Roadha Mihaaru
މިއީ ހުރިހާ ކަމެއްގެ މައްޗަށް ގައުމު އިސްކުރާ ވަގުތު

މިއީ ހުރިހާ ކަމެއްގެ މައްޗަށް ގައުމު އިސްކުރަންވީ ވަގުތު: ރައީސް

02 އޯގަސްޓް 2023

މިއީ ހުރިހާ ކަމެއްގެ މައްޗަށް ގައުމު އިސްކުރަންވީ ވަގުތު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ހއ. ފިއްލަދޫން އާސިމާ ނިޒާރު

މިއީ ހުރިހާ ކަމެއްގެ މައްޗަށް ގައުމު އިސްކުރަންވީ ވަގުތު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ އިންތިހާބުގައި ކެމްޕެއިނަށް، ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ހއ. ފިއްލަދުއަށް، ވަޑައިގެން، މި ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވަކިވަކި ފަރުދުންނަށް ވުމުން ތަފާތު ހިޔާލުތަކުގެ މީހުން ހުންނާނެ ކަމަށެވެ.

ނަމަވެސް، މިއީ ހުރިހާ ކަމެއްގެ މައްޗަށް ގައުމު އިސްކުރަންވީ ވަގުތު ކަމަށާއި ތަފާތު އެކި ހިޔާލުގެ މީހުންނާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އޭގެއިން ނުކުންނާނީ ރަނގަޅު ނަތީޖާ." ރައީސް ވިދާޅުވި އެވެ.

ބޮޑުތިލަދުންމަތި ތަރައްގީކުރުމުގެ ޕްލޭނާ އެކު ލިބޭނީ ފައިދާ ކަމަށްވާތީ، ހިތްހަމަނުޖެހޭ ކަމެއް އޮތަސް ވޯޓަށް އަސަރުކުރާ ކަމެއް ނުކުރުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. ކުރިއެކޭ އެއްގޮތަކަށް މި ކޯލިޝަނަށް ވެސް މި ރަށުން ބޮޑު ތާއީދެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ކުރީ އިންތިހާބު ކެމްޕެއިން ކުރީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ހިފައިގެން ކަމަށާއި އޭގެ ބޭނުމަކީ އެ މީހަކު ހުރި ރަށަކުން އަސާސީ ހިދުމަތްތަކާއި ދަތުރުފަތުރާއި ރަނގަޅު ސިއްހަތު އަދި ތައުލީމް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. އެ މެނިފެސްޓޯގެ ވައުދުތަކުގެ 90 ޕަސެންޓް ނިމި، ބާކީ ހުރި މަސައްކަތްތައް ކުރަމުން އަންނަކަން، އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ފިއްލަދޫ ސިއްހީ މަރުކަޒަށް ބޮޑުކުރި ބައި ހުޅުވައި ފެނާއި ނަރުދަމާ ނިޒާމް، ރައީސް ވަނީ ފައްޓަވައިދެއްވައިފަ އެވެ.

މި ރަށުގައި ފުޓްބޯޅަ ދަނޑަކާއި ބަނދަރުގެ މައްސަލަތަކާއި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އޭގެ އިތުރުން، އާ މިސްކިތެއް އަޅައިދީ، ޓޫރިޒަމް ސަރަހައްދަށް ފެނާއި ނަރުދަމާ ނިިޒާމް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.