Roadha Mihaaru
ލިލީއަށް ކުރި ހުކުމް ތަންފީޒުކުރުން ފަސްކޮށްދީފި

ލިލީއަށް ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފި

09 އޯގަސްޓް 2023

ލިލީ އެންޓަފްރައިޒަސް އިން 9.3 މިލިއަން ރުފިޔާ އަމިއްލަ ފަރާތަކަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ހިމެނޭ ފައިސާ ދޫކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރު ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ލިލީ އެންޓަފްރައިޒަސް އިން 9.3 މިލިއަން ރުފިޔާ އަމިއްލަ ފަރާތަކަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ހިމެނޭ ފައިސާ ދޫކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރު ކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ނިންމީ އަމިއްލަ ފަރާތަކަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް ލިލީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ހައި ކޯޓުން ވަގުތީ އަމުރެއް ނެރުނީ އެ ކޯޓުން މައްސަލަ ނިމެންދެން، ސިވިލް ކޯޓުގެ ހުކުމުގައިވާ ފައިސާ ސިވިލް ކޯޓަށް ލިބުމުން އެ ފައިސާ ދޫ ނުކޮށް ސިވިލް ކޯޓުގައި ހިފެހެއްޓުމަށެވެ.

ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ގޮތުން އާސިމް އަބްދުއްރަހީމު ނަމަކަށް ކިޔާ މީހަކު ވަނީ، ލިލީ އެންޓަޕްރައިސަސް އާ އެކު އެއްބަސްވުމެއް ހަދައި، 600,000 ޑޮލަރު އެ ކުންފުންޏަށް ދީފަ އެވެ. އެއީ، އާސިމް ބުނެފައިވާ ގޮތުގައި ލިލީގެ ވިޔަފާރި އަށް އިންވެސްޓް ކުރުމަށް އޭނާ ދީފައިވާ ފައިސާ އެވެ. އެހެން ނަމަވެސް ލިލީ އިން ކޯޓުގައި ބުނެފައި ވަނީ އެއީ ޑޮލަރުގެ މުއާމަލާތެއް ކަމަށެވެ.

އެއީ ކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށް އާސިމްގެ ފަރާތުން ކޯޓުގައި ބުނެފައި ވިޔަސް، ލިލީން ކޯޓުގައި ބުނެފައި ވަނީ އެ ކުންފުނީގެ އެއްވެސް ވިޔަފާރިއެއްގައި އިންވެސްޓްކޮށްފައި ނުވާ ކަމަށާއި އެފަދަ އެއްވެސް ފުރުސަތެއް ވެސް ދީފައިނުވާނެ ކަމަށެވެ.

އެކަމަކު ލިލީން ބުނެފައިވާ ގޮތުގައި އާސިމްގެ އަތުން ޑޮލަރު މާރުކުރުމަށްޓަކައި ފައިސާގެ މުއާމަލާތްތައް ހިންގާފައިވާނެ އެވެ. ޑޮލަރު ގަތުމަށް ހިންގާ މުއާމަލާތްތަކުގައި ގެރެންޓީއެއްގެ ގޮތުގައި ޗެކު ހަވާލު ކުރާ ކަމަށާއި ޗެކް ހަވާލުކުރި ނަމަވެސް ޑޮލަރު ވިއްކާ ފަރާތްތަކުން ނަގުދު ފައިސާ ބޭނުންވާތީ، ނަގުދު ފައިސާ ވެސް ދީފައި ހުންނާނެ ކަމަށެވެ. އަދި، ނަގުދު ފައިސާ ދީފައި ބައެއް ފަހަރު ޗެކް އަތުލެވިފައި ނުހުންނަ ކަމަށާއި އާސިމްގެ އަތުގައި ހުރި ޗެކްތަކަކީ އެގޮތަށް އަތުނުލެވި ހުރި ޗެކްތަކެއް ކަމަށް ލިލީން ކޯޓުގައި ބުނެފައި ވެ އެވެ.