Roadha Mihaaru
ގޭމްސްއަށް ނުދަނީ ދަތުރު ހަރަދު ބޮޑުކަމުން: މަހުލޫފް

ފައިސާ އެބަހުރި، ގޭމްސް އަށް ނުދަނީ ދަތުރު ހަރަދު ބޮޑުކަމުން: މަހުލޫފް

26 ޖުލައި 2023

ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި އަންނަ މަހުގެ ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ ފައިސާ ނެތިގެން ނޫން ކަމަށާއި، މުބާރާތަށް ކުރަން ޖެހޭ ހަރަދު ބޮޑުކަމުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި އަންނަ މަހުގެ ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ ފައިސާ ނެތިގެން ނޫން ކަމަށާއި، މުބާރާތަށް ކުރަން ޖެހޭ ހަރަދު ބޮޑުކަމުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު 4-11 އަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯ ވެރިރަށް ޕޯޓް އޮފް ސްޕޭންގައި ބާއްވާ، ގޭމްސްގައި ވާދަނުކުރާނެކަން އޮލިމްޕިކް ކޮމިޓީން ވަނީ އިއުލާންކޮށްފަ އެވެ. އެ ގޭމްގައި ރާއްޖެއިން ބައިވެރި ނުވަނީ ފައިސާގެ ދަތިތަކާ ހެދި ކަމަށް އެމްއޯސީން ބުނެ އެވެ.

އެކަމާ ބެހޭގޮތުން، މިއަދު "މިހާރު" އިން ލިޔުނު ޚަބަރަށް އިޝާރާތްކޮށް މަހްލޫފް ވިދާޅުވީ ގޭމްސް އަށް ނުދާން ނިންމީ އެމެރިކާގެ ކެރީބިއަން ސަރަހައްދުގެ ގައުމެއް ކަމަށްވާ ޓްރިނަޑާޑް އެންޑް ޓޮބޭގޯ އަށް ދިޔުމަށް ކުރަން ޖެހޭ ހަރަދު އިންތިހާ އަށް ބޮޑުވުމުން ކަމަށެވެ.

ކޮމަންވެލްތު ގޭމްސްއިން ނަތީޖާއެއް ނެރުމަކީ ދުރު ކަމެއް ކަމަށާއި އެކަމަށް ކުރާ ހަރަދުގެ ބަދަލުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އެތުލީޓުންނާއި ޓީމުތައް ތައްޔާރު ކުރުވުމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް މިނިސްޓްރީއަށާއި އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ވެސް ގަބޫލު ކުރެވޭތީކަމަށް މަހުލޫފް މިއަދު ކުރެއްވި ޓްވީޓުގައި ވެއެވެ.

"ކަނޑައެޅިގެން ގޯސް މައުލޫމާތެއް،" ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރަނީ ފައިސާ ނެތިގެން ކަމަށް "މިހާރު" އިން ޖެހި ހަބަރު ޝެއާ ކުރައްވައި އެކަން ދޮގުކޮށް، މަހުލޫފް ކުރެއްވި ޓްވީޓުގައި ވެއެވެ.

"ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ، ގޭމްސްގައި ބައިވެރިވުމަށް ޓްރްނިޑާޑް އެންޑް ޓޮބޭގޯ އަށް ދިއުމަށް ކުރަންޖެހޭ ހަރަދު އިންތިހާ އަށް ބޮޑުވެފަ އަދި މިގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަމަށް ވުމާއެކު، އެފައިސާއިން އައިއޯއައިޖީ އަށް ޓީމުތައް ތައްޔާރުވުންމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ."

ފައިސާ ނެތްކަން ދޮގުކޮށް މަހުލޫފް ކުރެއްވި ޓްވީޓް (ކ)، އަދި ކޮމަންވެލްތު ގޭމްސްގައި ވާދަ ނުކުރާކަން ހާމަކޮށް އޮލިމްޕިކް ކޮމިޓީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓު (ވ).--

ފައިސާ ނެތްކަން ދޮގުކޮށް މަހުލޫފް ކުރެއްވި ޓްވީޓް (ކ)، އަދި ކޮމަންވެލްތު ގޭމްސްގައި ވާދަ ނުކުރާކަން ހާމަކޮށް އޮލިމްޕިކް ކޮމިޓީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓު (ވ).--

ގޭމްސްގައި ވާދަ ނުކުރާކަން ހާމަކޮށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ރޭ ސޯޝަލް މީޑީއާގައި ކުރި ޕޯސްޓުގައި ވަނީ، ކުރިއަށް އޮތް ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރާން ނިންމީ "ފައިސާގެ ދަތިކަން ސަރުކާރާއި އެމްއޯސީ އަށް ކުރިމަތިވެފައިވުމާ ގުޅިގެން" ކަމަށެވެ. ނަމަވެސް މަހުލޫފް އެކަން ދޮގު ކުރައްވަ އެވެ.

"ބަޖެޓް އެބަހުރި. ފައިސާ ނެތިގެނެއް ނޫޅެން. ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] ވަނީ ގޭމްސް އަށް ވަކިން ބަޖެޓް ހަމަޖައްސަވައި ދެއްވާފައި. އެކަމަކު މިއަހަރުގެ ގޭމްސްތައް ވަރަށް ކައިރި ކައިރީގައި މި އޮތީ. ކުރިން ވެސް ދަންނަވާފައި ވާނެ އައިއޯއައިޖީއަކީ ގިނަ މެޑަލް ތަކަކަށް ޓާގެޓް ކުރެވޭ ގޭމްސް އެކޭ. ކޮމަންވެލްތަށް ވެސް ދާން ތިބި މެޖޯރިޓީ އެތުލީޓުންނަކީ މަޑަގަސްކަރަ (އައިއޯއައިޖީ އަށް) ވެސް ދާން ތިބި ކުދިން،" މަހުލޫފް "މިހާރު" އަށް ވިދާޅުވި އެވެ.

"ޓްރިނަޑާޑް އެންޑް ޓޮބޭގޯ އަށް ދާން ޓިކެޓަށް އެބަ އަރާ 1.2 މިލިއަން، ކޮމަންވެލްތު ގޭމްސްއިން އެންމެ ބޭނުންވާ ނަތީޖާއަކަށް އުންމީދު ނުކުރެވޭއިރު ބޮޑު ހަރަދެއް ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ކަމަށް ނުދެކޭތީ، އެމްއޯސީ އާއި ބައިވެރިވާ އެސޯސިއޭޝަންތަކާ އަދި ރައީސާ ވެސް މަޝްވަރާ ކުރެވިގެން ނިންމި ނިންމުމެއް މިއީ. އެ ބަޖެޓުން އައިއޯއައިޖީ އަށް ކުދިން ތައްޔާރު ކުރުން މާ ފައިދާ ވާނެ ކަމަށް އެންމެން ވެސް ގަބޫލު ކުރޭ."

އައިއޯއައިޖީ އަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ޓްރޭނިން އަށް ވަރަށް އަވަހަށް ތައިލެންޑަށް ފުރަން ހަމަޖެހިފައި ވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.