16 ނޮވެމްބަރ 2019
ހިންގާ ގަވާއިދުގައި އެތުލީޓުންނަށް (ކުޅުންތެރިން) ބާރު ލިބޭގޮތަށް އެތުލީޓްސް ކޮމިޝަން އުފައްދައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަސާސީ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެންނަން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފުރިހަމަ ތާއީދާ އެކު ފާސްކޮށްފި އެވެ.
ހިންގާ ގަވާއިދުގައި އެތުލީޓުންނަށް (ކުޅުންތެރިން) ބާރު ލިބޭގޮތަށް އެތުލީޓްސް ކޮމިޝަން އުފައްދައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަސާސީ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެންނަން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފުރިހަމަ ތާއީދާ އެކު ފާސްކޮށްފި އެވެ.
ހޮޓެލް ޖެންގެ ބޯލް ރޫމުގައި މިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންުމު ޖަލްސާގައި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާއި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ނޫން ހުރިހާ އެސޯސިއޭޝަނެއް ވަނީ ބައިވެރިވެފަ އެވެ. ވީއޭއެމް ބައިވެރިނުކުރީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ލަފާގެ މަތިން ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ އިއުލާނުކޮށްފަ އެވެ.
އޮޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ މީގެ ކުރިން 2003 ވަނަ އަހަރުން ފެށިގެން އޮތް ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ފަހުން އޮލިމްޕިކް ކޮމިޓީ މިނިވަންތަނަކަށްވީ ފަހުން ގިނަ ބަދަލުތަކެއް އަސާސީ ގަވާއިދަށް ގެންނަން ޖެހުނު ކަމަށެވެ. އެ ގޮތުން އަސާސީ ގަވާއިދުގެ މައިގަނޑު ހުރިހާ ކަންތައްތައް ބަދަލުކުރީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ހުށަހެޅި ހިޔާލުތަކާއި އައިއޯސީން ހުށަހެޅި ބަދަލުތައް ވެސް ހިމަނައިގެންނެވެ. އައިއޯސީން ހުށަހެޅީ އެ ކޮމިޓީން މި އަހަރު އަމަލު ކުރަން ފެށި އެޖެންޑާ 2020 ގެ ކަންތައްތަކުގެ ތެރެއިންނެވެ.
"އައިއޯސީން ފާސްވެގެންދިޔަ ކަންތައްތައް ހިމަނާލަން ޖެހުނު އޭގެ ތެރެއިން އެއް ކަންތައް އެތުލީޓު ކޮމިޝަން އަކީ. ފާހަގަކޮށްލަން ބޭނުންވޭ މި އަލަށް ހެދުނު އަސާސީ ގަވާއިދު ބޮޑު ބާރުތަކެއް ލިބިގެންދާނެ އެތުލީޓުންނަށް. ރާއްޖޭގެ ނެޝަނަލް ޓީމުތަކުގެ އެތުލީޓުންގެ ތެރެއިން ވޯޓަކުން ހޮވޭ މެމްބަރުން އަންނާނެ. ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމުގެ ހައްގު ލިބިގެންދާނެ. ހަމައެއާ އެކު އެތުލީޓުންނަށް އެބަ ލިބޭ އެގްޒެކްޓިވް ކޮމިޓީ އަށް މީހުން އައްޔަނުކުރުމުގެ ބާރު. އެހެންވީމަ ކުރީގައި ނުލިބޭ ވަރަށް ބައިވަރު ބާރުތަކެއް އެތުލީޓުންނަށް ލިބިގެންދާ ގޮތަށް އަސާސީ ގަވާއިދު ބައްޓަން ކުރެވިފައި މިވަނީ،" މަރޭ ވިދާޅުވި އެވެ.
މިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާގެ ތެރެއިން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރޭ (ކ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ ދެން ގެނެވުނު ބަދަލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބަދަލަކީ ސެކްރެޓަރީ ޖެނެރަލާއި ޓްރެޝަރާގެ މަގާމަކީ ވެސް ހިންގާ ކޮމިޓީން އައްޔަނުކުރާ މަގާމެއްގެ ގޮތުގައި ބަދަލު ކުރުމަށެވެ.
