Roadha Mihaaru

ފެނަކައިން 300 މިލިއަން ނުލިބިގެން 19 ކޮންޓްރެކްޓަރުން ގޮތް ހުސްވެފައި!

ފެނަކަ ކޯޕަރޭޝަނުން އެކި ޕްރޮޖެކްޓްތަކަށް ނުލިބި 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެބަ ހުރި ކަމަށް 19 ކޮންޓްރެކްޓަރުން މިއަދު ބުނެފި އެވެ.

300 މިލިއަން ނުދޭތީ ފެނަކައިގެ ސަޕްލަޔަރުންގެ ޝަކުވާ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 އޯގަސްޓް 2023

ފެނަކަ ކޯޕަރޭޝަނުން އެކި ޕްރޮޖެކްޓްތަކަށް ނުލިބި 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެބަ ހުރި ކަމަށް 19 ކޮންޓްރެކްޓަރުން މިއަދު ބުނެފި އެވެ.

ސަމާ ބީޗްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސާ ނުލިބޭ ކުންފުންޏެއްގެ ލޯޔަރު މުހައްމަދު ޝަހުނީމް ވިދާޅުވީ، ފެނަކައިން ފައިސާ ނުލިބި 100 އަށް ވުރެ ގިނަ ކުންފުނި ތިބިކަން ފާހަގަކުރެވޭ ކަމަށެވެ. އެކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގައި ބިލްތަކަށް ފައިސާ ދޭން އިންނަނީ 130 ދުވަސް ކަމަށާއި ނަމަވެސް، ފައިސާ ނުދައްކާތާ 500 ދުވަހާއި 300 ދުވަސް ވެފައިވާ ބިލްތައް ވެސް އެބަ ހުރި ކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމުގައި ބައެއް ކުންފުނިތަކުން ސިވިލް ކޯޓަށް ގޮސް، ފެނަކައަށް ފައިސާ ދެއްކުމަށް އަމުރު ކޮށްފައިވެސް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް، އެހާލަތުގައި ވެސް ކޯޓުން އެންގި މުއްދަތުގައި ވެސް އެކުންފުނިން ފައިސާ ނުދައްކާ ކަމަށް ވިދާޅުވި އެވެ.

ޕީސީބީގެ އެންމެ ފަހުގެ މާލީ ރިޕޯޓުން އެނގޭ ގޮތުން ފެނަކައިގެ ކަރަންޓް ލައިބިލިޓީ ނުވަތަ ދަރަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ.

"އަޅުގަނޑުމެން ކޮންޓްރެކްޓަރުންނޭ ގދ.ގެމަނަފުށި އިންޖީނުގެ އެޅީ. ކޮންޓްރެކްޓަރުންނޭ އިންޖީނު ގެންދިއައީ. ކޮންޓްރެކްޓަރުން ކޭބަލް ސަޕްލައި ކުރީ. މިއަދު ރައީސުލްޖުމްހޫރިއްޔާ ގެމަނަފުށި އިންޖީނު ހުޅުވާފައި އައި އިރު އެއީ 100 ޕަސެންޓު ދަރަންޏަށް އަޅާފައި. ކޮންޓްރެކްޓަރުން ތިބީ މަގުމަތީގައި. އަޅުގަނޑުމެން 100 ލޭބަރުން ގެންގުޅުނު ކުންފުނި މިހާރު ކުޑަ ކުރަން ޖެހުނީ 20 ލޭބަރުންނަށް،" އިކުއިވީ އިންވެސްޓްމެންޓްގެ އޯނަރު ޝިމްހާދު ވަހީދު ވިދާޅުވި އެވެ.

"އެބަ އުޅޭ 200 މިލިއަން ރުފިޔާގެ މައްސަލަތައް. އެއީ ކޯޓުގައި ކުރިއަށްދާ މައްސަލަތަކާއި ނިމިފައި ހުރި މައްސަލަތައް ހިމެނޭ ގޮތަށް. އޭގެ ތެރޭގައި އުޅޭ ހަތް ކުންފުންޏެއް އެކީގައި ހުށަހަޅާފައިވާ މައްސަލައެއް. އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ބިލްތައް ހުރި. ހަތް ކުންފުނީގެ ބިލްތަކަށް ޓޯޓަލް އެބަ އަރާ 158 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

ފެނަކައިން ފައިސާ ނުލިބިގެން ކޮންޓްރެކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯޔަރު ޝަހުނީމު ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު

ފެނަކައިން ފައިސާ ނުލިބިގެން ކޮންޓްރެކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯޔަރު ޝަހުނީމު ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު

ޝަހުނީމް ވިދާޅުވީ، ޕްރެސްގައި ބައިވެރި ނުވާ ފަރާތްތަކާ އެކު ކޮންޓްރެކްޓަރުންނަށް ފެނަކައިން ދޭންޖެހޭ 500 މިލިއަނެއްހާ ރުފިޔާ އުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ ތެރޭގައި އިންޖީނު ހެދުމުގެ ޕްރޮޖެކްޓްތަކާއި އިންޖީނުގެތަކަށް ބޭނުންވާ ޖަނަރޭޓަރާއި ކޭބަލް ފަދަ ތަކެތި ފޯރުކޮށްދިން ސަޕްލަޔަރުން ވެސް ހިމެނޭ ކަމަށެވެ.

ޕްރެސްގައި ބައިވެރިވި ސަޕްލަޔަރަކު ވިދާޅުވީ، ފެނަކައިން ބިލްތަކަށް ފައިސާ ނުދިނުމުގެ ސަބަބުން، މުވައްޒަފުންނަށް މުސާރަ ނުދެވި، ކުންފުނި ހިންގަން އުނދަގޫވެ، ބައެއް ހަރުމުދާ ވެސް ވިއްކާ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެނީ، އެ ކުންފުނިން ވެސް އެހެން ހޯލްސޭލް ކުރާ ފަރާތްތަކުގެ އަތުން ކްރެޑިޓަށް ތަކެތި ނަގައިގެން ކަމަށާއި، ފެނަކައިން ބިލްތަކަށް ފައިސާ ނުދިނުމުން، އެ ކުންފުނީގެ އެހެން ކްރެޑިޓާސްއަށް ފައިސާ ނުދެއްކި، އިތުރު ޖޫރިމަނާތައް ވެސް ދައްކަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކޮންޓްރެކްޓަރުންނޭ ގދ. ގެމަނަފުށި އިންޖީނުގެ އެޅީ. ކޮންޓްރެކްޓަރުންނޭ އިންޖީނު ގެންދިއައީ. ކޮންޓްރެކްޓަރުން ކޭބަލް ސަޕްލައި ކުރީ. މިއަދު ރައީސުލްޖުމްހޫރިއްޔާ ގެމަނަފުށި އިންޖީނު ހުޅުވާފައި އައި އިރު އެއީ 100 ޕަސެންޓު ދަރަންޏަށް އަޅާފައި. ކޮންޓްރެކްޓަރުން ތިބީ މަގުމަތީގައި. އަޅުގަނޑުމެން 100 ލޭބަރުން ގެންގުނު ކުންފުނި މިހާރު ކުޑަ ކުރަން ޖެހުނީ 20 ލޭބަރުންނަށް،" އިކުއިވީ އިންވެސްޓްމެންޓްގެ އޯނަރު ޝިމްހާދު ވަހީދު ވިދާޅުވި އެވެ.

ފެނަކައިން ފައިސާ ނުލިބިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ކޮންޓްރެކްޓަރަކު ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު

ފެނަކައިން ފައިސާ ނުލިބިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ކޮންޓްރެކްޓަރަކު ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ، އެތައް ފަހަރެއް މަތިން ބިލްތަކަށް ފައިސާ ލިބޭތޯ ފެނަކައިގެ މެނޭޖްމެންޓާ ބައްދަލު ކުރެވިއްޖެ ކަމަށާއި އެކަމަކު އެއްވެސް އެދެވޭ ޖަވާބެއް މެނޭޖްމެންޓުން ނުލިބޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަޕްލައި ކުރި ފިހާރަތަކަށް ޕޭ ނުކުރެވޭ. ދޯނި ފަހަރަށް ޕޭ ނުކުރެވޭ. އެހުރިހާ އެންމެންނާ މި ޖެހެނީ ވާހަކަ ދައްކަން. ނުވިތާކަށް މީރާ އެބަ ދުވޭ ފަހަތުން. ދެ ދުވަހުން އެއް ދުވަހު އެބަ މެއިލް އާދޭ ޖޫރިމަނާ އަރައޭ ކިޔާފަ. އެ ޖޫރިމަނާތައް މާފެއް ނުކޮށްދޭ،" ކޮންޓްރެކްޓަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުދި ކުދި ކުންފުނިތައް ކަމުން، އެކުންފުނިތަކުގެ ހިންގުން ވަރަށް ބޮޑަށް ބިނާ ކުރަން ޖެހެނީ، ފެނަކަ ފަދަ ކުންފުނިތަކުން ދޭ ފައިސާއަށް ކަމަށެވެ. ބިލްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްތައް ވާން ފެށުމުން، އެ ކުންފުނިތައް ހިންގަން ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ.