Roadha Mihaaru
ފުރަތަމަ މެޗުން މޮޅުވެ އާސެނަލް އިތުބާރު ހޯދައިފި

ފުރަތަމަ މެޗުން މޮޅުވެ އާސެނަލް އިތުބާރު ހޯދައިފި

06 އޯގަސްޓް 2022

އާ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އާސެނަލް އިން ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އާ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އާސެނަލް އިން ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

މި މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލް 20 ވަނަ މިނެޓުގައި ޖެހީ ގެބްރިއަލް މާޓިނެއްލީ އެވެ. ހަނި ނަތީޖާއަކުން އާސެނަލް މޮޅުވާން ދަނިކޮށް އެ ޓީމުގެ ލީޑުފުޅާވީ 85 ވަނަ މިނެޓުގައި ޕެލަސްގެ މާކް ގުއެހީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މިދިޔަ ސީޒަނުގައި މެދުތެރެއިން އާސެނަލް ރަނގަޅު ފޯމެއްގައި އޮއްވާ އަޑިއަޅާލައި ޗެމްޕިއަންސް ލީގުން ޖާގައެއް ގެއްލުނީ އޭޕްރިލް މަހު މި ދަނޑުގައި ޕެލަސް އަތުން 3-0 އިން ބަލިވުމުންނެވެ.

އެއާ އެކު އާސެނަލުން މި ސީޒަނަށް ތައްޔާރުވީ ވަރުގަދަކޮށެވެ. ގެބްރިއަލް ޖީސުސް ގެނެސް ފޯވާޑް ލައިނަށް އިތުބާރު ގެނަ އެވެ. އަދި ޕްރީ ސީޒަނުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރުނެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ފުރަތަމަ މެޗުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ސަބަބަކީ މީގެ ސަބަބުން ކުޅުންތެރިންނަށް އިތުބާރު ލިބުން ކަމަށެވެ.

މިދިޔަ ސީޒަން އާސެނަލް ފެށީ ބައްޔަކާ އެކު އެވެ. އެއާ އެކު ސިލްސިލާކޮށް ދަށް ނަތީޖާތަކެއް ލިބި މިދިޔަ ސީޒަނަކީ އާސެނަލް އިން މިދިޔަ 68 އަހަރުތެރޭ އެންމެ ދަށްކޮށް ފެށި ސީޒަނެވެ.

އާޓެޓާ ބުނީ ޕެލަސްގެ ދަނޑުގައި މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަން ކުރެވޭ ވަރުގެ މެންޓަލިޓީއެއް ބިނާކުރުމަކީ އޭނާގެ އަމާޒަކަށް އޮތީ ވެފައި ކަމަށެވެ.

ޕެލަސްގެ ކޯޗު އަދި އާސެނަލްގެ ކުރީގެ ކާމިޔާބު ކެޕްޓަން ޕެޓްރިކް ވިއެރާ ބުނީ ކުޅުން ގޯސް ނޫން ކަމަށާއި މި މެޗުގައި ދެ ޓީމުގެ ފަރަގަކަށްވީ އެއް ޓީމުން ގޯލް ޖެހިކަން ކަމަށެވެ. އޭނާގެ ޓީމަށް ވެސް ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އޭގެ ބޭނުން ނުކުރެވި އަނެއްކޮޅުން އާސެނަލުން ފުރުސަތުގެ ބޭނުން ހިފުމުން މި ނަތީޖާ ނުކުތީ ކަމަށް އޭނާ ބުންޏެވެ.