މިއަދު އޮތް އާންމު ޖަލްސާގައި ކުރިއަށް އޮތް އަހަރުގެ ބަޖެޓް ވަނީ ފާސްކޮށްފަ އެވެ. މިއަދު ފާސްކުރި ބަޖެޓުގައި މި އަހަރު ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 38.8 މިލިއަން ރުފިޔާ އެވެ. އޮލިމްޕިކް ކޮމިޓީގެ ހަރަދުތަކުގެ ގޮތުގައި ޖަހާފައިވަނީ 46.7 މިލިއަން ރުފިޔާ އެވެ.
ފާއިތުވި އަހަރުތަކުގައި އޮލިމްޕިކް ކޮމިޓީން ވަނީ އޮލިމްޕިކް ހައުސްއެއް އެޅުމަށް ބަޖެޓްކޮށް އެކަމަށް މަސައްކަތްތަކެއްކޮށްފަ އެވެ. މި ފަހަރުގަ ބަޖެޓުގައި އެ ވާހަކަ ހިމަނާފައި ނެތް ނަމަވެސް އަލުން މި ސަރުކާރާ އެކު އެ މަޝްވަރާތައް ކުރާނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ.
"މީގެ ކުރިން އަޅުގަނޑުމެން ބިންގާ އަޅަން ތަން ސާފުކުރާ ހިސާބުން އަޅުގަނޑުމެން އަތުން ލޮކޭޝަން ބީވެގެންދިޔައީ. މިދިޔަ އަހަރު އަޅުގަނޑުމެން ވިސްނުން ތަފާތުކޮށްފިން. މިދިޔަ އަހަރު ހުޅުމާލޭގައި އެކަން ކުރަން ވާހަަކަ ދެކެވުނު މިދިޔަ ސަރުކާރާ އެކީ. ދެން މި ސަރުކާރު އައި ފަހުން އައި އެ މަޝްވަރާއެއް ނުކުރެވޭ. އެ އަޅުގަނޑުމެން ވަރަށް ބޭނުންވާ ކަމެއް. އެކަން ކުރުމުގެ މަޝްވަރާތައް އަޅުގަނޑުމެން ކުރާނަން،" އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ޓްރެޝަރާ ހުސެއިން ރަޝީދު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ބަޖެޓްގެ ބޮޑު ހޭދައެއް އަބަދުވެސް ވިސްނަނީ އެތުލީޓުންގެ ތަރައްގީ އަށް ކަމަށާއި އެ ގޮތުން ކުރިއަށް އޮތް އަހަރު ވެސް އެސޯސިއޭޝަންތަކާ ގުޅިގެން މައިގަނޑު ގޮތެއްގައި ކުރެވޭނީ އެ މަސައްކަތް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވަނީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބާއްވަން ރާއްޖޭން ބިޑް ކާމިޔާބުކޮށްފައިވާއިރު، އެ އަށް ތައްޔާރުވުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ ޕްލޭނެއް ހުރިހާ އެސޯސިއޭޝަނަކަށް ދައްކާލައިފަ އެވެ. އަންނަ މަހުގެ ނިޔަލަށް އެ ޕްލޭނަށް އިތުރު ލަފާ އެރުމުވުމުގެ ފުރުސަތު އެސޯސިއޭޝަންތަކާއި މީޑިއާ އަށް ވެސް އޮލިމްޕިކް ކޮމިޓީން ވަނީ ހުޅުވާލައިފަ އެވެ.
މަރުޒޫގު ވިދާޅުވީ ޕްލޭން ސަރުކާރަށް ހުށަހެޅުމަށް ފަހު ދެން މުބާރާތުގެ އޮގަނައިޒިން ކޮމިޓީއެއް ކަނޑައަޅާނެ ކަމަށާއި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ފެށިގެންދާނީ އެ ހިސާބުން ކަމަށެވެ.
"އޮގަނައިޒިން ކޮމިޓީ އުފެދުމަށް ފަހު ބާއްވާނެ ކުޅިވަރުތަކާއި ބާއްވާނެ ސަރަހައްދުތަކާއި އިންފްރާސްޓްރަކްޗާއާ ގުޅޭ ކަންތައްތައް ނިންމާނީ މުޅި އެކްޝަން ޕްލޭން އެކުލަވާލާނީ މި ފްރޭމްވޯކާއި އެއްކޮށް އަޅުގަނޑުމެން އޮގަނައިޒިން ކޮމިޓީ އެކުލަވާލަން މި ނިންމަނީ ޑިސެމްބަރު ނިމެންވާއިރަށް. ކޮންމެ ގޮތެއް ވިޔަސް ޖެނުއަރީ ފުރަތަމަ ހަފްތާގައި ކީޖްގެ މީޓިން އަކަށް ގޮވާލަން ޖެހޭ،" މަރުޒޫގު ވިދާޅުވި އެވެ.
މިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވި މި އާންމު ޖަލްސާގައި ގިނަ އެސޯސިއޭޝަންތަކުން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގައި ހިނގާ ކަންތައްތަކުގައި ހައްލެއް ހޯދުމުގައި އޮލިމްޕިކް ކޮމިޓީގެ ދައުރު އަދާކުރެވޭނެ ގޮތްތަކާ މެދު ވާހަކަ ދެކެވިފަ އެވެ. އަދި އެސޯސިއޭޝަންތަކުން މައިގަނޑު ގޮތެއްގައި ހުށަހެޅީ އޮލިމްޕިކް ކޮމިޓީ އަށް އަދާކޮށްދެވޭނެ ދައުރު ގިނަ ބަޔަކަށް އެނގިފައި އޮންނާނެ ގޮތަކަށް އާންމުކުރުމަށެވެ.
މި އަހަރަކީ ރާއްޖޭގެ ކުޅިވަރު ހަޔާތުގައި އައި އެންމެ ކާމިޔާބި އެއް އަހަރުގެ ގޮތުގައި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު ވަނީ ވިދާޅުވެފަ އެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި މި ސަރުކާރަށް އެއް އަހަރު ފުރޭއިރު، މިހާތަަނަށް ކޮށްދެވުނު މަސައްކަތްތަކާ މެދު ހިތްހަމަ ޖެހުނު ކަމުގައި ވިޔަސް ލިބުނު ކާމިޔާބީތަކުގެ ކްރެޑިޓެއް ނުގަނާނެ ކަމަށެވެ.
"ވަކި ވަކި ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ކުރިން ނުލިބޭ ވަރުގެ ކާމިޔާބެއް ހޯދާފައި. މިއީ ހަގީގަތުގައި ކުޅިވަރު ކުޅުންތެރިންނާއި އެ ކުދިންގެ ބެލެނިވެރިން އަދި އެސޯސިއޭޝަންތަކުގެ ބުރަ މަސައްކަތް. އަޅުގަނޑުމެން މި ކަމުގެ ކްރެޑިޓެއް ނަގާކަށް ބޭނުމެއް ނޫން. ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވަނީ ވީ އެންމެ ފުރިހަމަކޮށް އިތުރަށް ވެސް މަސައްކަތްތަކެއް ކޮށްދޭން،" މަހުލޫފް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވަނީ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކުގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްދިނުމުގައި އެކި ރޮނގުރޮނގުން ހިދުމަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލަޔާއި ސަނަދު ވެސް ހަވާލުކުރެވުނެވެ.
"ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ މީހާ"
ގޭމްސްއަށް ނުދަނީ ދަތުރު ހަރަދު ބޮޑުކަމުން: މަހުލޫފް
ދޭތިން އެކައްޗަށް ގޮސް މެޑަލް ހޯދައިދޭން އެދިއްޖެ
ކުޅިވަރުގެ ހިދުމަތަށް ޝުކުރު ހައްގެއް ނޫން: މަރްޒޫގް
ދިގު "މެރަތަން" އަކަށް ފަހު މަރޭ އަރާމު ކުރައްވަނީ
ކުޅިވަރު ކުރިއަރުވަން ގަތަރާއެކު އެއްބަސްވުންތަކެއް
އޯސީއޭގެ މެރިޓް އެވޯޑް މަރުޒޫގަށް ލިބިވަޑައިގެންފި
އައިއޯއައިޖީ ބޭއްވޭނެ ގޮތްތަކެއް ހޯދޭނެ: މަރުޒޫގު
ހަސަންގެ އިސްލާހަށް އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން
ސިޔާސީ ނުފޫޒަކީ ކުޅިވަރަށް ލިބޭ ނިކަމެތިކަން: ޝަވީދު