Roadha Mihaaru
ގެސްޓްހައުސްއަށް ވަކި ފަންޑަކުން ލޯނު ދޫކުރާނަން:ރައީސް

ރައީސްގެ ވައުދެއް: ގެސްޓް ހައުސް ހިންގަން ވަކި ފަންޑެއް ހަދައި ލުއި ލޯނު ދޫކުރާނަން

02 އޯގަސްޓް 2023

ރަށްރަށުގައި ގެސްޓްހައުސް ހިންގަން ވަކި ފަންޑެއް ގާއިމްކޮށް ލުއި ލޯނު ދޫކުރަން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު ހއ. ބާރަށުން އާސިމާ ނިޒާރު

ރަށްރަށުގައި ގެސްޓްހައުސް ހިންގަން ވަކި ފަންޑެއް ގާއިމްކޮށް ލުއި ލޯނު ދޫކުރަން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ހއ. ބާރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ފެށުމަށް މިއަށްވުރެ ރަނގަޅު ރަށެއް ނެތް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބާރަށަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ، ރީތި ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މި ރަށް ވެސް ހިމެނޭ ގޮތުން އާރުޓީއެލް ފެރީގެ ދަތުރުތައް މިހާރު ކުރިއަށްދާއިރު، ކައިރީގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމުމުން ބާރަށާއެކު ހައްދުންމައްޗަށް އަންނަނީ އިންގިލާބީ ބަދަލެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"...މިއީ މުސްތަގުބަލެއް އޮތް ރަށެއް. ހަނިމާދޫ އެއާޕޯޓު އޮތީ މި ރަށާ 10-15 މިނެޓު ކައިރީގައި. ރަށު ފަތުރުވެރިކަން ފައްކާކުރަން މިއަށްވުރެ ފައްކާ ރަށެއް އޮންނާނެއެކޭ އަޅުގަނޑު ނުދަންނަވާނަން. ތި ބޭފުޅުން ތައްޔާރުވެވަޑައިގަންނަވަންވީ މިކަމަށް. ދުރާލާ ވިސްނާލާ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގެ ތެރޭގައި، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ގެސްޓްހައުސް އެޅުމަށް ވަކިން ފަންޑެއް ހުޅުވައި، އޭގެއިން ލުއި ލޯނު ލިބޭ ގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން،" ރައީސް ވިދާޅުވި އެވެ.

މި ރަށު ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަންނަ މަހުގެ 9 ގައި އިންތިހާބުގައި ވޯޓު ލުމުގެ ކުރިން ވިސްނަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ތަރައްގީއާ އެކު ކުރިއަށް ދާނީތޯ ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮތް އަނިޔާވެރިކަމަށް އެނބުރި ދާނީތޯ ވިސްނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ބާރަށުގައި ފެނުގެ ނިޒާމާއި ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް އަދި ފުޓްސަލްދަނޑު އަޅައިފަ އެވެ. އޭގެ އިތުރުން އައުޓްޑޯ ޖިމަކާއި ސެލްފްސާވިސް އޭޓީއެމްއެއް ބަހައްޓާފައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި ހަދަން ހަވާލުކުރި ނަރުދަމާ ނިޒާމް މަސައްކަތް ހުއްޓި، އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އޮތުމުން، އެ މައްސަލަ ހައްލުކޮށް އެ ހިދުމަތް ވެސް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަރުދަމާ އަދި ފެނުގެ ނިޒާމް ގާއިމްކޮށް ނިމުމުން، ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

އެ ކަންކަމުގެ އިތުރުން، ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ސްކޫލު އޮފީސް އިމާރާތާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރޯހައުސް އަދި މުދާ އަރުވާ ބޭލުމަށް ދަތިވާ މައްސަލަ ހައްލުކޮށްދިނުމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.