Roadha Mihaaru
ދިގު "މެރަތަން" އަކަށް ފަހު މަރޭ އަރާމު ކުރައްވަނީ

ދިގު "މެރަތަން" އަކަށް ފަހު މަރޭ އަރާމު ކުރައްވަނީ

25 ޖޫން 2021

އެފްއޭ ކަޕް ފައިނަލުގައި، 1999 ގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ވެލެންސިއާ ކުޅުނު ފުރަތަމަ ފައިނަލް މެޗުގައި ކުޅުންތެރިން ދަނޑަށް ހާޒިރުވާންޖެހޭ ވަގުތަށް ވުރެ ލަހުން އިބްރާހިމް ހަލީމް (ކުޑަ ޖަޑާ) ދިއުމުން ވެލެންސިއާގެ އޭރުގެ ކޯޗް ހަންގޭރީގެ ލާޒްލޯ ކިސްގެ ޖާޑިއަށް ޖަޑާ ފައްތައި އެ މެޗުން އޭނާ ބާކީކުރި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭ ކަޕް ފައިނަލުގައި، 1999 ގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ވެލެންސިއާ ކުޅުނު ފުރަތަމަ ފައިނަލް މެޗުގައި ކުޅުންތެރިން ދަނޑަށް ހާޒިރުވާންޖެހޭ ވަގުތަށް ވުރެ ލަހުން އިބްރާހިމް ހަލީމް (ކުޑަ ޖަޑާ) ދިއުމުން ވެލެންސިއާގެ އޭރުގެ ކޯޗް ހަންގޭރީގެ ލާޒްލޯ ކިސްގެ ޖާޑިއަށް ޖަޑާ ފައްތައި އެ މެޗުން އޭނާ ބާކީކުރި އެވެ.

ވެލެންސިއާގެ ފުރަތަމަ 11 އިން އާންމުކޮށް ޖާގަ ހޯދާ ޖަޑާ އެއްފަރާތްކޮށް މުހިންމު މެޗަށް ކިސް އެ ދުވަހު ނެރުނީ ޓީމުގެ އެވްރެޖް ކުޅުންތެރިއެއްގެ ގޮތުގައި އޭރު ހުރި އަހްމަދު މަރުޒޫގް (މަރޭ) އެވެ. ހަ މިނެޓް ލަހުން ހާޒިރުވި ޖަޑާގެ މަގާމަށް އެރުވި މަރުޒޫގް ވަނީ، މެޗު ފެށިގޮތަށް 29 ވަނަ ސިކުންތުގެ ތެރޭގައި ލަނޑު ޖަހައިފަ އެވެ. ތޮއްޑޫ މުހައްމަދު ނިޒާމް ދިން ބޯޅައިން މަރުޒޫގް ވައްދާލި އެ ލަނޑަކީ ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގެ ފައިނަލް މެޗެއްގައި ކުޅުންތެރިޔަކު އެހާ ހިސާބަށް ޖެހި އެންމެ އަވަސް ލަނޑެވެ.

އެ ފަހަރުގެ ފުރަތަމަ ފައިނަލް މެޗު 2-2 އިން އެއްވަރު ވުމުން, އޭރުގެ ގަވާއިދުގެ ދަށުން މެޗު ނިންމާލި އެވެ. ނަތީޖާ ނެރުމަށްޓަކައި އެހެން ދުވަހެއްގައި ދެ ވަނަ މެޗެއް ކުޅެ، ވެލެންސިއާއިން އެ ފަަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކުރީ ދެ ވަނަ މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމަށް ފަހު ގޯލްޑަން ގޯލަށް ކުޅެ، އަލީ އުމަރު ޖެހި ލަނޑާ އެކު އެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކްރެޓަރީކަމަށް ވެސް މަރުޒޫގް ވަޑައިގެންނެވީ އެކަހަލަ ގޮތަކަށެވެ. އޮލިމްޕިކް ކޮމިޓީގެ ފުރަތަމަ އިންތިހާބުގައި، ޖެނަރަލް ސެކްރެޓަރީ ކަމަށް، މާހިދު ޝަރީފް އެކަނި ކުރިމަތި ލައްވާފައި ވަނިކޮށް، އެ މަގާމަށް އޭނާއާ ވާދަކުރައްވާނެ އެހެން ކެންޑިޑޭޓަކު ހޯއްދެވުމަށް ކުޅިވަރުގެ ބައެއް އިސް ފަރާތްކުން އެންޑޯޒް ކުރެއްވި ނަމަކީ މަރުޒޫގެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޖެނަރަލް ސެކްރެޓަރީ ކަމާއި އެފްއޭއެމްގެ ބައެއް ކޮމިޓީތަކުގައި ކުރެއްވި މަސައްކަތް ފިޔަވައި، ކުޅިވަރުގެ މެނޭޖުމެންޓް ދާއިރާއިން އެހެން ތަޖުރިބާއެއް މަރޭގެ ސީވީގައި އޭރު ނެތެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ އިންތިހާބީ ޖެނަރަލް ސެކްރެޓަރީ މަގާމުގެ ދައުރު ހަމަކުރެއްވުމަށް ފަހު މަރުޒޫގް ވަނީ މިހާރު އެއްފަރާތްވެ ވަޑައިގެންފަ އެވެ. ޖެނަރަލް ސެކްރެޓަރީ ކަމުގެ ދައުރުގައި މަރުޒޫގް ވެވަޑައިގެންފައި ވަނީ ބައިނަލްއަގްވާމީ ކުޅިވަރު ޕްލެޓްފޯމްތަކުގައި އެންމެ ގަދަ އެއް އަޑަށެވެ.

