Roadha Mihaaru
ބޮޑު ޖޫރިމަނާ ވެލެންސިއާއިން ނުދައްކާތާ އަހަރެއް

އަހަރެއްވީއިރު ވެސް ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ ވެލެންސިއާއިން ނުދައްކާ

10 ޖުލައި 2023

މިދިޔަ އަހަރު އޭއެފްސީ ކަޕް ކޮލިފައިންގެ މެޗަށް، ބަންގްލަދޭޝް އަށް ނުދިޔަ މައްސަލައިގައި، މީގެ އަހަރެއް ކުރިން އޭއެފްސީން ވެލެންސިއާގެ މައްޗަށް ކުރި 20،000 ޑޮލަރުގެ (300،000 ރުފިޔާ) އަދި ވެސް ނުދައްކާކަން ހާމަވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިދިޔަ އަހަރު އޭއެފްސީ ކަޕް ކޮލިފައިންގެ މެޗަށް، ބަންގްލަދޭޝް އަށް ނުދިޔަ މައްސަލައިގައި، މީގެ އަހަރެއް ކުރިން އޭއެފްސީން ވެލެންސިއާގެ މައްޗަށް ކުރި 20،000 ޑޮލަރުގެ (300،000 ރުފިޔާ) އަދި ވެސް ނުދައްކާކަން ހާމަވެއްޖެ އެވެ.

އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރުގައި، ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެލެންސިއާ ނުދިޔައީ އެ ކްލަބްގައި ފައިސާ ނެތުމުންނެވެ. އެންމެ ފަހު ވަގުތު ޔޫތު ސްޕޯޓްސް މިނިސްޓްރީން ޓިކެޓް ނަގައިދިން ނަމަވެސް ޑާކާ އަށް ގޮސް ހޮޓަލަށް ދައްކާނެ ފައިސާ ވެސް އެ ކްލަބްގައި ނެތް ކަމަށް އޭރު އެ ކްލަބްގެ އޮފިޝަލުން ބުންޏެވެ.

އެ މެޗަށް ވެލެންސިއާ ނުދިޔަ ކަމަށް ބަލައި، ދެ ގޯލާ އެކު އަބަހާނީ މޮޅުވި ކަމަށް ނިންމި އެވެ. އަދި މެޗު ދޫކޮށްލި ކަމަށް ބަލައި ވެލެންސިއާ ޖޫރިމަނާ ކުރި އެވެ.

ވެލެންސިއާގެ އޮފިޝަލަކު ބުނީ އޭއެފްސީ ޖޫރިމަނާ ކުރުމުން، މައްސަލަ އިސްތިއުނާފް ކުރުމަށް ކުލަބުން ހުށަހެޅި ކަމަށެވެ. ނަމަވެސް އިސްތިއުނާފްގައި ވެސް ވެލެންސިއާ އަށް މޮޅެއް ނުވެވުނެވެ.

އޭނާ ބުނީ އޭގެ ފަހުން، އެ ފައިސާ ބައިބަޔަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އޭއެފްސީގެ ކިބައިން އެދުނު ކަމަށެވެ.

"ދެން އޭއެފްސީން އެންގީ އެއްފަހަރާ އެ ފައިސާ ދައްކަން،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.

އެކަމަކު އަހަރެއް ވީއިރު ވެސް އެ ކްލަބުން އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

ފައިސާގެ މައްސަލަ ވެލެންސިއާ އަށް ވަނީ ކުރިމަތި ވެފަ އެވެ. އެފްއޭއެމުން ދޭން ޖެހޭ ފައިސާ ވެލެންސިއާ އަށް ވެސް ބަރާބަރަށް ދީފައެއް ނުވެ އެވެ.

މުސާރައިގެ މައްސަލަތަކާ ހެދި ވެލެންސިއާ އަށް ވަނީ މައްސަލަ ކުރިމަތި ވެފަ އެވެ. މިދިޔަ ދެ އަހަރު އެ ޓީމަށް ކުޅުނު ބޯހަސް މާޓިން އަށް މުސާރަ ނުދޭތީ، އާ ކުޅުންތެރިން ނުގަނެވޭ ގޮތަށް ފީފާއިން ވަނީ ވެލެންސިއާ އަށް އަދަބު ދީފަ އެވެ.

މި ސީޒަންގައި އެ ޓީމަށް ކުޅެން ސޮއި ކުރި އިބްރާހިމް ވަހީދު ހަސަނާއި ރިލްވާން ވަހީދު އެ ކްލަބްގެ ޕްރެކްޓިހަށް ނުކުތް ނަމަވެސް ސްކޮޑްގައި ނުޖެހެނީ ފީފާގެ ސަސްޕެންޝަނުގެ ސަބަބުންނެވެ.

ފީފާގެ އެ އަދަބު ކުރިމަތިވި އަނެއް ކްލަބަކީ ގްރީން ސްޓްރީޓްސް އެވެ. އެ ޓީމަށް ކުޅުނު ސްޕެއިންގެ އޭންޖަލް މުނޯޒް އަށް މުސާރަ ނުދީގެން އެ ޓީމަށް ވެސް ޓްރާންސްފާ ބޭންގެ ފިޔަވަޅު އޮތީ އަޅައިފަ އެވެ.