Roadha Mihaaru
އީދު ފާހަގަކުރުން ގޯހުން ގޯހަށް، ހަމައެއްލަމައެއް ނެތް

އީދު ފާހަގަކުރުން ގޯހުން ގޯހަށް، ހަމައެއްލަމައެއް ނެތް!

06 ޖުލައި 2023

ރާއްޖޭގެ ސަގާފަތަށް އައި ބަދަލުތައް އެންމެ ރަނގަޅަށް ފެންނާނެ އެއް ދުވަސްވަރަކީ ބޮޑު އީދުގެ ހަރަކާތްތަކެވެ. އިހު ޒަމާނުގައި ޖަހަމުން ދިޔަ ބަނޑިޔަލާއި ލަނގިރި އަދި ސަގާފީ ނެށުންތައް ތާރީހަށް ދޫކޮށްލައި، އާ ކުޅިވަރުތަކެއް އުފަންވެއްޖެ އެވެ. މީގެ ކުރިއްސުރެ ނަގަމުން ދިޔަ ކޯޑީގެ ހަރަކާތްތަކަށް ބަދަލުތަކެއް އައި ނަމަވެސް އުވި ނުގޮސް ކުރިއަށް ދެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ސަގާފަތަށް އައި ބަދަލުތައް އެންމެ ރަނގަޅަށް ފެންނާނެ އެއް ދުވަސްވަރަކީ ބޮޑު އީދުގެ ހަރަކާތްތަކެވެ. އިހު ޒަމާނުގައި ޖަހަމުން ދިޔަ ބަނޑިޔަލާއި ލަނގިރި އަދި ސަގާފީ ނެށުންތައް ތާރީހަށް ދޫކޮށްލައި، އާ ކުޅިވަރުތަކެއް އުފަންވެއްޖެ އެވެ. މީގެ ކުރިއްސުރެ ނަގަމުން ދިޔަ ކޯޑީގެ ހަރަކާތްތަކަށް ބަދަލުތަކެއް އައި ނަމަވެސް އުވި ނުގޮސް ކުރިއަށް ދެ އެވެ.

ފޯރީގައި، ރަށުގެ ކުދި ބޮޑު އެންމެން އެ ކުޅިވަރުތަކުގައި ބައިވެރިވެ އެވެ.

ދިވެހިންނަށް އަބަދު ވެސް އީދަކީ އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިކުރުމުގެ ދުވަސްތަކެވެ. އެކި ހިސާބުތަކުގައި ދިރިއުޅޭ އާއިލާގެ މީހުން ނުވަތަ ރައްޓެހިންނަށް ޒިޔާރަތްކޮށް އީދުގެ މަޖާ ކުޅިވަރުތަކުގައި ބައިވެރިވުމަކީ، ފާއިތުވި 10 ވަރަކަށް އަހަރު ފެނުނު އެއް އާދަ އެވެ.

ސިޔާސީ ތަފާތު ފިކުރުތަކާ ހެދި ބައިބައިވެފައިވާ އެކި ރަށްރަށުގައި ވެސް އެ ވިސްނުންތައް އެއްފަރާތްކޮށް، އެންމެން އެކަތިގަނޑަކަށް ވެ، އީދު ފާހަގަކުރުމަކީ ފާއިތުވި އަހަރުތަކުގައި ފެނުނު އެއް ކަމެވެ. ނަމަވެސް، އެ އާދަ މަޑުމަޑުން ބަދަލުވާން ފަށައިފި އެވެ. ކުޑަކުދިން ވެސް ހިމެނޭގޮތަށް، އެންމެން ބައިވެރިކޮށްގެން ފާހަގަކުރާ އީދުން ފެންނަން ނުޖެހޭ އެތައް ކަމެއް ފެނިއްޖެ އެވެ. ގައުމުތަކުގެ ވެރިންނަށް ޖޯކު ޖަހައި، އެ ބޭފުޅުންގެ "މޫނު" ޖަހައިގެން އީދުގެ ހިނގާލުންތައް ބާއްވައިފި އެވެ.