ރާއްޖެ ކުޑަ އެވެ. ނަމަވެސް އެންމެ ގިނަ އެތުލީޓުން އުފައްދައި އެންމެ ގިނަ މެޑަލް ހޯދާ ގައުމު، އެމެރިކާ އަށް ވުރެ ކުޅިވަރު އެގްޒެކެޓިވް ބައްދަލުވުންތަކުގައި ބައެއް ފަހަރު ރާއްޖޭގެ އަޑު ގަދަ އެވެ. ބައިނަލްއަގްވާމީ ލެވަލްގައި ރާއްޖޭގެ ނަން މަގުބޫލުވެގެން ދަނީ ވެސް އެފަދަ ބައެއް ނިންމުންތަކުގައި ރާއްޖެ އިން އިސްނަގައި ބަސް ބުނެފައި ވުމުންނެވެ.

އޮލިމްޕިކްސް ކުޅިވަރެއްގެ ގޮތުގައި ސާފިން ހެދުމަށް، އިންޓަނޭޝަނަލް ސާފިން ފެޑްރޭޝަނުން 2011 ގައި ވަކާލާތުކުރަން ފެށި ހިސާބުން، އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުގެ ކޮންގްރެސްތަކުގައި ސާފިންގެ އަޑު އިއްވައިދިން ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. އެ އަޑުތައް އައިއޯސީ ކޮންގްރެސްތަކުގައި ރާއްޖޭގެ ފަރާތުން އިއްވުމުގައި މަރުޒޫގުގެ ދައުރު ބޮޑެވެ.

އެތުލީތުންނަށް ހިންގި ފޯރަމެއްގައި މަރޭ ވާހަކަ ދައްކަވަނީ. --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެތުލީތުންނަށް ހިންގި ފޯރަމެއްގައި މަރޭ ވާހަކަ ދައްކަވަނީ. --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އިސް ސަފުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ ވެސް އޮވެގެން ކުރި މަސައްކަތުން، ސާފިންގެ ރާޅުތައް އޮލިމްޕިކް ގޭމްސްގެ ގޮނޑުދޮށަށް ފުރަތަމަ ފަހަރަށް ބީއްސާލީ 2016 ގެ ރިއޯ ޑި ޖެނީރޯ އޮލިމްޕިކްސްގަ އެވެ. އެ ކުޅިވަރަށް އޮލިމްޕިކް ސްޕޯޓްސްގެ ދަރަޖަ ހޯދައިދޭން ރާއްޖެ އިން ވަކާލާތުކުރި އެއް ސަބަބަކީ ވަށައިގެން ކަނޑު އޮތް ބިޔަ ރާޅު ޖަހާ ރާއްޖޭގެ ރަށްރަށުގައި އެ ކުޅިވަރަށް ބޮޑު ސްކޯޕެއް އޮތުމެވެ.

ދުނިޔޭގެ ބާސްކެޓްބޯޅަ ފެޑްރޭޝަން (ފީބާ) ގެ މިންގަނޑުތެރޭގައި ބާއްވާ މުބާރާތްތަކުގައި ބުރުގާ އަޅައިގެން ކުޅުން 2016 ގައި މަނާކުރި އެވެ. ބުރުގާ އަޅައިގެން ތިބި ކުޅުންތެރިންނަށް ޖެހުނީ ފައިނަލް ސްކޮޑާ ހަމައިން މުބާރާތާ ވަކިވާށެވެ. ފީބާގެ މިންގަނޑުގެ ތެރޭގައި ބުރުގާ އެޅުން ހުއްދަކޮށްފައި ނެތުމުން، އެމެރިކާގެ އެންމެ މަޝްހޫރު އަންހެން ބާސްކެޓް ކުޅުންތެރިޔާ ބިލްގިސް އަބްދުލް ގާދިރަށް ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބުނެވެ.

