Roadha Mihaaru
ގަމާއި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ

ގަމުގެ ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަ މަހު ފަށަނީ

16 ޖުލައި 2023

ލ. ގަމުގެ ޓާޝަރީ ހޮސްޕިޓަލާއި ގދ. ގައްދޫގައި ހަދާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެ މަޝްރޫއުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލ. ގަމުގެ ޓާޝަރީ ހޮސްޕިޓަލާއި ގދ. ގައްދޫގައި ހަދާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެ މަޝްރޫއުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ބުނެފި އެވެ.

ހުރިހާ ވަސީލަތަކާ އެކު، ގަމުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކާއި ގައްދޫގައި 30 އެނދުގެ އާ ހޮސްޕިޓަލެއް އިމާރާތެއް ކުރަން 1.3 ބިލިއަން ރުފިޔާ އަށް ހަވާލުކުރީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ ހޮމްޓް އެސްޕަނިއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގެ 27 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ދެ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރީ އެމްޓީސީސީއާ އެވެ.

ގަމު ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލް އާ އިމާރާތް ހެދުމުގެ އެއްބަސްވުމުގައި، ހެލްތުގެ ސްޓޭޓް މިނިސްޓަރު އާދިލް އަދި ސްޕެއިންގެ ހޮމްޓް އެސްޕަނިއާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު އެޑުއާޑޯ އޮޅިވޭރި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ، އެ ކުންފުނިން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ. އަންނަ މަހުގެ ދެވަނަ ހަފުތާގެ ކުރިން މަސައްކަތް ކުރަން ބޭނުންވާ ސަމާނު ސައިޓަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެމްޓީސީސީން ބުނިގޮތުގައި، ގަމުގައި ހަދާ ޓާޝަރީ ހޮސްޕިޓަލަށް 28.41 މިލިއަން ޔޫރޯ (492.35 މިލިއަން ރުފިޔާ) ހަރަދުކުރެ އެވެ. ގައްދޫގެ އާ ހޮސްޕިޓަލް އިމާރާތް ކުރަން ހޭދަވަނީ 13.07 މިލިއަން ޔޫރޯ (226.50 މިލިއަން ރުފިޔާ) އެވެ.

މިއީ މި ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކޮށްގެން ހަދާ ދެ ހޮސްޕިޓަލެވެ. މި ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ހަމަޖައްސާފައި ވަނީ ޖަރުމަނު ވިލާތުގެ ޑޮއިޗާ ބޭންކުންނެވެ.

އެ އިން ކޮންމެ ހޮސްޕިޓަލެއްގައި ސްޓާފް އެކޮމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކުއިޕްމަންޓް ހޯދައި މުވައްޒަފުން ތަމްރީނުކުރުމަކީ ވެސް އެއްބަސްވުމުގެ ދަށުން ސްޕެއިންގެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތަކެވެ.

ހެލްތު މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ގަމު ޓާޝަރީ ހޮސްޕިޓަލް ނިންމަން ހަވާލުކުރީ ތިން އަހަރު ދުވަހުން ކަމަށެވެ. ގައްދޫ ހޮސްޕިޓަލް ހަދަން ދީފައި ވަނީ ދެ އަހަރާއި ހަ މަސްދުވަހެވެ.