Roadha Mihaaru
ޔާމީންގެ މައްސަލައަށް އޭޖީ ތަދައްހުލް ކުރުވައިފި

ޔާމީންގެ ކެންޑިޑެސީ މައްސަލައަށް އޭޖީ ތަދައްހުލް ކުރުވައިފި

03 އޯގަސްޓް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާ ހެދި އިލެކްޝަންސް ކޮމިޝަނުން އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ބަންޑާރަ ނައިބު ތަދައްހުލު ކުރުވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާ ހެދި އިލެކްޝަންސް ކޮމިޝަނުން އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ބަންޑާރަ ނައިބު ތަދައްހުލު ކުރުވައިފި އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު "މިހާރު" އަށް ވިދާޅުވީ ސުޕްރީމް ކޯޓުން އަންގައިގެން އެ މައްސަލައަށް ތަދައްހުލު ވެފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފައިވާއިރު ޕީޕީއެމް ވެސް ވަނީ ތަދައްހުލު ވެފަ އެވެ. ޕީޕީއެމްއިން ތަދައްހުލް ވީ އެ ޕާޓީން އަމިއްލައަށް އެދިގެންނެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެކަމަކު ހަމަ އެ ދުވަހު ވަނީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. ނަމަވެސް ޕީޕީއެމުން ބުނަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ ސުވާލެއްގެ ތެރޭގައި އޮތުމުން މިހާރު ވަނީ އިދިކޮޅު ޕީއެންސީން ވެސް ކެންޑިޑޭޓެއް ނެރެން ނިންމައިފަ އެވެ. އެކަމަކު މިހާތަނަށް ބުނަމުން އައީ ޔާމީނަށް ވާދަކުރެއްވޭނެ ކަމަށާއި ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތާ މެދު ވިސްނަން ވެސް ނުޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުންގެ ކެންޑިޑެސީއާ މެދު ސުވާލު އުފެދިގެން ހުށަހަޅާ މައްސަލަތައް ސުޕްރީމް ކޯޓުން ހަތް ދުވަސް ތެރޭ ނިންމަން ޖެހެ އެވެ. އަދި މިފަދަ މައްސަލަތައް ބަލާނީ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗުންނެވެ.