Roadha Mihaaru
ޔާމީން ގެއަށް ބަދަލުކުރީ މަސްލަހަތަށްޓަކައި: މުއިއްޒު

ޔާމީން ގެއަށް ބަދަލުކުރީ ގައުމުގެ މަސްލަހަތަށް، މުއިއްޒުގެ ޝުކުރު

01 އޮކްޓޯބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ގައުމުގެ މަސްލަހަތަށްޓަކައި ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ގައުމުގެ މަސްލަހަތަށްޓަކައި ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސްއާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު މުއިއްޒު ވިދާޅުވީ ޔާމީން ގެއަށް ބަދަލުކުރަން ނިންމީ ގައުމުގެ ރައްޔިތުން ބަސް އިއްވުމުން ކަމަށާއި އަދި އެއީ ގައުމީ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

"ގައުމުގެ މަސްލަހަތު އިސްކުރައްވައިގެން ހުރިހާ ބޭފުޅުން ވެސް އެކުގައި ކުރިއަށް ދިޔައިމަ ގައުމަށް ސުލްހަ މަސްލަސްކަން ލިބިގެންދާނީ. މިއަދު މިއީ އެންމެ އެކަތިގަނޑަކަށްވެ އަމިއްލަ މަސްލަހަތަށް ވުރެ ގައުމު އިސްކުރަންވީ ވަގުތު." މުއިއްޒު ވިދާޅުވި އެވެ.

ޔާމީން ގެއަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމަކީ މުއިއްޒު ވިދާޅުވި ގޮތުގައި ވަރަށް ބޮޑަށް ބަލައިގަންނަ އަދި ޝުކުރުވެރިވާ ކަމެކެެވެ.

"ވަރަށް ބޮޑު އުފަލެއް މިއީ. މިއީ ގިނަ ރައްޔިތުން އަދި ގައުމުގެ ހަމަޖެހުމާއި މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތް. އެމަނިކުފާނަށް އިންސާފު ލިބިދިނުމަކީ މިއަދު އަޅުގަނޑު އެދޭ ގޮތް އަދި ރައްޔިތުން ވެސް އެދޭ ގޮތް." މުއިއްޒު ވިދާޅުވި އެވެ.

ޔާމީން ގެއަށް ބަދަލު ކުރަން ރައީސް ނިންމެވީ އެކަމަށް މުއިއްޒު ރޭ ގޮވާލައްވާފައި ވަނިކޮށެވެ.

އެމަނިކުފާނު މިއަދު ގެކޮޅަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން މަރުހަބާ ދެންނެވުމަށް ޖަމާވެފައި އޮތެވެ. ޔާމީން ވަނީ ބައެއް ސަޕޯޓަރުން ސަލާމް ވެސް ކުރައްވާފަ އެވެ. އަދި އެއްވެ ތިބި ހުރިހާ ސަޕޯޓަރުންނަށް ޔާމީން ވަނީ ޝުކުރު ވެސް އަދާ ކުރައްވަފަ އެވެ.