އެ ތަނުން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެއް ރަށަކީ ގއ. ވިލިނގިއްޔެވެ. އެ ރަށު ކައުންސިލުން އިސްނަގައިގެން ބޭއްވި ޝޯއެއްގައި އަންހެން ގްރޫޕަކުން ނިވާކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި ވީޑިއޯތަކެއް ދައުރުވި އެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ ކުލަ ގަދަކޮށް އީދު ފާހަގަކުރުމަށް ފަސް އަހަރަށް، ކޮންމެ އަހަރަކަށް ވާ ވަރަށް ކުޅިވަރު ކަލަންޑަރެއް ހަދާފައިވާ ކަމަށެވެ. އެކަމުގެ ބޭނުމަކީ ވެސް އިޖުތިމާއީ ރޫހެއްގައި ކައުންސިލާއި ރައްޔިތުންނާ މެދު އޮންނަ ގުޅުން ރަނގަޅު ކުރުން ކަމަށާއި ނަމަވެސް ސްޓޭޖް ޝޯގައި އެގޮތަށް ދިމާވުމަކީ ހިތާމައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީދޫގެ އިރުމަތީ އަވަށުގައި އީދު ފާހަގަކުރަނީ.-- ފޮޓޯ: އިރުމަތީ އަވަށު ފޭސްބުކް ޕޭޖް

މީދޫގެ އިރުމަތީ އަވަށުގައި އީދު ފާހަގަކުރަނީ.-- ފޮޓޯ: އިރުމަތީ އަވަށު ފޭސްބުކް ޕޭޖް

"އީދު ފާހަގަކުރުމުގައި މި ރަށަކީ ނަމޫނާއެއް. މީގެ ކުރިން ނެތް މައްސަލައެއް ދިމާވެފައެއް." ވިޝާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގްރޫޕުން ރަށަށް ދިއުމުން ވެސް އެ މީހުންނާ ބައްދަލުކޮށް، އިޖުތިމާއީ މިންގަނޑު ހިފެހެއްޓުމަށް އެދުނު ކަމަށެވެ. ފޯރިގަދަކޮށްލުމަށް ގެނައި ގްރޫޕުން ޝޯ ދިނީ ވެސް ދެ ފަރާތުން އެގްރިމެންޓެއް ހަދައިގެންނެވެ. އެކަމަކު، ގައިގެ ހަން ކުލައިގެ ހެދުން ލައިގެން ތިބުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން ވަކި ހިސާބަކުން އެ މީހުންނަށް ފުރުސަތެއް ނުދެ އެވެ.

އެއް ލަވައަށްފަހު އަނެއް ލަވައަށް ނަށަމުން ދިއުމުގެ ސަބަބުން، އެ މީހުން ހުއްޓުވާކަށް ފުރުސަތެއް ނުލިބުނެވެ. އެކަމަކު، އެ ލަވަ ސެޓު ނިމުމުން އެ ގްރޫޕުގެ ކޮސްޓިއުމް ބަދަލުކުރި އެވެ.

"އަސްލު އަޅުގަނޑުމެން ވެސް ގަބޫލެއް ނުކުރަން. ހަގީގަތުގައި ބަލަންޏާ އެކަންތައްތައް ރަނގަޅުކުރަން އެބަޖެހޭ." ވިޝާލް ވިދާޅުވި އެވެ.

"ވަރަށް ވިސްނާނަން މި ކަހަލަ ކަމެއް ތަކުރާރުނުވާނެ ގޮތަށް."

އެންމެ ފޯރިގަދަ އެއް ރަށް

އުތުރުގެ ރަށްތަކުގެ ތެރެއިން އެންމެ ފޯރީގައި އީދުގެ ކުޅިވަރު ކުޅޭ އެއް ރަށަކީ ރ. މީދޫ އެވެ. އެ ރަށުގެ ހުޅަނގު އަވަށުގައި އީދު ކުޅިވަރުތައް އިންތިޒާމުކޮށް ހިންގާ އެކުވެރި ކްލަބްގެ ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މައްސަލަތައް ކުރިމަތިވަނީ ބަލަންޖެހޭ ވަރަށް ނުބެލޭތީ ކަމަށެވެ. އަދި އީދު ފަދަ ކުޑަކުދިން ވެސް ބައިވެރިވާ ހަރަކާތްތަކަށް ވާތީ ހަރުދަނާ އުސޫލުތަކެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނޫނީ ކުރިއަށް އޮތް ތަނުގައި އިތުރު މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު އޮވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގެ ހަރަކާތެއް ކުރިއަށްދަނީ.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގެ ހަރަކާތެއް ކުރިއަށްދަނީ.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

