Roadha Mihaaru
ޗުއްޓީ ބަދަލުކުރާ ނަމަ ދެކޮޅަށް ނުކުންނާނަން: ޓީމް

ސްކޫލް ޗުއްޓީ ބަދަލުކުރާ ނަމަ އެކަމާ ދެކޮޅަށް ކުރެވެންހުރި ކަމެއް ކުރާނަން: ޓީމް

17 އޯގަސްޓް 2023

ސްކޫލްތަކުގެ ބޮޑު ޗުއްޓީއަށް މި ސަރުކާރުން ގެނައި ބަދަލު އާންމުން ބަލައިނުގަންނަ ކަމަށާއި އެހެންވެ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހަށް ޗުއްޓީ ބަދަލުކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނުރުހުން ފާޅުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސްކޫލްތަކުގެ ބޮޑު ޗުއްޓީއަށް މި ސަރުކާރުން ގެނައި ބަދަލު އާންމުން ބަލައިނުގަންނަ ކަމަށާއި އެހެންވެ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހަށް ޗުއްޓީ ބަދަލުކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނުރުހުން ފާޅުކޮށްފި އެވެ.

އަންނަ މަހުގެ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުރުގައި ރޭ ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ބޮޑު ޗުއްޓީ އަހަރު މެދަށް ބަދަލުކުރީ އާންމުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި އަހަރުގެ މެދަށް ބަދަލުކުރުމުން އެ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށާއި އެކަމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ރަނގަޅަށް ހޭދަކުރަން ދަތިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ރިސޯޓު މުވައްޒަފުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ރިސޯޓު މުވައްޒަފުން ތިބީ އެއްވެސް ވަރަކަށް އެ ފުރުސަތު އެގޮތަށް ދޭކަށެއް ނޫން. އެކަން އަހަރެމެން މިހާ ހިސާބަށް އައިއިރު ވަރަށް ބޮޑު ޕްރެޝާއެއް އެބަ އޮތް މުވައްޒަފުންގެ، އެ ފުރުސަތު ނުދިނުމަށްޓަކައި" މާއްޓޭ

ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) "މިހާރު" އަށް ވިދާޅުވީ ޗުއްޓީއަށް މިހާރު ގެނެސްފައިވާ ބަދަލަކީ ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްގެން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

"މުއިއްޒު އެ ވާހަކަ ރޭގައި ބުނުމާ ގުޅިގެން ޓީމުގެ މެމްބަރުން އަދި ވަރަށް ގިނަ ރިސޯޓު މުވައްޒަފުން ހިތްހަމަ ނުޖެހިގެން އުޅެނީ، އެކަމާ ވަރަށް ދެކޮޅު. އެއީ އެ ބަދަލަކީ ރިސޯޓު މުވައްޒަފުން ވަރަށް ފައިޓްކޮށްގެން ގެނައި ބަދަލެއް. ކުރީގައި ވެސް ޓީމުން އެ ވާހަކަ ދެއްކީ ހުރިހާ ރިސޯޓެއްގައި އުޅޭ މުވައްޒަފުން ވެސް އެގޮތަށް ބޭނުންވާތީ. އެހެންވީމާ އެގޮތަށް ބޭނުންވެފައި ތިއްބައި، މި ބަދަލު މި ގެނެވުނީ،" އޭނާ ވިދާޅުވި އެވެ.

"އޭގައި ވަރަށް މުހިންމު އިގްތިސާދީ އަދި އިޖުތިމާއީ ކަންތައްތަކެއް އެކުލެވޭތީ މި ބަދަލު ގެންނަން އަޅުގަނޑުމެން އޭރު ޑިމާންޑުކުރީ. ވަރަށް ދުވަހު އެކަން ޑިމާންޑު ކޮށްގެން ކޮވިޑު ތެރޭގައި އެ ބަދަލު މި ގެނެވުނީ. ވަރަށް ރަނގަޅު ހެޔޮ ބަދަލެއް މިއީ،"

ޖޫން/ޖުލައިގެ ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރަން ވާހަކަ ދައްކަނީ ވިއްސާރައާ ގުޅުވައިގެން ކަމަށާއި ނަމަވެސް އެއީ މިހާރު މީހުން ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށް މާއްޓޭ ވިދާޅުވި އެވެ. ސަބަބަކީ މިދިޔަ ދެ އަހަރުގެ ބޮޑު ޗުއްޓީގައި ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންގެ އަދަދު އިތުރު ވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް ރިސޯޓުތަކުގެ މުވައްޒަފުންނަށް ހައި ސީޒަންގައި ރިލީޒެއް ނުލިބޭނެ. މިފަހަރު ލޯ ސީޒަންގައި ވަރަށް ގިނަ އަދަދެއްގެ، ރިސޯޓުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް ޗުއްޓީއަށް އާއިލާ ކައިރީގައި ހޭދަކުރީ،" މާއްޓޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓުތަކުގެ ލޯ ސީޒަންގައި ދަތުރުފަތުރާއި އެކޮމޮޑޭޝަންގެ އަގު ހެޔޮވާ ކަމަށެވެ. އަދި ޑިސެމްބަރުގައި ދެ ހަފްތާގެ ޗުއްޓީއެއް ލިބޭ ކަމަށާއި ޑިސެމްބަރަށް ޗުއްޓީ ބޭނުންވާ މީހުންނަށް އެ ދެ ހަފްތާ ބޭނުން ކުރެވޭނެ ކަމަށް ވެސް މާއްޓޭ ވިދާޅުވި އެވެ.

"ރިސޯޓު މުވައްޒަފުން ތިބީ އެއްވެސް ވަރަކަށް އެ ފުރުސަތު އެގޮތަށް ދޭކަށެއް ނޫން. އެކަން އަހަރެމެން މިހާ ހިސާބަށް އައިއިރު ވަރަށް ބޮޑު ޕްރެޝާއެއް އެބަ އޮތް މުވައްޒަފުންގެ، އެ ފުރުސަތު ނުދިނުމަށްޓަކައި،" މާއްޓޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗުއްޓީ ބަދަލުކުރުމުގެ ސިޔާސަތު ބަދަލު ނުކުރާ ނަމަ އެ ސިޔާސަތު ގެންގުޅޭ ބަޔަކާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ފައިޓުކޮށްގެން ގެނައި ރައިޓެއް އެއްވެސް ހުއްޖަތެއް ނެތި އެ ބަދަލު ގެންނަން އެ ފުރުސަތެއް ނުދޭނަން."

ދިރާސީ އަހަރު ފެށޭ ތާރީހަށް ގެނައި ބަދަލަކީ 2021 ވަނަ އަހަރު ގެނައި ބަދަލެކެވެ. މިއީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށް ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައި ގެނައި ބަދަލެކެވެ. އެކަމަކު މި ބަދަލާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ ބަޔަކު ވާހަކަ ދައްކަ އެވެ.