Roadha Mihaaru
ކޮވިޑުގައި ޖެއްސުންކުރި، ރިސޯޓުގައި މަސްކައްކަން ގޮވި!

ކޮވިޑުގައި ޖެއްސުންކޮށް ރިސޯޓުތަކުގައި މަސްކައްކާށޭ ގޮވި: ރައީސް

19 ޖުލައި 2023

ކޮވިޑުގެ ދަތި ހާލަތުން ރައްޔިތުންނާއި ގައުމު ސަލާމަތްކުރަން ކުރި މަސައްކަތަށް ސިޔާސީ ފަރާތްތަކުން އެތައް އުނދަގުލަކާއި ޖެއްސުމެއް ކުރިމަތިކުރި ކަމަށާއި ރިސޯޓްތަކުގެ ބަދިގޭގައި މަސްކައްކާށޭ ވެސް ގޮވަމުން ދިޔަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑުގެ ދަތި ހާލަތުން ރައްޔިތުންނާއި ގައުމު ސަލާމަތްކުރަން ކުރި މަސައްކަތަށް ސިޔާސީ ފަރާތްތަކުން އެތައް އުނދަގުލަކާއި ޖެއްސުމެއް ކުރިމަތިކުރި ކަމަށާއި ރިސޯޓްތަކުގެ ބަދިގޭގައި މަސްކައްކާށޭ ވެސް ގޮވަމުން ދިޔަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް ހޯރަފުއްޓަށް ވަޑައިގެން ފަސް އަހަރުގެ ތެރޭގައި ރަށްރަށުގެ މަޝްރޫއުތަކުން ގެނެވުނު ކުރިއެރުމާއި ރައްޔިތުންނަށް ލިބިފައިވާ ފަސޭހަތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މި ބަދަލު ގެނެވުނީ ކޮވިޑުގެ ދަތި ދެ އަހަރުގައި ކުރިމަތިވި އުނދަގޫ ހާލަތާ އެކުގައި ކަމަށެވެ.

އުއްމީދެއް ނެތް ކަމަށް ދެކި، އަޅުގަނޑުމެން ނެތި ދަނީ ކަމަށް ދެކި ވާހަކަތައް ދައްކަމުން ދިޔައީ. ބައެއް ސިޔާސީ ލީޑަރުން ނުކުމެވަޑައިގެން ވިދާޅުވީ ރިސޯޓްތަކުގެ ބަދިގެތަކުގައި ދެންވީ މަސްކައްކަންށޭ.

"މިއަދު ފެންނަން މިއޮތީ ކޮވިޑުގެ އެ ދަތި އުނދަގުލުގައި އަޅުގަނޑުމެން ކުރަމުން އައި މަސައްކަތް. އޭރު ޕްލޭންކުރެވިފައި އޮތް ގޮތަށް ހޯރަފުށީގެ މަގުތައް ނިމެމުން އެ ދަނީ," ރައީސް ވިދާޅުވި އެވެ.

"ދަންނަވަންތޯ ކޮވިޑުގެ ތެރޭގައި ހާދަ އުނދަގުލެއް އަޅުގަނޑުމެނަށް ކުރިމަތިކުރުވިއޭ. އަދި އެހެން ގޮތަކަށް ބުނާ ނަމަ ހާދަ ޖެއްސުމެއް ވެސް ކުރިއޭ. އުއްމީދެއް ނެތް ކަމަށް ދެކި އަޅުގަނޑުމެން ނެތި ދަނީ ކަމަށް ދެކި ވާހަކަތައް ދައްކަމުން ދިޔައީ. ބައެއް ސިޔާސީ ލީޑަރުން ނުކުމެވަޑައިގެން ވިދާޅުވީ ރިސޯޓްތަކުގެ ބަދިގެތަކުގައި ދެންވީ މަސްކައްކަންށޭ. ރިސޯޓްތަކުގައި ވީ ދަނޑުވެރިކަމޭ ކުރަން."