ބުރުގާ އަޅައިގެން އިންޓަނޭޝަނަލް ބާސްކެޓްބޯލް ގޭމްސްތަކާއި މުބާރާތްތަކުގައި ވާދަކުރުމުގެ ދޮރު ފީބާ އިން ބަންދު ކުރުމުން، އެ މައްސަލަ އަށް އެންމެ ފުރަތަމަ އެޑްރެސްކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. ރާއްޖެ އާއި އިރާން ހިމެނޭ ގޮތަށް އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގެ ކައުންސިލްގަ އާއި އޮލިމްޕިކްސްގެ ބައްދަލުވުންތަކުގައި ކުރި މަސައްކަތް ކާމިޔާބުވީ މެއި 2017 ގަ އެވެ. އެކަން ކާމިޔާބުވުމުގައި އެންމެ ކުޑަ އިސްލާމީ ގައުމުން، އެހެން ގައުމުތަކަށް ދެއްކި ނަމޫނާއާ އެކު އިސްލާމީ ދުނިޔޭގައި ރާއްޖެ އަށް ބޮޑު އިހްތިރާމެއް ލިބުނެވެ. އެ ބައްދަލުވުންތަކުގައި މުސްލިމް އަންހެން ކުޅުންތެރިންގެ އެންމެ ވަރުގަދަ މަންދޫބެއްގެ ގޮތުގައި ހުންނެވީ މަރުޒޫގެވެ.

މަރޭ އާއި އޭނާގެ މަންމަ އަދި ބޭބެ ނިޒާމްއާ އެކު --ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މަރޭ އާއި އޭނާގެ މަންމަ އަދި ބޭބެ ނިޒާމްއާ އެކު --ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އޮލިމްޕިކްސް ކުޅިވަރެއްގެ ގޮތުގައި ކްރިކެޓް ހަމަޖެއްސުމުގެ ވާހަކަތައް ބައިނަލްއަގްވާމީ ލެވަލްގައި ވެސް މިހާރު އޮތީ ދެކެވެން ފަށައިފަ އެވެ. އެ މަސައްކަތުގައި ވޯމްއަޕް ޖެހި ފުރަތަމަ ގައުމަކީ ރާއްޖެ އެވެ. ޖެނަރަލް ސެކްރެޓަރީކަމުގެ މަގާމުން މަރުޒޫގް އެއްފަރާތްވެ ވަޑައިގެންނެވުމުގެ މުއްދަތު ކައިރިވިއރު ސީދާ ރާއްޖެ އިން ބޭނުންވެގެން ސައުތު އޭޝިއަން ގޭމްސްގައި ކްރިކެޓް ހިމަނަން ހުށަހެޅި އެވެ. ސައުތު އޭޝަިއަން ގޭމްސްގައި އޮތް ބޫޓާން އާއި ރާއްޖެ ފިޔަވައި އަނެއް ފަސް ގައުމަކީ ކްރިކެޓުގައި ގަދަ ބާރުތަކެވެ. ހާއްސަކޮށް ދުނިޔޭގެ ކްރިކެޓްގައި އޮތް އެންމެ ގަދަ ހަތަރު ގައުމު ވެސް އޮތީ މި ސަރަހައްދުގަ އެވެ. ނޭޕާލް ވެސް ކްރިކެޓުގައި ބާރަކަށް ވުމަށް އޮތީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ސައުތު އޭޝިއަން ގޭމްސްގައި ކްރިކެޓް ހިމެނުމުގެ ޝައުގެއް އެ ފަސް ގައުމުގެ ނުހުންނާނެ އެވެ. އެ ގައުމުތަކުން ވާދަކުރަން ޖެހޭ ކްރިކެޓް ސީރީޒްތައް ސައުތު އޭޝިއަން ގޭމްސް އަށް ވުރެ ވެސް ފުޅާވެފައި ވަރުގަދަ އެވެ. ނަމަވެސް ރާއްޖެ އިން ބޭނުންވި ގޮތް ފާސް ވެގެން ދިޔައީ ބޫޓާންގެ ތިމްޕޫގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް ކައުންސިލުގައި ރާއްޖޭގެ ފަރާތުން މަރުޒޫގް ހުށަހަޅުއްވައި އެހެން ގައުމުތަކުގެ މަންދޫބުންނާ ލޮބީ ކުރައްވައިގެންނެވެ.

ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ކްރިކެޓުން ވާދަކުރި އެވެ. ކޮމަންވެލްތު ގޭމްސްގައި ކްރިކެޓް ހިމަނާފައި ވަނީ އެންމެ ފަހަރަކު އެވެ. މެލޭޝިއާގައި 1998 ގައި ބޭއްވި ކޮމަންވެލުތު ގޭމްސްއަކީ ކްރިކެޓް ހިމަނައިގެން ބޭއްވި ހަމައެކަނި ކޮމަންވެލްތު ގޭމްސް އެވެ. އަންނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސްގައި އަންހެން ކްރިކެޓް ހިމަނަން ކޮމަންވެލުތު ގޭމްސް ކައުންސިލަށް ވިސްނައި ދިނުމުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ފަރާތުން މަރުޒޫގް އިސް ދައުރެއް އަދާކުރެއްވި އެވެ.

މަރޭ އާންމުންނަށް ކުރިން އެނގިފައި އޮތީ ފުޓްބޯޅައިގެ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކްރެޓަރީ އަށް ވުމަށް ފަހު ވަކި ކުޅިވަރަކާ ވެގެން އުޅެވޭކަށް އޭނާއަކަށް ނޯންނާނެ އެވެ. އޭނާ ތަމްސީލް ކުރީެއްވީ ވެސް ހުރިހާ ކުޅިވަރެކެވެ. ޓީމު ސްޕޯޓްސް އަށް މުޅި ރާއްޖޭގެ ކުޅިވަރުގެ ބަޖެޓްގެ ދެބައިކުޅަ އެއްބައި އޮއްސަމުން ދިޔަ ދުވަސްވަރެއްގައ، އެ ވިސްނުން ބަދަލު ކުރުމުގައި އޮލިމްޕިކް ކޮމިޓީން ގެންގުޅުނު ވިސްނުމަށް ތައުރީފް ހައްގެވެ.

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މެރިޓް އެވޯޑާ މަރޭ (ވ) ހަވާުވެ ވަޑައިގަންނަވަނީ --- ފައިލް ފޮޓޯ

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މެރިޓް އެވޯޑާ މަރޭ (ވ) ހަވާުވެ ވަޑައިގަންނަވަނީ --- ފައިލް ފޮޓޯ

އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުންނަށް ބޭރުގެ ޓްރޭނިން ސްކޮލާޝިޕް ފުރުސަތު ހޯދައިދިނެވެ. އެ އެތުލީޓުންނަށް މެޑަލް ހޯދަން ހިތްވަރު ދިނީ ސީދާ މަރުޒޫގް އެވެ.

"ޓްރޭނިން އަށް މެލޭޝިއާ އަށް ފޮނުވަންވެގެން މަރުޒޫގް ބުނި މެޑަލް ހޯދަން ޓާގެޓްކޮށްގެން މަސައްކަތް ކުރާށޭ،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ބްރޯންޒް، ސިލްވާ އަދި ރަން މެޑަލް ހޯދި ކުރީގެ ޓީޓީ ކުޅުންތެރިޔާ މުއިނާ މުހައްމަދު ބުނެފައިވެ އެވެ.

"އޭގެ ކުރިން ދުވަހަކު ވެސް މީހަކު ނުބުނޭ އިންޓަނޭޝަނަލް ގޭމްސް އިން މެޑަލް ހޯދަން މަސައްކަތް ކުރަން ޖެހޭނެ ވާހަކައެއް."

ރާއްޖެ އަށް މަލްޓި ސްޕޯޓްސް ގޭމްސް އަކުން ފުރަތަމަ މެޑަލް ހޯދި ގިނަ އެތުލެޓުން އުފެއްދީ ސީދާ އޮލިމްޕިކް ކޮމިޓީން ފޯރުކޮށްދިން ޓްރޭނިން ސްކޮލާޝިޕްތަކުންނެވެ. ވަކި ވަކި ގައުމުތަކުން ހޯދި ޓްރޭނިން ސްކޮލާޝިޕްތަކުގެ ފުރުސަތުތަކަކީ މަރޭގެ އިސް ނެގުމުގެ މަތިން ރާއްޖެ އިން ހޯދި ފުރުސަތުތަކެކެވެ. އެންމެ ފުރަތަމަ ރަން މެޑަލް ލިބުމާއި ގޭމްސްތަކުން އެންމެ ގިނަ މެޑަލް ހޯދި އެތުލީޓުން އުފެދުނީ އޮލިމްޕިކް ކޮމިޓީ އޭގައި ބޮޑު ހިއްސާއެއް ވެގެންނެވެ.

