Roadha Mihaaru
ޓާޓާ ފްލެޓަށް ފައިސާ ހަމަޖެހުނީ އެންމެ 47 މީހަކަށް

ޓާޓާ ފްލެޓަށް ފައިސާ ހަމަޖެހުނީ އެންމެ 47 މީހަކަށް

30 ޖެނުއަރީ 2017

އަރަބިއްޔާ ކުރިން ހުރި ބިމާއި ގާކޮށި ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން ޖުމްލަ 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އަރަބިއްޔާ ކުރިން ހުރި ބިމާއި ގާކޮށި ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން ޖުމްލަ 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ނިންމައިފި އެވެ.

އެ ބޭންކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓާޓާ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން އެ ބޭންކުން ފައިނޭންސް ހޯދުމަށް 100 މީހަކު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން 47 މީހަކަށް ފައިސާ ދޭން ނިންމައި 53 މީހެއްގެ ފޯމް ބާތިލު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިތަނުން ކަނޑައަޅާފައިވާ މިންގަނޑަށް ޝަރުތު ހަމަވެގެން ފައިނޭންސް ކޮށްދޭން ނިންމީ 47 މީހަކަށް. އެކަން މިހާރު ވާނީ އެ ފަރާތްތަކަށް ވެސް އަންގާފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ގެދޮރަށް ފައިނޭންސް ކޮށްދޭ އެންމެ ދަށް ރޭޓަކީ ނުވަ ޕަސެންޓް އިންޓަރެސްޓް ރޭޓެވެ. އޭގެ ތެރެއިން އެމްއައިބީން ޑައުންޕޭމަންޓަށް 20 ޕަސެންޓް ދެއްކުމުން އަހަރަކު ނުވަ ޕަސެންޓް ޕްރޮފިޓްގައި 20 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ފައިނޭންސް ކޮށްދެ އެވެ. މިގޮތަށް އެ ބޭންކުން ފައިނޭންސް ކޮށްދެނީ ތިން މިލިއަނަށް ވުރެ އަގު ކުޑަ ތަންތަނަށެވެ.

އެމްއައިބީގެ ރޭޓްތައް ދައްކާ ގޮތުން ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި 3،454.939ރ. ދައްކަން ޖެހެ އެވެ. އެ އަދަދު ދައްކަން ޖެހެނީ ދެ މިލިއަން ރުފިޔާގެ ފްލެޓަކަށް މަހަކު 14،395.58ރ. ދައްކާ ނަމަ އެވެ. އެހެން ބޭންކުތަކާއި ފައިނޭންސް ކޮށްދޭ ތަންތަނުން 20 ޕަަސެންޓް ޑައުންޕޭމަންޓް ދެއްކި ނަމަވެސް އިންޓަރެސްޓްގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް އިންޓަރެސްޓް ޗާޖްކުރެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ޓާޓާ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން ފައިނޭންސް ހޯދަން ހުށަހެޅީ ހަމައެކަނި އެމްއައިބީ އަށެވެ. އެހެން އެއްވެސް ބޭންކަކުން ނުވަތަ އެޗްޑީއެފްސީން ވެސް އެ ފަރާތްތަކަށް ލޯނު ދޭން ނިންމި ކަމެއް އެނގިފައެއްނުވެ އެވެ.

އެ ފްލެޓްތަކަށް ހޮވުނު 268 މީހުންގެ ތެރެއިން ލޯނު ހަމަނުޖެހުނު ފަރާތްތަކާ މެދު އަމަލުކުރަން ނިންމާފައިވާ ގޮތެއް ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމައެއްނުކުރެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ ފަރާތްތަކާ މެދު ނިންމާ ގޮތެއް ފަހުން އަންގަވާނެ ކަމަށެވެ. އޭގެ އިތުރުން އެޗްޑީސީން ބުނީ އެ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކަމަށެވެ.

އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް ލިބުނު މީހުން އެއް ފަހަރާ ފައިސާ ދެއްކުމަށް ފަހު ނުވަތަ ލޯނު ލިބުނުކަން އެޗްޑީސީ އަށް އަންގަން ދިން މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެޗްޑީސީން ކުރިން ބުނި ގޮތުގައި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ހަދާ އެއްބަސްވުމަކަށް ފަހު އެވެ.

ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.