Roadha Mihaaru
"މިނިވަންކަމަށް ބޭނުންވަނީ ރަށް ވަށާ ފާރެއް ނޫން"

މިނިވަންކަމަށް ބޭނުންވަނީ ރަށް ވަށާ ފާރެއް ނޫން، ގުޅުންތައް ހަރުދަނާކުރުން: ރައީސް

23 އޯގަސްޓް 2023

މިނިވަންކަމަށް ބޭނުންވަނީ ރަށް ވަށާ ފާރެއް ރޭނުން ނޫން ކަމަށާއި އެކަމަށް ބޭނުންވަނީ ގުޅުންތައް ހަރުދަނާކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ބ. ދަރަވަންދޫން އާސިމާ ނިޒާރު

މިނިވަންކަމަށް ބޭނުންވަނީ ރަށް ވަށާ ފާރެއް ރޭނުން ނޫން ކަމަށާއި އެކަމަށް ބޭނުންވަނީ ގުޅުންތައް ހަރުދަނާކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި ހާރިޖީ ސިޔާސަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ގައުމުތަކާ އެކަހެރިވެފައި އޮތުން ނިމުމަކަށް ގެނެސް، ދުނިޔޭގެ ޗާޓުގެ ތެރެއަށް އަދި އާއިލާގެ ތެރެެއަށް މަޑުމަޑުން ގޮސް، އެންމެ ކުރީ ސަފަށް އަރައި ބަސް ބުނުމުގެ ފުރުސަތު ހޯދާފައިވާ ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އދ.ގެ ކޮންމެ މަގާމަކަށް ކުރިމަތިލިޔަސް ރާއްޖެއަށް ތާއިދުކުރާނެ ކިތަންމެ ގައުމެއް އެބަހުރި ކަމަށާއި އެ ޖަމާއަތުގެ ވާދަވެރި އިންތިހާބެއްގައި ވާދަކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހާ ވަރަށް އަޅުގަނޑުމެންނަށް ހާރިޖީ ސިޔާސަތު، މިނިވަން ހާރިޖީ ސިޔާސަތަކަށް ފުޅާކުރެވިއްޖެ. މިހާރު 180އަށްވުރެ ގިނަ ގައުމާއެކީގައި އަޅުގަނޑުމެންނަށް ހާރިޖީ ގުޅުން ގާއިމްކުރެވިއްޖެ. އަދި އޭގެ ތެރެއިން 80 އަށް ވުރެ ގިނަ ގައުމަށް ވިސާ ނެތި ދަތުރުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

"މިއީ، މި ސަރަހައްދުގައި އެންމެ ގިނައިން ވިސާ ނެތި އެއް ގައުމުން، އެ ގައުމުން ބޭރަށް ދަތުރުކުރެވޭ ގައުމު. އަދި އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައި ވެސް މިއަދު ބޭނުންވަނީކީ ކޮންމެހެން ރަށް ވަށާ ފާރެއް ނޫން. ބޭނުންވަނީ ގައުމުތަކާ ގުޅުން ބަދަހިކުރަން. މިނިވަންކަމަށް ވެސް އޮތް އެންމެ ބޮޑު ހައްލަކީ ދުނިޔޭގެ ގައުމުތަކާ އެކީގައި ތެދުވެރިކަމާއެކު ގާއިމްކުރެވޭ ހާރިޖީ ގުޅުން."

ރައީސް ވިދާޅުވީ ކުރިއަށް ހާރިޖީ ސިޔާސަތުގައި ކުރިއަށް އޮތް ތަނުގައި ވެސް އޮންނާނީ އެ ސިޔާސަތު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހެޔޮވެރިކަން ކުރުމަށްޓަކައި ވިސްނަންވީ މައިގަނޑު 3-4 ކަމެއްގެ މައްޗަށެވެ. އޭގެ ތެރެއިން، ޗެކް އެންޑް ބެލެންސްކުރަންޖެހޭނެ ކަމަށާއި ސަރުކާރު ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި ހާމަކުރަން ޖެހޭ ކަންކަން ހާމަކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ފަސް އަހަރަކީ މަޖިލީހަށް އެންމެ ގިނައިން ޖަވާބުދާރީވި ފަހަރުކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ .ހެޔޮވެރިކަން ކުރަން ބޭނުންވާނަމަ އަވަހަށް ރުޅި އިސްކުރާކަށް ނުވާނެ އެވެ. މީހުން ދައްކާ ވާހަކަ އަޑުއަހަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މިހާތަނަށް ވެސް 10،000 އަށްވުރެ ގިނަ ފޯމަށް ޖަވާބު ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް މަސައްކަތްކުރަންޖެހޭނެ ކަމަށާއި އެކަމުގެ ތެރޭގައި ޖުޑީޝަރީ އަދި މަޖިލިސް ވެސް ހިމެނޭ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ އެ ތަންތަނަށް ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންނާއި ރިސާޔަތާ ދޭތެރޭގައި އުފެދިފައިވާ ސިޔާސީ ބޮޑު ނުތަނަވަސްކަމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ދިނުން ހުއްޓިގެން ނުވާނެ ކަމަށާއި އެ ތަން ބަރާބަރަށް ހިނގަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިސް ބަރާބަރަށް ހިނގަންޖެހޭ. ޝަރުއީ ދާއިރާ ވެސް ބަރާބަރަށް ހިނގަންޖެހޭ. ގާނޫނު އަސާސީގައި މި ތިން ބާރަށް އެބަހުރި ގާނޫނީ ބާރުތަކެއް ދީފައި. އޭގެ ތެރޭގައި ގާނޫނީ ބައެއް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ނުދީ ހިފަހައްޓައިގެން ތިބެވިގެން ނުވާނެ. އެއާ ދޭތެރޭގައި ދެން އަޅަން ޖެހޭ ފިޔަވަޅެއް ނޫނީ ކުރަންޖެހޭ ކަމެއް، ދެން ކުރަންޖެހޭ ބަޔަކު ލަސްނުކޮށް ކުރަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

މަރުކަޒީ ކޮށްފައިވާ ބާރުތައް ދޫކޮށްލަންޖެހޭ ކަމަށާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް މިހާރު ވެސް ބާރުތައް ދޫކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. ބޭނުންވަނީ އެ ތަންތަނަށް މުވައްޒަފުން އިތުރުކޮށް ހަރުދަނާކުރުން ކަމަށް ވިދާޅުވެ، އަންނަ ޖެނުއަރީން ފެށިގެން އެ ތަންތަނަށް ގެންނަ ބަދަލާއެކު ހަލުއިކޮށް ކައުންސިލްތަކުގެ ހިދުމަތްތައް އަވަސްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.