Roadha Mihaaru
ޖޭއެސްސީން ތިން މެންބަރަކު އުނިކުރަން މަޖިލީހަށް

މަޖިލީހުގެ ރައީސާއި ރައީސްގެ މެންބަރު ވެސް ނުހިމެނޭ ގޮތަށް ޖޭއެސްސީ ބަދަލުކުރަން މަޖިލީހަށް

19 ޖޫން 2023

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ބަދަލު ކުރުމަށް ގާނޫނާއި ގާނޫނުއަސާސީ ބަދަލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު މަޖިލީހަށް ފޮނުވައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ބަދަލު ކުރުމަށް ގާނޫނާއި ގާނޫނުއަސާސީ ބަދަލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު މަޖިލީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި ބޭފުޅުން ޖޭއެސްސީގައި ނުހިމެނޭ ގޮތް ހަދައި މެންބަރުންގެ އަދަދަކީ 7 ކަމަށް ހަމަޖެއްސުމަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރާއިރު ގެންނަ މައިގަނޑު ބަދަލު ކަމަށެވެ.

"މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެ ނޫން ވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި،" ބަންޑާރަ ނައިބުގެ ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދަށް ވާއިރު 2019 ވަނަ އަހަރުން ފެށިގެން މި މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިހާތަނަށް ކަމާގުޅޭ ނުވަ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ދެ ބިލާ އެކު މި އިސްލާހީ މަސައްކަތް ފުރިހަމަކުރެވިއްޖެ،" ބަންޑާރަ ނައިބުގެ ޓްވީޓްގައިވެ އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު، ންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު، ބަންޑާރަނައިބު އަދި ރާއްޖޭގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ ގާނޫނީ ވަކީލަކު ހިމެނޭ ގޮތަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަން ލަސްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ޖޭއެސްސީ ބަދަލުކުރުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމަކު އެއިން އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެ އެވެ.