާ ކަންތައްތަކުގެ ސަބަބުން ފަހުން އައިސް، އެހެން މީހަކު ހެއްވާ ނުވަތަ މޮޔަކަމެއް ކުރިޔަސް ކިޔަން ފެށީ އެއީ "ފީކަޅާ" ކަމެއް ކަމަށެވެ.
ނަމުގެ މާނަ ބަދަލުވި ގޮތުން ފީކަޅާ ރަށުގެ މީހުން އެ ނަން ރަށަށް ކިޔާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ، 20 ވަރަ ގަރުނުގެ ތެރޭގައި އެ ރަށުގެ މީހުން އެ ނަން ބަދަލު ކުރީ ފ. ފީއަލީ އަށެވެ.
މިއީ ރާއްޖޭގެ ރަށްރަށަށް ނަން ކިޔާފައިވާ ގޮތާއި އެ ނަންތަކުގެ މާނައާ ގުޅޭ ގޮތުން، ތާރީޚީ ލިޔުންތެރިޔާ ނަސީމާ މުހައްމަދުގެ އެހީތެރިކަމާ އެކު އާކިއޮލޮޖިސްޓް ޑރ. ޕޮންނަމްޕާލަމް ރަގުޕަތީ ތައްޔާރުކުރެއްވި ދިރާސާ ފޮތުގައި ލިޔުއްވާފައިވާ ވާހަކައެކެވެ.
ރަށްރަށަށް ނަން ކިޔާފައިވާ ގޮތާއި އޭގެ މާނައާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ "އެން އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސް"ގައި ނަސީމާ ލިޔުއްވާފައިވާ ގޮތުގައި ރާއްޖޭގެ ގިނަ ރަށްރަށަށް ނަން ދީފައިވަނީ މަސްވެރިންނާއި ދަތުރުވެރިންނެވެ. ނޫނީ އެ ރަށެއްގެ އެންމެ ފުރަތަމަ އަހުލުވެރިންނެވެ.
ފީކަޅާ ރަށަށް ފީކަޅާ ކިޔުނު ސަބަބެއް ނޭނގެ އެވެ. އެކަމަކު އެ ރަށުގެ ނަން ފީއައްޔަށް ބަދަލުވި ފަދައިން ރާއްޖޭގެ ބައެއް ރަށްރަށުގެ ނަންތައް، ތަފާތު ސަބަބުތަކާ ހުރެ ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގެ ނަމުގެ ފަހަތުގައި ދޫ ނުވަތަ ފުށިި އޮވެ އެވެ.
ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި "ދޫ" އަދި "ފުށީ"ގެ މާނަ އަކީ ރަށެވެ. އެކަމަކު އެ ބޭނުން ކުރާ ގޮތް ވަރަށް ތަފާތެވެ.
ޑރ. ރަގުޕަތީ ލިޔުއްވާފައިވާ ގޮތުގައި "ދޫ" ކިޔައި އުޅެނީ ބޮޑެތި، ފެހިކަން ގަދަ ގުދުރަތީ ގޮތުން މުއްސަނދި ރަށްރަށެވެ. "ފުށި" އާއްމު ގޮތެއްގައި ކިޔަނީ ގާމަތީ ރަށްރަށަށް ނުވަތަ ކުދި އަދި އުފެއްދުންތެރިކަން ދަށް ރަށްރަށަށެވެ. މީގެ އިތުރުން "ގަން" ވެސް މާނަ ކުރަނީ ރަށެއްގެ ގޮތުގަ އެވެ. އެކަމަކު އެއީ ވިލެޖެއްގެ ގޮތަށް ވަކިން އޮންނަ ބޮޑެތި ރަށްރަށެވެ.
