Roadha Mihaaru
އާސެނަލަށް އައްޑަނަ: ލީގުގެ ރޭހުގައިވެސް ވާދަކުރެވޭނެ

އާސެނަލްގެ ކާމިޔާބު؛ ލީގު ހޯދުމުގެ ރޭހުގައި ވެސް ސިޓީއާ ވާދަ ކުރެވޭނެކަން ސާބިތުވެއްޖެ

07 އޯގަސްޓް 2023

ލަންޑަން (އޮގަސްޓް 7) - އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކޮމިޔުނިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން 4-1 އިން ކާމިޔާބު ހޯދައި، ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި ވެސް އާސެނަލް އަށް މެންޗެސްޓާ ސިޓީއާ ވާދަ ކުރެވޭނެކަން ސާބިތުކޮށްދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (އޮގަސްޓް 7) - އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކޮމިޔުނިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން 4-1 އިން ކާމިޔާބު ހޯދައި، ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި ވެސް އާސެނަލް އަށް މެންޗެސްޓާ ސިޓީއާ ވާދަ ކުރެވޭނެކަން ސާބިތުކޮށްދީފި އެވެ.

މިއީ އާސެނަލް އިން ޝީލްޑް ކާމިޔާބު ކުރި 17 ވަނަ ފަހަރެވެ. އިނގިރޭސި ގައުމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅުނު މެޗުގެ ފުރިހަމަވަގުތު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ސިޓީ އެވެ. އެ ޓީމުގެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި އިނގިރޭސި ޒުވާން ކުޅުންތެރިޔާ ކޯލް ޕަލްމާ އެވެ. އޭނާ ލަނޑު ޖެހީ 77 ވަނަ މިނެޓްގައި ކެވިން ޑި ބްރޭނާ ދިން ބޯޅަ އަކުންނެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ގިނަ ވަގުތުގައި އާސެނަލްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު އިތުވަގުތުގެ 11 މިނެޓްގައި ޖެހީ އަލްސަންޑްރޯ ޓްރޮސާޑް އެވެ.

ޕެނަލްޓީޝޫޓް އައުޓްގައި ސިޓީ އަށް ޕެނަލްޓީ ކާމިޔާބުކޮށް ދިނީ ބެނާޑޯ ސިލްވާ އެކަންޏެވެ. ފުރަތަމަ ޕެނަލްޓީ ޑިބްރޭނާ ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ. އަދި ރޮޑްރީ ހެނާންޑޭޒް ތިންވަނަ ޕެނަލްޓީ ފޮނުވާލުމުން ކީޕަރު އާރޮން ރަމްސްޑޭލް ދިފާއު ކުރި އެވެ.

އާސެނަލްގެ ހަތަރު ޕެނަލްޓީ ވެސް އެ ޓީމުން ކާމިޔާބު ކުރި އެވެ. ޕެނަލްޓީތައް ޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑް، ޓްރޮސާޑް، ބުކަޔޯ ސަކާ އަދި ފަބިއޯ ވިއޭރާ އެވެ.

އާސެނަލްގެ އެ ކާމިޔާބާ އެކު އަދި މެޗުން ފެނުނު ވާދަވެރި ކަމަށް ބަލާއިރު ޕްރިމިއާ ލީގުގައި ވެސް އެ ޓީމަށް ސިޓީއާ ވާދަކުރެވޭނެ ފެންވަރު ހުރި ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"ބޮޑެތި މެޗުތަކުގައި އަހަރެމެންނަށް މެން ސިޓީއާ ވާދަކުރެވޭނެކަން މި މެޗުން ފާހަގަ ވެއްޖެ،" ރޮޑްރީގެ ޕެނަލްޓީ މަތަކުރި އާސެނަލްގެ ގޯލްކީޕަރު ރަމްސްޑޭލް ބުންޏެވެ.

"މި ސީޒަނުގައި ވާނެ ގޮތެއް ނޭނގޭ، އެކަމަކު ސިޓީއާ ވާދަކުރާ އިރު އެ އިންނަ މެންޓަލް ބްލޮކް ފިލައިގެން ހިނގައްޖެ. އަހަރެމެން މިތިބީ މިހާރު ކުރިއަށް ދާން ތައްޔާރަށް."

އާސެނަލްގެ ކޯޗު އާޓެޓާ ވެސް ވަނީ ރަމްސްޑޭލްގެ ވާހަކަ އަށް އިތުރަށް ބާރުދޭ ގޮތަށް ވާހަކަ ދައްކައިފަ އެވެ.

"އާރޮން [ރަމްސްޑޭލް] އަށް އެގޮތަށް އިހުސާސް ކުރެވޭ ނަމަ އެއީ ވަރަށް ރަނގަޅު ކަމެއް. އެއީ [ކުޅުންތެރިންނަށް] އިހުސާސްވާ ގޮތުގެ ވާހަކަ، ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ސިޓީގައި ގާޑިއޯލާގެ އެސިސްޓެންޓަކަށް ކުރިން މަސައްކަތް ކުރި އާޓެޓާ ބުންޏެވެ.

"އަހަރެމެންނަށް އެނގޭ އޮތް ޗެލެންޖް. ހާއްސަކޮށް އެ ކުޅުންތެރިންގެ މެޗުއަރިޓީ އާއި ފައިނަލެއްގައި ކުޅެން ބޭނުންވާ އިހްސާސް. އެކަމަކު މިއަދު އަހަރެމެން ފެނިގެން ދިޔައީ ހަގީގަތުގައި ވެސް ސާބިތުކަމާ އެކު ހަނގުރާމަކޮށް މެޗުން މޮޅުވެވޭނެކަން."