Roadha Mihaaru
ޑަބްލިއުއަށް 16 މިލިއަން ޑޮލަރު ދޭކަށް ނުޖެހޭނެ

ޑަބްލިއު އެލްޓީ އަށް ދައުލަތުން 16 މިލިއަން ޑޮލަރު ދޭކަށް ނުޖެހޭ: ދައުލަތް

30 ޖެނުއަރީ 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ މަސްލަހަތު އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) ކުންފުންޏަށް ދައުލަތުން ދައްކަން ޖެހިފައިވާ 16.9 މިލިއަން ޑޮލަރު (206 މިލިއަން ރުފިޔާ) އަކީ ދޭންޖެހޭ އެއްޗެއް ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ މަސްލަހަތު އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) ކުންފުންޏަށް ދައުލަތުން ދައްކަން ޖެހިފައިވާ 16.9 މިލިއަން ޑޮލަރު (206 މިލިއަން ރުފިޔާ) އަކީ ދޭންޖެހޭ އެއްޗެއް ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ޑަބްލިއު އެލްޓީ އަށް 16.9 މިލިއަން ޑޮލަރު ދައްކަން ދައުލަތަށް ޖެހުނީ ސަރުކާރުގެ ތިން ކުންފުންޏެއް ގުޅިގެން އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމް) ގެ ނަމުގައި އުފެއްދި ކުންފުނިން ޑަބްލިއު އެލްޓީ އަށް ރިސޯޓް ހެދުމަށް ތިން ރަށެއް 2007 ގައި އެވޯޑް ކުރުމަށް ފަހު ރަށްތައް ހަވާލު ނުކުރި މައްސަލައިގަ އެވެ.

މި މައްސަލާގައި ޑަބްލިއު އެލްޓީ އިން ދައުވާ ކުރުމުން ސިވިލް ކޯޓުން 2014 ގައި ހުކުމްކުރީ، އެ ރަށްތަކުގެ އެޑްވާންސް ކުލީގެ ގޮތުގައި ދައުލަތަށާއި އެއިމް ކުންފުންޏަށް ޑަބްލިއު އެލްޓީ އިން ދެއްކި 16.9 މިލިއަން ޑޮލަރު ތިން މަސް ތެރޭގައި އަނބުރާ ޑަބްލިއު އެލްޓީ އަށް ދެއްކުމަށެވެ. އެހެންވެ، އެ މައްސަލަ އިސްތިއުނާފްކުރީ ދައުލަތުންނެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ 16.9 މިލިއަން ޑޮލަރަކީ އެއިމް ކުންފުނިން އެ ތިން ރަށުގެ ހެޑްލީސް އެގްރިމެންޓްގެ ދަށުން ދައުލަތަށް ދެއްކި ފައިސާއެއް ކަމަށާއި އެއީ ޑަބްލިއު އެލްޓީ ކުންފުންޏާ ދައުލަތާ ދެމެދު ކުރެވުނު މުއާމަލާތެއް ނޫން ކަމަށެވެ. މި ފައިސާ ހޯދަން ދައުވާ ކުރާ ނަމަ އެކަން ކުރަން ޖެހޭނީ އެއިމް ކުންފުނިން ކަމަށާއި އެއީ ޑަބްލިއު އެލްޓީގެ ހައްގެއް އޮތް ކަމެއް ނޫން ކަމަށް ވަކީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއިމް ކުންފުނިން އެއްބަސްވުމާ ޚިލާފްވެއްޖެ ނަމަ، އެޑްވާންސް ފައިސާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ސަރުކާރާއި އެއިމް ކުންފުންޏާ ދެމެދު އޮތް އެއްބަސްވުމުގައި ބުނެ އެވެ. އެއިމް ކުންފުނިން އެ ތިން ރަށް އެހެން ބަޔަކަށް ސަބްލީސް އުސޫލުން ދޫކުރާ ނަމަ ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭއިރު ޑަބްލިއު އެލްޓީއަށް އެ ތިން ރަށް ދޫކުރަން އެއިމް ކުންފުނިން މަސައްކަތް ކުރީ ސަރުކާރުގެ ހުއްދަ ހޯދުމެއް ނެތި ކަމަށް ވަކީލާ ވިދާޅުވި އެވެ.

ޑަބްލިއު އެލްޓީގެ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު ވިދާޅުވީ އެޑްވާންސް ފައިސާގެ ގޮތުގައި، ޑަބްލިއު އެލްޓީން ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ދޭން ނުޖެހޭ ކަމަށް ދައުލަތުން ބުނާއިރު، މިފަދަ އެހެން ބައެއް މައްސަލަތަކުގައި ދައުލަތުން ބައެއް ކުންފުނިތަކަށް ގެއްލުމުގެ ބަދަލު ވެސް ދީފައިވާ ކަމަށެވެ. އަދި އެއިމް ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ އެއްބަސްވުން ބާތިލްކުރަންޖެހޭ އުސޫލުން ބޭޭރުން ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.

އެއިމް ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން އުވައިލީ އެ ކުންފުނިން އެއްބަސްވުމާ ޚިލާފްވެގެން ނޫން ކަމަށާއި އެކަން ކުރީ ސަރުކާރުގެ ސިޔާސަތަށް އައި ބަދަލަކާ ގުޅިގެން ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރު މީޑިއާގައި ދެއްކެވި ވާހަކަތަކުން ވެސް އެކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރި އެވެ.

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރެވެ.

ރަށްތައް ހަވާލު ނުކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހޯދަން ޑަބްލިއު އެލްޓީ އިން ދައުވާކުރާ މައްސަލަ ވެސް ހައި ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ނިންމީ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.