Roadha Mihaaru
އާސެނަލް ފުއްދާލީ ޕެނަލްޓީއަކުން، އާޓެޓާ ހުރީ އުފަލުން

އާސެނަލް ފުއްދާލީ ޕެނަލްޓީއަކުން، އެގޮތަށް މޮޅުވިޔަސް އާޓެޓާ ހުރީ އުފަލުން

22 އޯގަސްޓް 2023

ލަންޑަން (އޯގަސްޓް 22) - ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ކެޕްޓަން މާޓިން އޮޑެގާޑް ވައްދާލި ޕެނަލްޓީން 1-0 ން އާސެނަލް މޮޅުވެއްޖެ އެވެ.

ލަންޑަން (އޯގަސްޓް 22) - ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ކެޕްޓަން މާޓިން އޮޑެގާޑް ވައްދާލި ޕެނަލްޓީން 1-0 ން އާސެނަލް މޮޅުވެއްޖެ އެވެ.

ޕެނަލްޓީން އޮޑެގާޑް ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓްގަ އެވެ. އެކަމަކު އޭގެ ފަހުން އެ ޓީމުގެ ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލި އެވެ.

އޭގެ ފަހުން އާސެނަލް ކުޅުނީ ޑިފެންސަށެވެ. ޕެކް ޑިފެންސެއްގައި ކުޅެ ނަތީޖާ އެ ޓީމުގެ ކޮޅުގައި ހިފަހައްޓަން މަސައްކަތް ކުރުމުން އެ ޓީމުގެ ހިތްގައިމު ކުޅުން ގެއްލުނެވެ.

އެކަމަކު އެގޮތަށް ކުޅެގެން މޮޅުވިޔަސް ކޯޗު މިކަލް އާޓެޓާ ހުރީ އުފަލުންނެވެ.

"މިގޮތަށް މޮޅުވުން އަހަރެން ހިތްހަމަޖެހޭ... އެހާ އުނދަގޫ ޓީމަކާ ދެކޮޅަށް ފުރަތަމަ ހާފުގައި ކުޅުނު ގޮތް ... އަހަރެމެންނަށް ކޮންޓްރޯލް ކުރެވުނު ބައިކޮޅަށް ލަނޑެއް ނުވަދެ... ދިހަ ކުޅުންތެރިންނާ އެކު ވެސް އަހަންނަށް ބައިކޮޅަށް ލަނޑެއް ނުވަ ނިންމާލެވުމުން ވަރަށް ހިތްހަމަޖެހޭ. އަހަރެން ވަރަށް އުފާވޭ ޓީމުން ރަނގަޅު ގޮތަކަށް މެޗާ ކުރިމަތިލީތީ. އެ މީހުން ބޭނުންވަނީ މެޗުން މޮޅެއް ހޯދުންކަން ދައްކައިދީފި،" މެޗަށް ފަހު އާޓެޓާ ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޑީ ނިކެޓިއާ އަށެވެ. މެޗުގެ 29 ވަނަ މިނެޓްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.

ލީގުގައި އާސެނަލް ކުޅުނު ދެ މެޗުން ވެސް މޮޅުވީ އެވެ. މިދިޔަ ސީޒަނުގައި ވެސް ކުރީކޮޅު އެ ޓީމުން ޑޮމިނޭޓް ކުރި އެވެ. ސީޒަނުގެ މެދަކާ ހަމައަށް ދިޔައިރު ވެސް އެ ޓީމު އެއްވަނައިގައި އޮތުމުން އެ ޓީމު ލީގު ހޯދާނެކަމަށް އުންމީދު ކުރެވުނެވެ. އެކަމަކު ސީޒަނުގެ ވަކި ހިސާބަކުން އެ ޓީމަށް މައްސަލަ ދިމާވެ އެއްވަނަ މަގާމު އަތުން ދޫވި އެވެ.