Roadha Mihaaru
އޭއެފްސީ ކަޕް ކޮލިފައިންގައި ވެލެންސިއާ އާއި ޕަރޯ

އޭއެފްސީ ކަޕް ކޮލިފައިންގައި ވެލެންސިއާ އާދެކޮޅަށް ބޫޓާންގެ ޕަރޯ

17 ޖެނުއަރީ 2022

މިއަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ފަހު ޖާގަ އަށް ވާދަކުރާ ޓީމު ކަނޑައެޅުމަށް ކުޅޭ ކޮލިފިކޭޝަން ބުރުގައި، ކްލަބް ވެލެންސިއާ އާއި ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީ ވާދަކުރަން ޖެހިއްޖެ އެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ފަހު ޖާގަ އަށް ވާދަކުރާ ޓީމު ކަނޑައެޅުމަށް ކުޅޭ ކޮލިފިކޭޝަން ބުރުގައި، ކްލަބް ވެލެންސިއާ އާއި ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީ ވާދަކުރަން ޖެހިއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ރަނަރަފް ޓީމުގެ ހައިސިއްޔަތުން ވެލެންސިއާ ވާދަ ކުރާނީ، ކޮލިފައިންގެ ޕްރިލިމިނަރީ ރައުންޑްގަ އެވެ. ޕްރިލިމިނަރީ މަރުހަލާގެ އެއްވަނަ ރައުންޑްގައި ޕަރޯ އެފްސީއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗު އޮންނާނީ އޭޕްރީލް 5 ގަ އެވެ.

މެޗުން މޮޅުވާ ޓީމެއް ދެން ކޮލިފައިވާނީ ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ރައުންޑަށެވެ. ވެލެންސިއާ އާއި ޕަރޯ އެފްސީ ކުޅޭ މެޗުން މޮޅުވާ ޓީމެއް ދެވަނަ ބުރުގައި ވާދަކުރާނީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އޭޕްރީލް 11 ގަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ދަތުރު ކުރާނީ ޕްލޭއޮފް ރައުންޑަށެވެ. ޕްލޭއޮފްގައި ވާދަ ކުރާނީ ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ރައުންޑުގެ ދެ މެޗުން މޮޅުވާ ދެ ޓީމެވެ. ޕްރިލިމިނަރީ ފުރަތަމަ ބުރުގެ ފުރަތަމަ މެޗުގައި ނޭޕާލްގެ ޗެމްޕިއަން މަޗިންދުރަ އާއި ލަންކާގެ ޗެމްޕިއަން ބްލޫ ސްޓާ ކުޅޭ މެޗުން މޮޅުވާ ޓީމެއް ދެވަނަ ބުރުގައި ވާދަ ކުރާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާ ދެކޮޅަށެވެ. ޕްލޭއޮފް މެޗު ކުޅޭނީ އޭޕްރީލް 19 ގަ އެވެ.

އޭއެފްސީ ކަޕްގެ އާންމު އުސޫލަކީ ހޯމް އެންޑް އަވޭ އުސޫލުން ކުޅުމެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން 2020 އިން ފެށިން ޢޭއެފްސީ ކަޕް ކުޅެނީ ސެންޓްރަލައިޒް ކޮށެވެ. ހޯމް އެންޑް އަވޭ އުސޫލަށް އަމަލު ކުރަން މަޑު ޖައްސާލާފައިވުމުން މެޗުތައް ކުޅޭނީ އޭއެފްސީ ކަނޑައަޅާ ގައުމެއްގަ އެވެ. މެޗުތައް ކުޅޭނެ ތަނެއް އޭއެފްސީ އަދި ހާމަކޮށްފައެއް ނުވެ އެވެ.

ލީގު ޗެމްޕިއަންކަން ހޯދުމުން މާޒިޔާ އަށް ވަނީ ގުރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބިފަ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ލީގު ޗެމްޕިއަން ހޯދާ ޓީމުތަކުގެ ތެރެއިން ގުރޫޕް ސްޓޭޖުން، ސީދާ ޖާގަ ލިބެނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި އިންޑިއާގެ ލީގު ޗެމްޕިއަނަށެވެ.

ބްންގްލަދޭޝްއިން މިފަހަރު ވެސް އޭއެފްސީ ކަޕްގެ ސީދާ ޖާގަ ލިބިފައި ވަނީ، އެ ގައުމުގެ ލީގު ޗެމްޕިއަން ބަށުންދަރާ ކިންގްސް އަށެވެ. އިންޑިއާއިން ގުރޫޕް ސްޓޭޖުން ޖާގަ ހޯދާފައި ވަނީ އައި ލީގުގެ ޗެމްޕިއަން ގޮކުލަމް ކެރަލާ އަށެވެ.

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު ފަށާނީ މެއި މަހު އެވެ. މިދިޔަ އަހަރު މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި، މި ސަރަހައްދުގެ ގުރޫޕް ސްޓޭޖު ފަސް ކުރަން ޖެހުނެވެ. އެއީ ޕްލޭއޮފްގައި ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އައި އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން ކޮވިޑްގެ ޕްރޮޓޮކޯލްއާ ހިލާފު ވުމުންނެވެ. އެކަމަކު އޯގަސްޓް މަހު ރާއްޖޭގައި ގުރޫޕް ސްޓޭޖު މެޗުތައް ކުޅެފައި ވެއެވެ.

އޭއެފްސީ ކަޕްގެ އާ ފޯމެޓަށް އަމަލުކުރަން ފެށިފަހުން، މިއަަރަކީ ވެލެންސިއާ އިން އޭއެފްސީގެ މަރުހަލާއެއްގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެ ކްލަބުން ވަނީ 2017 ގައި ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅެފަ އެވެ. އޭރު ބޫޓާންގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވިޔަސް މާލޭގައި ކުޅެ ވެލެންސިއާއިން މެޗު ކާމިޔާބުކޮށް ޕްލޭއޮފް މެޗުން ޖާގަ ހޯދި އެވެ. ޕްލޭއޮފް މެޗުގައި، މޯހަން ބަގާން އަތްދަށުވެ ވެލެންސިއާ އަށް ގުރޫޕް ސްޓޭޖުން ޖާގައެއް ނުލިބުނެވެ.