ރައީސް ހޯރަފުށީގައި: ޓޫރިޒަމްގެ ހާލަތު އުއްމީދުކުރި ގޮތަށް ރަނގަޅުވެފައިވާ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ | އެމްޑީޕީ

ރައީސް ހޯރަފުށީގައި: ޓޫރިޒަމްގެ ހާލަތު އުއްމީދުކުރި ގޮތަށް ރަނގަޅުވެފައިވާ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ | އެމްޑީޕީ

އެ ދުވަހު ރިސޯޓްތަކުގެ ބަދިގެތަށް މަސްކައްކާ ތަނަކަށް ހެދި ނަމަ ދެން ކިހިނެއްތޯ ވާނީ. މިއީ ފިތުނަ އާއި ފަސާދަ އާއި ދެކޮޅުވެރިކަން އުފައްދަން ދައްކަމުން އައި ވާހަކަތަކަކީ. -- ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑާ އެކު ޓޫރިޒަމް ހަލާކުވެދިޔަ ކަމަށް ވެސް ބުނަމުން ދިޔަ އެވެ. މި ރާއްޖެ އަށް އަންނާނެ ޓޫރިސްޓަކު ވެސް ނުވާނެ ކަމަށް ސިޔާސީ މީހުން ބުނަމުން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ފަތުރަމުން ދިޔަ ވާހަކަތައް މީހުން މާޔޫސްކުރުވުމަށްޓަކައި. ސަރުކާރާ ދޭތެރޭގައި މީހުންގެ ނަފްރަތު އުފެއްދުމަށްޓަކައި ކަނޑަނޭޅި ދައްކަމުން ދިޔަ ވާހަކަތައް. ނަމަވެސް ދަންނަވަންތޯ އިރާދަކުރެވިއްޔާ މި އަހަރު މި ރާއްޖެ އަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެ," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް އަޅަމުން އައި ފިޔަވަޅުތަކާ އެކު މި ކުރިއެރުން ރާއްޖެ އަންނާނެ ކަން އޭރު ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ފިޔަވަޅު ނޭޅުމާއި ކޮވިޑް މެނޭޖްކުރި ގޮތުން ގައުމުތަކަށް ދިމާވި ގޮތް އަދިވެސް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ގައުމުތަކުން ކަން ކުރި ގޮތަށް ކޮވިޑުގައި މަޝްރޫއުތައް ހުއްޓާނުލުމުން ފައިދާ ވި ކަމަށާއި އެހެން ގައުމުތަކަށް އަދިވެސް ދަތިކަމުން އަރައިނުގަނެވެ އެވެ.

"ދެހާސްއަށާވީހާ ހަމައަށް އަޅުގަނޑުމެން އަމާޒު މި ޖަހަނީ. އިރާދަކުރެއްވިއްޔާ ރާއްޖެއަށް ތިން މިލިއަނަށް ވުރެން ގިނަ ފަތުރުވެރިން ދައްޗެއް ނެތި އަންނާނެ. އިގްތިސާދު ޑަބަލްކުރާ ވާހަކަ މިދައްކަނީ."

ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ހޯދަން އެމަނިކުފާނުގެ ތަސައްވަރެއް އެބައޮތް ކަމަށެވެ. ހަމައެކަނި "މާދަމާ ފެންނަ" މީހަކަށް ގައުމުގެ ވެރިކަން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ދުވަހު ރިސޯޓްތަކުގެ ބަދިގެތަށް މަސްކައްކާ ތަނަކަށް ހެދި ނަމަ ދެން ކިހިނެއްތޯ ވާނީ. މިއީ ފިތުނަ އާއި ފަސާދަ އާއި ދެކޮޅުވެރިކަން އުފައްދަން ދައްކަމުން އައި ވާހަކަތަކަކީ. ރައްޔިތުން ކަނުލާ އެ ވާހަކަތައް އައްސަވަން ވާނެ. މިކަންކަމާ ދޭތެރޭ ވިސްނަންވާނެ،" ރައީސް ވިދާޅުވި އެވެ.