Roadha Mihaaru
ލުބްނާންގެ ޝެފަކު ތައްޔާރުކޮށްލީ ދިވެހި ކެއުން

ލުބްނާންގެ ޝެފަކު ތައްޔާރުކޮށްލީ ދިވެހި ކެއުން

01 އޯގަސްޓް 2023

ލުބުނާންގެ ސެލެބްރިޓީ ޝެފް އަދި ސޯޝަލް މީޑިއާ އިންފްލުއެންސާ، އަބީރް އަލް ސަހީރުގެ ޓިކްޓޮކް ވީޑިއޯއެއްގައި ދިވެހި ކެއުން ތައްޔާރުކޮށްފި އެވެ.

ލުބުނާންގެ ސެލެބްރިޓީ ޝެފް އަދި ސޯޝަލް މީޑިއާ އިންފްލުއެންސާ، އަބީރް އަލް ސަހީރުގެ ޓިކްޓޮކް ވީޑިއޯއެއްގައި ދިވެހި ކެއުން ތައްޔާރުކޮށްފި އެވެ.

އުމުރުން 24 އަހަރުގެ އަބީރު ޓިކްޓޮކުގައި މަޝްހޫރުވީ އެކި ގައުމުތަކުގެ ކެއުންތައް ތައްޔާރުކޮށް އަޕްލޯޑްކުރަން ފެށި ވީޑިއޯތަކުންނެވެ.

އެ ވީޑިއޯތަކުގައި އޭނާ ހުންނަނީ ވެސް އެ ގައުމަކާ ގުޅޭ ގޮތަށް ހެދުން އަޅައިގެންނެވެ. ކަންކަން ބޭނުންކުރާ ސާމާނު ވެސް ހުންނަނީ އެ ގައުމަކާ ގުޅޭ ގޮތަށެވެ. ވީޑިއޯގެ މިއުޒިކްގެ ގޮތުގައި ވެސް އޭނާ ހިޔާރުކުރަނީ އެ ގައުމެއްގެ ސަގާފަތާ ގުޅޭ ލަވައެކެވެ. އަދި ކޮންމެ ގައުމެއްގެ ދިދަ ވެސް އޭނާ ބޭނުންކުރެ އެވެ.

އެންމެފަހުން އިއްޔެ އޭނާ ވަނީ ދިވެހި ކެއުން ތައްޔާރުކުރާ ވީޑިއޯއެއް އަޕްލޯޑްކޮށްފަ އެވެ.

@abir.sag Replying to @SuMmEr maldivan garudhiya ?? طبق مالديفز الوطني #maldives #?? #abirzkitchen #garudhiya ♬ original sound - Abir el saghir

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އޭނާ ތައްޔާރުކުރީ ދިވެހިންގެ އެންމެ އާންމު ކެއުން ކަމަށްވާ ގަރުދިޔަ އާއި ބަތެވެ. އެއާ އެކު، ފިހުނު މަހާއި މިރުހާއި ފިޔަ އާއި ލުނބޯ ވެސް ހުއްޓެވެ.

މިއުޒިކްގެ ގޮތުގައި މި ވީޑިއޯގައި އޭނާ ބޭނުންކުރީ ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ މަޝްހޫރު ލަވަ "ބާރަށް ދުއްވާ" އެވެ.

އަބީރުގެ ޓިކްޓޮކްގައި 22 މިލިއަނަށް ވުރެ ގިނަ ފޮލޮވާސް ތިބެ އެވެ. އޭނާ ދިވެހި ކެއުން ތައްޔާރުކުރާ ވީޑިއޯ އަށް މިހާތަނަށް 400،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

އެ ވީޑިއޯ އަށް ވަރަށް ގިނަ ދިވެހިން ކޮމެންޓު ވެސް ކޮށްފައިވެ އެވެ.

"ތިއީ ހަމަ 10/10 އެއް. ވަރަށް ފުރިހަމަ. ދިވެހި ކެއުމާ މެދު އަދި މިހާ ފަހުރުވެރިނުވެވޭ،" އެކަކު ބުންޏެވެ.

"ދިވެހިންގެ ކެއުމެއް ތައްޔާރުކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ."

އަބީރު އެލް ސަހީރުގެ ގިނަ ވީޑިއޯތަކަށް މިލިއަނުން ވިއުސް ލިބޭއިރު، މިހާތަނަށް ޓިކްޓޮކްގައި އެކަނި 500 މިލިއަނަށް ވުރެ ގިނަ ވިއުސް އޭނާގެ ވީޑިއޯތަކަށް ލިބިފައިވެ އެވެ. އަދި އޭނާ އަކީ އަރަބި ކޮންޓެންޓް ކްރިއޭޓާސްގެ ތެރެއިން ޓިކްޓޮކްގައި ފޮލޮވާސް އެންމެ ގިނަ އެކަކެވެ.