Roadha Mihaaru
ޓޭލާގެ ސްޓާފުންނަށް ބޯނަސް އަށް 55 މިލިއަން ޑޮލަރު

ޓޭލާ ސްވިފްޓްގެ ސްޓާފުންނަށް ބޯނަސްގެ ގޮތުގައި 55 މިލިއަން ޑޮލަރު ދީފި

03 އޯގަސްޓް 2023

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޓޭލާ ސްވިފްޓް އޭނާގެ "އީރާސް ޓުއާ"ގައި މަސައްކަތްކުރާ ސްޓާފުންނަށް ބޯނަސް ގޮތުގައި 55 މިލިއަން ޑޮލަރު ދީފި އެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޓޭލާ ސްވިފްޓް އޭނާގެ "އީރާސް ޓުއާ"ގައި މަސައްކަތްކުރާ ސްޓާފުންނަށް ބޯނަސް ގޮތުގައި 55 މިލިއަން ޑޮލަރު ދީފި އެވެ.

ޕީޕާލްސް މެގަޒިން އިން އިއްޔެ ރިޕޯޓްކުރި ގޮތުގައި، ޓެއިލާގެ "އީރާސް ޓުއާ"ގައި ބައިވެރިވާ ނެށުންތެރިންނާއި ސައުންޑް ޓެކްނީޝަނުންނާއި ކޭޓަރިންނާ އަދި އިތުރު މަސައްކަތްތަކުގައި އުޅޭ އެންމެނަށް ބޯނަސްގެ ގޮތުގައި މުޅި ޖުމްލަ 55 މިލިއަން ޑޮލަރު އޭނާ ދީފައިވެ އެވެ.

ނަމަވެސް، ވަކިވަކިން ކޮންމެ މީހަކަށް ދިނީ ކިހާވަރެއް ކަމެއް ނޭނގެ އެވެ.

"އީރާސް ޓުއާ"ގެ ތެރެއިން ޓެއިލާ މިހާރު ޝޯތައް ދެމުން އަންނަނީ އެމެރިކާގެ އިންގަލްވުޑްގެ ސޯފީ ސްޓޭޑިއަމްގަ އެވެ. އެ ސްޓޭޑިއަމްގައި ޓެއިލާ ބާއްވާ ހަ ޝޯގެ ހުރިހާ ޓިކެޓެއް މިހާރު ވަނީ ވިކިފަ އެވެ.

ޓެއިލާގެ "އީރާސް ޓުއާ"ގެ ޝޯތައް ފެށީ މި އަހަރު މާޗު މަހުގައި އެމެރިކާގެ އެރިޒޯނާ އިންނެވެ.

އަންނަ އަހަރު ޔޫރަޕާއި އޭޝިއާ އަދި އޮސްޓްރޭލިއާގައި ވެސް "އީރާސް ޓުއާ"ގެ ޝޯތައް ބާއްވަން ޓެއިލާ ވަނީ ނިންމައިފަ އެވެ. އެ ޝޯތަކަށް ވިއްކި ޓިކެޓްތައް ވެސް މިހާރު ވަނީ ވިކި ހުސްވެފަ އެވެ.