Roadha Mihaaru
ވަކި ކަމެއް މި ސަރުކާރުން ނުކުރަން ނޭންގޭނެ: ރިފްއަތު

މި ސަރުކާރުގެ ހިދުމަތް ހުއްޓުވައި ވަކި ކަމެއް ނުކުރަން އެންގުމުގެ ގާނޫނީ ބާރެއް ނެތް: އޭޖީ

10 އޮކްޓޯބަރ 2023

މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ހިދުމަތްތަކާއި އެ ނޫން ވެސް ވަކި ކަންތައްތަކެއް ނުކުރަން އެންގުމުގެ ގާނޫނީ ބާރެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަކަށް ނެތް ކަމަށާއި ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވުމާ ހަމައަށް މި ސަރުކާރު ހިނގަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ހިދުމަތްތަކާއި އެ ނޫން ވެސް ވަކި ކަންތައްތަކެއް ނުކުރަން އެންގުމުގެ ގާނޫނީ ބާރެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަކަށް ނެތް ކަމަށާއި ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވުމާ ހަމައަށް މި ސަރުކާރު ހިނގަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަތް ކަމެއް ނުކުރަން ސަރުކާރަށް އަންގަވައިފަ އެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ވެރިކަން ފެށުމުގެ މަރުހަލާއަށް އުފެއްދި އިންތިގާލީ އޮފީހުން ވެސް އަންނަނީ ސަރުކާރުގެ ކުންފުނިތަކަށް ވަކި ކަންތައްތަކެއް ނުކުރަން އަންގަމުންނެވެ. އޭގެ ތެރޭގައި އާ މަޝްރޫއުތައް ނުފެށުމާއި ވަޒީފާގެ ކުރިއެރުން ނުދިނުމާއި ލޯނު ނުނެގުމާއި އާ އިންވެސްޓްމަންޓްތައް ނުފެށުން ފަދަ ކަންކަން ހިމެނެ އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ވަކި ކަންތައްތަކެއް ހުއްޓާލަން ނުވަތަ ނުކުރަން އެންގުމުގެ ގާނޫނީ ހައިސިއްޔަތެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނޯންނަ ކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ވެރިކަންތައް ބަދަލުވިއިރު ވެސް އަމަލުކޮށްފައި ވަނީ އާ ސަރުކާރު އުފެދުމާ ހަމައަށް އޭރެއްގައި އޮންނަ ސަރުކާރު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން މަތީ ދެމިއޮންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް, ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ)އާ ހަވާލާ ދެއްވައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުކޮށް ވެރިކަމުގައި ދެމި ހުންނަވާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އިންތިހާބަކަށް ފަހު އާ ސަރުކާރެއް އުފެދުމާ ހަމައަށް އަންނަ އިންތިގާލީ މަރުހަލާ ވެސް ހިމެނޭނީ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މިހާރު މިހިނގަމުންދާ ރިޔާސީ ދައުރު ނިމުމަކަށް އަންނާނީ 17 ނޮވެމްބަރު 2023 ގައި, އިންތިހާބީ ރައީސް ހުވާކުރެއްވުމާ ހަމައިން. އެ މުއްދަތާ ހަމައަށް މި ސަރުކާރުން ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން މަތީ ސަރުކާރުން ދެމިއޮންނަންވާނެ," ރިފްއަތު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ރިފްއަތު: އަލަށް އިންތިހާބުވާ ސަރުކާރުން ވެރިކަމާ ހަވާލުވަންދެން, ހިނގަހިނގާ ދައުލަތް ދެމިއޮންނަން ޖެހޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު

ބަންޑާރަ ނައިބު ރިފްއަތު: އަލަށް އިންތިހާބުވާ ސަރުކާރުން ވެރިކަމާ ހަވާލުވަންދެން, ހިނގަހިނގާ ދައުލަތް ދެމިއޮންނަން ޖެހޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު

އޭގެ އިތުރުން ދައުލަތެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެންމެހާ މާލީ ކަންކަން ވެސް ކުރަން ޖެހޭނެ ކަމަށާއި އެއީ ވެރިކަން ފަސް އަހަރަށް ރައްޔިތުން ހަވާލުކުރަނީ ހުއްޓުމެއް ނައިސް ދައުލަތް ހިނގަން ކަމަށްވާތީ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް އިންތިހާބުވާ ސަރުކާރުން ވެރިކަމާ ހަވާލުވަންދެން, ހިނގަހިނގާ ދައުލަތް ދެމިއޮންނަން ޖެހޭނެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި މައިގަނޑު ދެތިން ކަމެއް އޮންނައިރު ހިމެނެނީ އަމަލުކުރަން ޖެހޭ އިޖުރާއަތުތަކާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަންކަމަށް އެހީތެރިވާން ޑައިރެކްޓަ އޮފް ޓްރާންސިޝަންގެ މަސްއޫލިއްޔަތު އަދާކުރާނެ ބޭފުޅަކު ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރުމާއި ހޭދަކުރެވޭނެ ފައިސާއާ ގުޅޭ މިންވަރު ކަމަށް ވިދާޅުވި އެވެ.