ނަސީމާ ވިދާޅުވި ގޮތުގައި ރަށްރަށަށް ނަން ކިޔާފައިވާ ގޮތުން އެންމެ ކުރީ ޒަމާނުގައި ރާއްޖޭގައި އުޅުނު މީހުންގެ ބަސްމަގާއި ސަގާފަތާއި އެ މީހުންގެ ދިރިއުޅުން ރަމްޒުކޮށްދެ އެވެ. އަދި އެއީ ރާއްޖޭގެ ސަގާފަތާއި ބަހުރުވައިގެ މުއްސަނދިކަން ދައްކައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހއ. ހޯރަފުށި: އެ ރަށަށް ނަން ކިޔާފައިވަނީ ހޯރަ ދޫންޏަށް ނިސްބަތްކޮށް
ރާއްޖޭގެ ބައެއް ރަށްރަށުގެ ނަމަށް އެކި ޒަމާންތަކުގައި އައިސްފައިވާ ބަދަލުން ވެސް އެއިރެއްގެ މީހުންގެ ވިސްނުމާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ބަދަލުތައް ދައްކައިދޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ފީއައްޔަކީ އޭގެ މިސާލެކެވެ. އަނެއް މިސާލެއްގެ ގޮތުގައި ނަސީމާ ފާހަގަކުރެއްވީ މިހާރު ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ސަމާ އައިލެންޑް ނުވަތަ ކ. ޒިޔާރަތްފުއްޓެވެ. އަތޮޅު ނިމޭ ހިސާބުގައި އޮންނާތީ އެ ރަށަށް އެންމެ އިހުގައި ކިޔާ އުޅުނީ "އަތޮޅުކޮޅުފުށި" ނަމަވެސް އެ ރަށުގައި ހުރި ޒިޔާރަތުގެ ސަބަބުން ނަން ޒިޔާރަތްފުއްޓަށް ބަދަލުވީ އެވެ. (އެ ރަށުގައި ޒިޔާރަތް ހެދީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.)
މިގޮތަށް އެންމެ ފަހުން ނަން ބަދަލުކުރީ ޅ. ހުރުވަޅި އެވެ. އެ ރަށަށް އެ ނަން ކިޔާފައިވަނީ، ޑރ. ރަގުޕަތީގެ ފޮތުގައިވާ ގޮތުން، ކަނޑުއޮޅީގައި ހުރަހަށް ވާ ގޮތަށް ރަށް އޮތުމުންނެވެ. އެކަމަކު ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި މިދިޔަ ހޯމަ ދުވަހު އެ ރިސޯޓު ހުޅުވީ ހުރަވަޅީގެ ނަމުގަ އެވެ. (މިއީ ބޭއަދަބީ ބަހެއް ކަމަށް ދިވެހި ބަހުގެ އެކަޑަމީން ވަނީ ބުނެފަ އެވެ.)
ޑރ. ރަގުޕަތީ ލިޔުއްވާފައިވާ ފޮތުގައިވާ ގޮތުން ރާއްޖޭގެ ގިނަ ރަށްރަށަށް ނަން ކިޔާފައިވަނީ އެ ރަށް އުފެދުމުގައި އޮންނަ ގޮތަކުން ނުވަތަ މެރިން ފީޗާސްތަކާ ވެސް ގުޅުވައިގެންނެވެ. މިސާލަކަށް ކަނޑުމޫނުފުށި ކިޔާފައިވަނީ ކަނޑުއޮޅިއަށް މޫނުވާ ގޮތަށް ރަށް އޮތުމުންނެވެ. މި ނަމުގެ ސަބަބުން ރަށް އޮންނަ ގޮތާއި އޭގެ ސައިޒު އެނގެ އެވެ.
ހއ. ކެލާގެ ނަން ދީފައި އޮންނަނީ އެއީ އަތޮޅަށް އުތުރުން ވަންނައިރު ޖެހޭ ފުރަތަމަ ރަށަށް ވުމުންނެވެ. ގަބޫލުކުރެވޭ ގޮތުގައި "ކެލާ" އައިސްފައިވަނީ ކޮލާ (އެންޓްރެންސް) އިންނެވެ. ނުވަތަ ކޭލަ މަހާއި ކެލާ ލަކުޑިއަށް ވެސް ނިސްބަތް ކުރެވެ އެވެ.
ގަބޫލުކުރެވޭ ގޮތުގައި ކުޅުދުއްފުއްޓަށް އެންމެ ފުރަތަމަ ކީ ކުޅުދޫ އެވެ. އެކަމަކު ކުޅިއެއް އޮންނަ ބޮޑު އެ ރަށް ކައިރީގައި އޮތް ކުޑަ "ފުށި" ރަށް، ކުޅުދޫ ގުޅުމުން ކުޅުދުއްފުއްޓަށް ވީ އެވެ.
ރަށްރަށަށް ނަން ކިޔާފައިވާ ގޮތަށް ބަލާއިރު ބޮޑު ރަށެއްގެ ގޮތުގައި އަންގައިދޭން ނަންނަމުގެ ކުރިއަށް "މާ" ގެނެސްފައިވާއިރު "ކުޑަ" އަދި "ހަނި" އިން ވެސް ރަށްރަށުގެ ސައިޒު ކިޔައިދެ އެވެ.
ގާފަރާއި ގާދޫ އާއި ގައްދޫ އާއި ގާދިއްފުށި ކަހަލަ ރަށްރަށަށް ނަން ކިޔާފައިވަނީ ގާ ގިނަ ނުވަތަ ގާމަތީ ރަށްރަށަށް ވުމުންނެވެ. ޗަކަ ނުވަތަ މަޑާ ގުޅުވައިގެން މަޑުއްވަރީ އާއި މަޑޫ ފަދަ ނަންނަން ދީފައި ހުންނައިރު ވަށްކޮށް އޮންނާތީ ގުޅި އާއި މަރޮށި ފަދަ ނަންތައް ވެސް ކިޔާފައިވެ އެވެ.
ރަގުޕަތީ ލިޔުއްވާފައިވާ ގޮތުން އެ ރަށެއްގައި އެންމެ ގިނައިން ހެދޭ ގަހަށް ނިސްބަތްކޮށް ނަން ދީފައި ހުންނައިރު ރަށް ކައިރީގައި އުޅޭ މަހާ ގުޅުވައިގެން ވެސް ރަށްތަކަށް ނަން ކިޔަ އެވެ.
މިސާލަކަށް ޏ. ފުވައްމުލަކަކީ ރުއް ގިނަ އަދި ފުވައް ހައްދާ އެއިން ވިޔަފާރިކޮށް އުޅުނު ރަށެކެވެ. ފުނަ ގަހާ ގުޅުވައިގެން ށ. ފުނަދުއަށް ނަން ކިޔާފައިވާއިރު ކެޔޮދޫ، ކިހާދޫ، ހޮޅުދޫ، ހެނބަދޫ ފަދަ ރަށްތަކަށް ވެސް ނަން ދީފައި ހުންނަނީ އެ ރަށުގައި އާއްމުކޮށް ހެދޭ ގަހަކާ ގުޅުވައިގެންނެވެ.
މަކުނުދުއަށް ނަން ކިޔާފައިވަނީ އެ ރަށް ކައިރީގައި އުޅޭ މެކުނާ ގުޅުވައިގެން ނުވަތަ ފައިދިގު މަކުނާ ގުޅުވައިގެންނެވެ. އަދި ހިބަކިޔާ މަހަކަށް ނިސްބަތްކޮށް، މަހިބަދޫ ކިޔާއިރު މާނިޔާމަހާ ގުޅުވައިގެން މަނިޔަންފުށި ކިޔަ އެވެ. ދޫނީގެ ތެރެއިން ރަތަފަޔާ ގުޅުވައިގެން ރަތަފަންދޫ ކިޔާއިރު، ހޯރަފުށި އައިސްފައިވަނީ ހޯރައާ ގުޅުވައިގެންނެވެ.
ގދ. އަތޮޅުގެ ބައެއް ރަށްރަށް: ރާއްޖޭގެ ރަށްރަށަށް ނަން ކިޔާފައިވާ ގޮތް ވަރަށް ތަފާތު
އެ ރަށުގެ ވެރިމީހާ ނުވަތަ ރަށުގައި ވަކި ކަހަލަ މަސައްކަތެއް ކުރާ މީހަކާ ގުޅުވައިގެން ވެސް ބައެއް ރަށްތަކަށް ނަން ދީފައިވެ އެވެ. އެގޮތުން އަލިކޮއިރަޓާ ކިޔާ ރަށެއް ރާއްޖޭގައި އޮންނައިރު އެއީ އެ ރަށުގައި ވަރަށް ކުރިން ރުއް އިންދައި ނުވަތަ ރުށް ބެލެހެއްޓި އަލީ ކިޔާ މީހަކާ ގުޅުވައިގެން ދީފައިވާ ނަމެވެ. އޭގެ އިތުރުން ހިނގާފައިވާ ވަކި ހާދިސާއެއް ރަމްޒުކޮށްދޭ ގޮތަށް ވެސް ނަން ކިޔާފައިވެ އެވެ.
