Roadha Mihaaru
ވިއެރާގެ ކްރިސްޓަލް ޕެލަސް އިން އާސެނަލް ބަލިކޮށްފި

ވިއެރާގެ ކްރިސްޓަލް ޕެލަސް އިން އާސެނަލް ބަލިކޮށްފި

05 އެޕްރީލް 2022

ލަންޑަން (އޭޕްރީލް 5) - އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއެރާގެ ކޯޗުކަމުގައި، މި ސީޒަނުގައި ކުޅެމުން އަންނަ ކްރިސްޓަލް ޕެލަސް އިން މިރޭ އަމިއްލަ ދަނޑުގައި 3-0 އިން އާސެނަލް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 5) - އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއެރާގެ ކޯޗުކަމުގައި، މި ސީޒަނުގައި ކުޅެމުން އަންނަ ކްރިސްޓަލް ޕެލަސް އިން މިރޭ އަމިއްލަ ދަނޑުގައި 3-0 އިން އާސެނަލް ބަލިކޮށްފި އެވެ.

މިރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގައި އާސެނަލްގެ ގޯލު ބެލެހެއްޓީ، އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އެސްޓަން ވިލާ ބަލިކުރި މެޗު ގެއްލުނު އާރޮން ރަމްސްޑޭލް އެވެ. ނަމަވެސް އިންޓަނޭޝަނަލް ބްރޭކަށް ފަހު އެނބުރި އައި އެޓީމުގެ ވައިސް ކެޕްޓަން ކީރެން ޓިއޭނީގެ ކަކުލަށް އަނިޔާވެފައިވާތީވެ ޓީމުގައި ހިމަނައިފައެއް ނުވެ އެވެ. އޭނާގެ ބަދަލުގައި މިރޭ ސްޓާޓު ކުރީ ލެފްޓް ބެކް ނޫނޯ ޓަވަރޭސް އެވެ.

ކްރިސްޓާލް ޕެލަސް އިން ލީޑު ނެގީ 16 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމެއްގެ އެހީގަ އެވެ. ކޮނޯ ގަލަހާ ނަގައިދިން ހިލޭޖެހުމަކުން ޑިފެންޑަރު ޔޯކިމް އެންޑަސެން ބޮލުން ގޯލު ކުރިމައްޗަށް ހުސްކޮށްލި ބޯޅަ ބޮލުން ގޯލު ތެރަށް ފޮނުވާލީ ޖިއާން ފިލިޕޭ މަޓޭޓާ އެވެ. އަދި ޕެލަސްގެ ދެވަނަ ލަނޑު މެޗުގެ 24 ވަނަ މިނިޓުގައި ޖެހީ ފޯވާޑް ޖޯޑަން އަޔޫ އެވެ. މި ލަނޑު ވެސް ޖަހަން އެހީވެދިނީ ޑެންމާކު ޑިފެންޑަރު އެންޑަސެން އެވެ.

އާސެނަލްގެ ކުރީގެ ކެޕްޓަން، މިހާރު ކްރިސްޓަލް ޕެލަސްގެ ކޯޗު ވިއޭރާ.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ކުރީގެ ކެޕްޓަން، މިހާރު ކްރިސްޓަލް ޕެލަސްގެ ކޯޗު ވިއޭރާ.-- ފޮޓޯ: އޭއެފްޕީ

ދެ ގޯލު ފަހަތުގައި އޮވެ ފުރަތަމަ ހާފް ނިންމާލި އާސެނަލް ފަހު ހާފު ފެށީ ޓަވަރޭސްގެ ބަދަލުގައި ބްރެޒިލް ފޯވާޑް ގެބްރިއެލް މާޓިނެލީ ކުޅެން އަރުވައިގެންނެވެ. މި ހާފުގެ ކުރީކޮޅު އާސެނަލް ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. އަދި 66 ވަނަ މިނިޓުގައި ރައިޓް ބެކް ސެޑްރިކް ސޯރެސްގެ ބަދަލުގައި ފޯވާޑް އެޑީ ކެޓިއާ ވެސް ކޯޗު މިކެލް އާޓެޓާ ވަނީ ކުޅެން އަރުވައިފަ އެވެ.

ކެޓިއާ ކުޅެން އެރުވިތާ މިނިޓެއް ނުވެ އޭނާ މުޅިން ހުސްކޮށްލާފައި މިޑްފީލްޑަރު މާޓިން އޮޑެގާޑަށް ދިން ބޯޅަ ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ. ނަމަވެސް ޕެލަސްގެ ވިލްފްރެއިޑް ޒާހާ ވަނީ 74 ވަނަ މިނިޓުގައި ޕެނަލްޓީއަކުން އެޓީމުގެ ތިންވަނަ ލަނޑު ޖަހައި އާސެނަލް މާޔޫސް ކޮށްލައިފަ އެވެ. މިއީ ޒާހާ އަށް އާސެނަލްގެ އޮޑެގާޑް ފައުލް ކޮށްގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ކްރިސްޓަލް ޕެލަސްގެ ތިން ލަނޑަށް ފަހު ވެސް އާސެނަލް ފެނުނީ ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން ގިނަ ފުރުސަތުތަކެއް ހޯދަން މަސައްކަތްކުރި ތަނެވެ. އެގޮތުން ބުކަޔޯ ސަކާ ފޮނުވާލި ހަމަލާއެއް ޕެލަސްގެ ސްޕެއިން ކީޕަރު ވިސެންޓޭ ގައިޓާ ދިފާއު ކުރިއިރު، ކެޓިއާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ވަނީ މަތީ ކަނާ ދިމާލުން ގޯލް ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.

މި ނަތީޖާއާ އެކު އާސެނަލް އަށް ވަނީ މެޗު ކާމިޔާބު ކޮށްގެން އަލުން ޓޭބަލްގެ ހަތަރުވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. އާސެނަލް ކުޅުނު 29 މެޗުން ލިބުނު 54 ޕޮއިންޓާ އެކު އެޓީމު ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާ އިން ރޭ ތަފާތު ބޮޑުކޮށް ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ހަތަރުވަނައަށް ޖެހިލިއިރު، އެޓީމުން ވަނީ 30 މެޗު ކުޅެފަ އެވެ. އާސެނަލް އާ އެއްވަރަށް ޓޮޓެންހަމުން ވެސް 54 ޕޮއިންޓް ހޯދާފައި ވާއިރު، ފައިދާ ގޯލުގެ ތަފާތުން ވެސް ކުރީގައި އޮތީ ޓޮޓެންހަމެވެ.

ކްރިސްޓަލް ޕެލަސް ވަނީ މި މެޗުން މޮޅުވެ، 37 ޕޮއިންޓާ އެކު ޓޭބަލްގެ ނުވަވަނައަށް ޖެހިލައިފަ އެވެ. މެޗަކުން ބަލިނުވެ އާސެނަލް އިން ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ޕެޓްރިކް ވިއޭރާ މި ސީޒަނުގައި ކްރިސްޓަލް ޕެލަސްއާ ހަވާލުވެ، ލީގުގައި އެންމެ ފުރަތަމަ އާސެނަލްގެ ދަނޑުގައި ދެ ޓީމު ކުޅުނު މެޗުން ވެސް އާސެނަލް މޮޅުވެފައެއް ނުވެ އެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ޕެލަސް ވަނީ އަމިއްލަ ދަނޑުގައި، ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށްފަ އެވެ. އަދި އޭގެ ކުރިން ވަނީ ސިޓީގެ ދަނޑުގައި އެޓީމު 2-0 އިން ބަލި ކޮށްފަ އެވެ.