"އެ ނޫން އެއްވެސް ވާހަކައެއް އެ ގާނޫނުގައި ނުބުނޭ. މިސާލަކަށް ހިނގަމުންދާ ސަރުކާރަކުން ކުރަމުންދާ މަސައްކަތްތަކެއް ހުއްޓާލަން ޖެހޭނެއޭ, ހިނގަމުންދާ މަޝްރޫއެއް ހުއްޓުމަކަށް ގެންނަން ޖެހޭނެއޭ ޓެންޑާ ބޯޑުގައި ހިނގަމުންދާ ބިޑެއް ފަސްކުރަން ޖެހޭނެއޭ ނުވަތަ ދައުލަތުގެ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދީގެން ނުވާނެކަމަށް އެންގިދާނެއޭ އެ ގާނޫނުގައި ބަޔާންކޮށްފައެއް ނޯވޭ." ރިފްއަތު ވިދާޅުވި އެވެ.

"ހަގީގަތަކީ މި ކަހަލަ ވެރިކަން ބަދަލުވުމުގެ މަރުހަލާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން މަތީގައި ސަރުކާރު ދެމި އޮންނަން ޖެހުން. އަދި އެގޮތަށް ދެމިއޮންނައިރު އެއްވެސް ގޮތަކަށް ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ކޮށްގެން ނުވާނެ ދައުލަތުގެ އެއްވެސް އިދާރާއަކުން ވެސް މުއައްސަސާއަކުން ވެސް," އޭޖީ ވިދާޅުވި އެވެ.

ބައެއް މުއައްސަސާތަކުން ބަޔާން ނެރެފައިވާ ކަން ފާހަގަކުރައްވައި އޭޖީ ވިދާޅުވީ ގާނޫނާ ޚިލާފުނުވާ ހިނދެއްގައި ސަރުކާރުގެ ހިދުމަތްތައް ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

"އިންތިހާބީ އާ ރައީސަކު އެދިވަޑައިގަންނަވާ ކަންތައްތަކަކަށް އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުމާއި ނުދިނުން އެއީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ބަލައިގަނެފައި އޮންނަ ރިވެތި ސިފައެއް. އެހެންވެ އެކަމުގައި މި ސަރުކާރުގެ މައްޗަށް މޯރަލް އޮބްލިގޭޝަނެއް އޮވެދާނެ. އިޖާބަދެވެން އޮތް މިންވަރަކަށް އިޖާބަ ދޭން ވެސް ވާނެ. އޭގެ މާނައަކީ ސަރުކާރަކުން ކުރަން ފަށާފައި ހުރި މަސައްކަތްތައް އެ ހިސާބަށް ހުއްޓާލުމެއް ނޫން, ސަރުކާރު އޭގެ ޒާތުގައި ދެމިއޮންނަންވާނެ އާ ސަރުކާރު ހަވާލުވަންދެން," ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ޓްރާންސިޝަން އަކީ މި ގައުމުގައި އާ ކަމެއް ވެސް ނޫން ކަމަށާއި މީގެ ކުރިން ވެސް އަމަލުކޮށްފައި ވަނީ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ ބާރާ އެކު ހިނގަހިނގާ އޮންނަ ގޮތަށެވެ.

މި ވެރިކަން އުފެދުނު މަރުހަލާގައި ވަކި ކަންތައްތަކަކާ ގުޅޭ ގޮތުން ގާނޫނީ ލަފައަކަށް އެދުމުން އެޓާނީ ޖެނެރަލްގެ އޮފީހުން އޭރުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީއަށް ފޮނުއްވި ސިޓީއަކުން ވެސް އެކަން ސާފުކޮށް އެނގެން އޮތް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ލަފައަކަށް އޭރު އެދިފައި އޮތީ މަޝްރޫއުތައް ޓެންޑަރަށް ހުޅުވާލުމާއި އާ މަޝްރޫއުތައް ނުފެށުމާއި ދައުލަތުގެ ނަމުގައި ލޯނު ނުނެގުމާއި ދައުލަތުން މާލީ ޒިންމާއެއް އުފުލަން ޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް ނިންމުމާ މެދުގަ އެވެ. މި ކަންކަމުގެ ލަފައަކަށް އޮކްޓޯބަރު 9, 2018 ގައި އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީގައި ދީފައި އޮތް ލަފާގައި އޮތީ ސަރުކާރުން ފައްޓާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަން ފެންނަ ކަމަށެވެ.

"މި ލަފައަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް. މި ލަފައަކީ އޭގެ ޒާތުގައި ސައްހަ ރަނގަޅު ލަފައެއް." އޭޖީ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތް ވައުދެއް ފުއްދައި ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ނުވަތަ ކުރަން ޖެހޭ ކަމެއް ކުރަން ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކާއި ކުންފުނިތަކަށް ވެސް އެއްވެސް ހުރަހެއް ނެތެވެ.

އޭޖީ ވިދާޅުވީ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ވެސް މުހިއްމު ކަމަށާއި ސަރުކާރުގެ ހިދުމަތް ހުއްޓޭ ގޮތަށް މުއައްސަސާތަކުން އަންގާ ނަމަ މަޖިލީހުގެ ކޮމިޓީތަކުން އެކަންކަން ބަލަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.