އޮލިމްޕިކް ކޮމިޓީގައި ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ތިން ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، މަރޭ ގެއަށް ވަޑައިގެންނެވީ މެޑަލްތަކެއް ހިފައިގެނެއް ނޫނެވެ. ނަމަވެސް އޭނާގެ އޮތީ މެޑަލް ހޯދަން ބޭނުންވުމުގެ އަޒުމާއި އޭގެ ޕްލޭނެވެ. މެޑަލް ހޯދާ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށި އެކަކީ މަރުޒޫގްވެ. ރާއްޖޭގެ އެތުލީޓުންގެ ރަދީފުގައި މެޑަލްގެ ލަފުޒު ލިޔުމުގެ ކުރިން މަރޭގެ ފޮތުގައި އޭނާ އޮތީ އެކަން ކުރާނެ ޕްލޭން ވެސް ކުރަހައި ކުލަ ޖައްސައިފަ އެވެ. ކޮންމެ ކަމަކަށް ވެސް ނިމުމުގެ ވަގުތު އައިސް ބައްދަލުކުރާނެ ފަދައިން ދައުރު ހަމަވެ މަރުޒޫގް ވެސް އޮލިމްޕިކް ކޮމިޓީއާ ދުރަށް ވަޑައިގެންފި އެވެ. މިހާ ހިސާބުން މަރޭގެ ދައުރު ކުޅިވަރުގައި ނިމުނީ ހެއްޔެވެ؟ ދެން އޭނާ ކުޅިވަރުން ފެންނާނެ ހެއްޔެވެ؟

ދުވުންތެރިޔާ ހަސަން ސާއިދު (ކ) އާއި މަރުޒޫގް --- ފައިލް ފޮޓޯ: އެމްއޯސީ

ދުވުންތެރިޔާ ހަސަން ސާއިދު (ކ) އާއި މަރުޒޫގް --- ފައިލް ފޮޓޯ: އެމްއޯސީ

"ކުޅިވަރުގައި އުޅޭނަން އެކަމަކު އަދި ހަމަ މި ބަލަނީ ދެން ފޯކަސް ކުރަންވީ ކޮން ދިމާލަކަށްތޯ. ރިސާޗް ކުރުމުގައި މިހާރު ވަގުތު ހޭދަ މި ކުރަނީ،" އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މެރިޓް އެވޯޑް، ޑިސެމްބަރު މަހު ހާސިލު ކުރެއްވި މަރުޒޫގް ވިދާޅުވި އެވެ.

"ލާމަރުކަޒީ އާ ގާނޫނު ވެސް މިހާރު ތަންފީޒު ކުރަން ފެށީމަ އޭގެ ތެރެއިން ކަންތަތަކެއް ކުރެވޭނެ ގޮތެއް މި ބަލަނީ. ރާއްޖޭގެ އެކި އަތޮޅުތަކުން އުފައްދަނީ އެކި ކުޅިވަރުތަކަށް މޮޅު ކުދިން. މިސާލަކަށް ވ. އަތޮޅުގައި ވޮލީ ކުޅެން މޮޅު ކުޅުންތެރިން އުފެދިގެން އާދޭ. ކުޅުދުއްފުށި، އައްޑޫ، ތިނަދޫން ދުވުންތެރިން އުފެދޭ. އެހެންވީމަ ލާމަރުކަޒީ ގާނޫނުގެ ތެރެއިން ސިސްޓަމެޓިކްކޮށް ޓެލެންޓް ޕޫލް ކުރެވޭނެ ޕްރޮޖެކްޓްތަކެއްގެ ވިސްނުން ވެސް އެބަހުރި. އެކަމަކު އަދި ވަކި ގޮތެއް ނުނިންމަން. އެކި އޭންގަލްތަކުން ރިސާޗްތަކެއް އެބަ ކުރަން."

ފަހު ވަގުތު ޓީމުގައި ހިމަނަން ލެޖެންޑްރީ ކޯޗް ކިސް ނިންމި ކުޅުންތެރިޔާ އަރައި ރާއްޖޭގެ ދަނޑުގައި ޖެހި ތާރީހީ ލަނޑާ އެކު ދަނޑުން ފައިބައިގެން ދިޔަ ގޮތަށް މަރޭ ނުކުތީ ދިގު މެރަތަން އަކަށެވެ. އެ މެރަތަންގައި 12 އަހަރު ދުވުމަށް ފަހު މަރޭ މި ވަގުތު ހޭދަ ކުރައްވަނީ އަރާމު ކުރުމުގަ އެވެ.