Roadha Mihaaru
ކުޑަމުރައިދު އާއި ހޮނޑާފުށީގެ މައްސަލަ ހައި ކޯޓަށް

ކުޑަމުރައިދު އާއި ހޮނޑާފުށީގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

25 އޯގަސްޓް 2016

ރިސޯޓް ހެދުމަށް ހދ. ކުޑަމުރައިދު އާއި ހދ. ހޮނޑާފުށި ދޫކުރުމަށް ފަހު، އެތަން ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ދަށު ކޯޓުން ކުރި ދެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިސޯޓް ހެދުމަށް ހދ. ކުޑަމުރައިދު އާއި ހދ. ހޮނޑާފުށި ދޫކުރުމަށް ފަހު، އެތަން ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ދަށު ކޯޓުން ކުރި ދެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ކުޑަމުރައިދު ދޫކޮށްފައިވަނީ ޖޭ އެޗް ރިސޯޓްސް އަށެވެ. ހޮނޑާފުށި ދޫކުރީ މ. ތްރީއޭވިލާ އަބްދުﷲ އަލީ އަށެވެ. އެ ދެ ރަށުގައި ރިސޯޓް ހެދުމަށް ދޫކުރުމަށް ފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ވަނީ ކުއްލި ގޮތަކަށް އެ ރަށްތަކުގެ އެއްބަސްވުންތައް ބާތިލް ކުރިކަން އަންގައި، ނޯޓިސް ފޮނުވައިފަ އެވެ.

ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަކިވަކިން ކުރި ދެ ހުކުމުގައި ނިންމާފައިވަނީ، ކުޑަމުރައިދު އާއި ހޮނޑާފުށީގެ އެއްބަސްވުން ވެސް އުވާލި ކަމަށް އެންގީ ގާނޫނާ ޚިލާފަށް ކަމަށާއި އެ ދެ އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށެވެ. އަދި އެއްބަސްވުން ބާތިލް ކުރި ކަމަށް އެންގުމުން، އެ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ފަރާތްތަކަށް ލިބިގެންވާ ކަމަށް ވެސް ދެ ހުކުމުގައިވެ އެވެ.

އެ ދެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ މޭ މަހުގެ ތެރޭގަ އެވެ. އެ މައްސަލަތައް ހައި ކޯޓުން މިހާރު ވަނީ ބަލައިގަނެފަ އެވެ.

ރިސޯޓް ހަދަން ދޫކުރި އިތުރު ބައެއް ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން އުވައިލި އެވެ. އެކަމަކު މިހާތަނަށް ކޯޓުން ހުރިހާ މައްސަލައެއް ވެސް ނިމުނީ ދައުލަތާ ދެކޮޅަށެވެ.

ދައުލަތާ ދެކޮޅަށް ނިމުނު ގިނަ މައްސަލަތަކެއް މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކުރި ރަށްތަކުގެ މައްސަލަ ވެސް ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ސަރުކާރުން ބުނެފައިވަނީ އެ ރަށްތަކުގެ އެއްބަސްވުން އުވައިލީ އެތަންތަނުގައި މަސައްކަތް ނުކުރާތީ ކަމަށެވެ.