އެގޮތުން "ދެ ހަސަނު ލޮނު ބުއި ހުރާ" އަކީ ހަސަނު ކިޔާ ދެ މީހަކު ގެނބުނު ހާދިސާއާ ގުޅުވައިގެން ދީފައިވާ ނަމެއް ކަމަށް ބެލެވެ އެވެ.
"ހައްވާ ދިޔެގެ ކުއްޖާ ކީ ރަނަށް ދިން ފަރު" ކިޔާ ފަރެއް، ގއ. އަތޮޅުގައި އޮންނައިރު މިއީ ވެސް އަގުބޮޑު އެއްޗަކަށް ރަން ކިޔުމުގެ ގޮތުން އޭރު ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލި ގިނަ ފަރަކަށް ރަންކީ ކަން އަންގައިދޭ ނަމެކެވެ.
ފީވަކަކީ ރާއްޖޭގައި އެންމެ ގިނައިން ދޮންކެޔޮ ހައްދާ އެއް ރަށަށް ވެފައި، އެ ރަށަށް ނަން ދިނުމުގައި ވެސް ދޮންކޭލާ ގުޅުން ހުރި ހާދިސާއެއް ހިނގާފައިވުން އެކަށީގެންވެ އެވެ.
ރާއްޖޭގައި ކިޔާ އުޅޭ ހިޔާލީ ވާހަކަތަކާއި ފޯކްލޯރާ ގުޅުވައިގެން ވެސް ނަން ދީފައި ހުރެ އެވެ.
އެގޮތުން ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް ފަތުރާ "ދަރާ ފުރޭތަ"އާ ގުޅުވައިގެން ދަރަނބޫދުއަށް ނަން ކިޔާފައިވާއިރު ދަރަވަންދޫގެ ނަން ދީފައި އޮންނަނީ އެ ފުރޭތަ އުޅޭ ޖަންގަލި ހުންނަ ރަށުގެ ގޮތުގަ އެވެ.
ދިވެހި ތާރީހާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މި ފޮތުގައި ބުނެފައިވާ ގޮތުގައި މިއިން ކޮންމެ ނަމަކުން ވެސް، އޭރުގެ މީހުންގެ ދިރިއުޅުމާއި ދިވެހިންގެ ބަހުރުވަ އާއި ސަގާފަތް ކިޔައިދެ އެވެ. އަދި ފަހަކަށް އައިސް އާ ނަންތައް ރަށްރަށަށް ކިޔާއިރު ކުރީގެ ނަންތަކުގެ މާ ބޮޑު ބޭނުމެއް ނުހިފެ އެވެ.
ގދ. ގަން ފަޅުވީ ބުޅަލާ ހެދި؟ ރަށު މީހުން ކޮބާ؟
ޗައިނާގައި 546 މިލިއަން އަހަރު ވީ 'ފިޔަވަޅެއް'!
ރާއްޖޭގެ ތަކެތި ވެސް ހުރި ގަދީމީ ސަހަރެއް ހޯދައިފި
އުތީމުގެ ބިމު އަޑީގައި ތާރީޚު ވަޅުލެވިފައި
ނިލަންދޫ މީހުން އިސްލާމް ވާން ދެކޮޅު ހެދީ ކީއްވެ؟
"ބަރާސިލު"ގެ ހަނދާންތައް، އަބްދުﷲގެ ހަޔާތުން
ރަށްރަށް ފަޅުވުމާއި އާބާދުވުން، އާދަޔާޚިލާފު ގޮތަކަށް!
ގއ. އަތޮޅު ތިން ރަށެއް ވަރުވާއަށް ނުދޭން ނިންމައިފި
ގއ. އަތޮޅުގެ 20 ރަށެއް ވަރުވާ އަށް ދޫކުރަނީ
ކުރިން ދޫކުރި ރަށްތައް އަތުލެވޭ ގޮތަށް ހަދައިފި