"މި ރަށުގައި އީދު ކުޅެނީ އެންމެ ކުރީއްސުރެ ކުޅެމުން އައި ކުޅިވަރުތަކަށް ބައެއް ބަދަލުތައް ގެނެސް، އޭގެ އަސްލު ނުގެއްލޭގޮތަށް. މި ފޯރީގައި އީދު ކުޅޭތާ 40 އަށްވުރެ ގިނަ އަހަރުވެދާނެ. އަދި ނެތް އެފަދަ އެއްވެސް މައްސަލައެއް ދިމާވެފައެއް." ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީދުގައި ދެ ޖިންސު އެއްކޮށްގެން އެއްވެސް ކުޅިވަރެއް ނުކުޅުވުމަށް މަސައްކަތްކުރާ ކަމަށެވެ. އަދި ޝޯ ދިނުމަށް ރަށުން ބޭރުން މީހުން ގެނައުމުގައި ބަލަނީ އަބަދު ވެސް އެ އަވަށުގައި ތިބި މީހުންގެ ފަންނުވެރިކަން ދައްކާލެވޭނެ ފުރުސަތުތައް ދިނުމަށްކަން އޭނާ ވިދާޅުވި އެވެ.

އީދު ކުޅިވަރަށް އުސޫލުތައް ހަދާނަން: މިނިސްޓަރު

އީދުގައި ސިޔާސީ ކުލަ ޖެހުމާއި ގައުމުތަކުގެ އިސްވެރިންގެ ފޮޓޯ ބޭނުންކޮށްގެން އީދު ކުޅިވަރު ކުޅުމުގެ ހިތްހަމަނުޖެހުންތައް ކަލްޗަރަލް މިނިސްޓަރު ޔުމްނާ މައުމޫން ފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އީދު ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުން އަދި ހާއްސަކޮށް ގައުމެއްގެ ވެރިއެއްގެ ފޮޓޯ ބޭނުންކޮށްގެން މަލާމާތްކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އީދަކީ ވަރަށް ބޮޑަށް އިޖުތިމާއީ ރޫހު އާލާކުރަން އެކި އުމުރުގެ މީހުން އެއްވެ އުޅޭ، ކުޑަކުދިން ވެސް އުޅޭ ހަރަކާތްތަކެއް ހިންގާއިރު އޭގައި ކޮންމެ ވެސް ކަހަލަ މިންގަނޑުތަކެއް ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެގޮތަށް ހެދުން އެޅުމުގައި އަދި ގެންދާ ހަރަކާތްތަކުގައި ވެސް އާއްމު އިޖުތިމާއީ މިންގަނޑުތަކަށް ވަރަށް ބޮޑަށް ބަލަން ޖެހޭނެ."

"ކުދިންނާ ގުޅޭގޮތަށް ހަރަކާތްތައް ގެންދަން ޖެހޭނީ. އެކި އުމުރުގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ގެންދިއުން އެންމެ ރަނގަޅު ގޮތަކީ."

ސަގާފީ ގޮތުން އައިސްފައި ހުރި ކުޅިވަރުތައް ވެސް އެބަހުރި ކަމަށާއި އެކަންކަން ދިރުވައި އާލާކުރުން ވަރަށް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފަންނީ ހުނަރު ދައްކާލުމަށް މި ޒަމާނުގެ ކުޅިވަރު ވެސް ކުޅެވޭ ކަމަށާއި އެކަމަކު އޭގައި ވެސް މިންގަނޑުތަކެއް ވެސް ހުރުން މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ޔުމްނާ ވިދާޅުވީ ކައުންސިލްތަކުން ބާއްވާ ޝޯތަކުގައި މިންގަނޑުތަކެއް ހުންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ދީނީ ގޮތުން ވިސްނަންޖެހޭ ކަންކަމާއި އާއްމު އިޖުތިމާއީ ގޮތުން ވެސް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އުކުޅަހުގެ އީދު ކުޅިވަރުގައި ކުޑަކުދިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އުކުޅަހު ކައުންސިލް

އުކުޅަހުގެ އީދު ކުޅިވަރުގައި ކުޑަކުދިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އުކުޅަހު ކައުންސިލް

"މި މަޝްވަރާތައް ކުރަން އަޅުގަނޑު ވެސް ވިސްނައިގެން ހުރީ. ހާއްސަކޮށް އީދުގައި މި ފާހަގަކުރެވުނު ކަންކަމާ ގުޅިގެން. އެ ކަހަލަ އުސޫލުތަކެއް ބޭނުންވާ ކަމަށް ގަބޫލުކުރެވިގެން."

ޔުމްނާ ވިދާޅުވީ އަންނަ އަހަރު ބޮޑު އީދު އައުމުގެ ކުރިން ގަވައިދެއް ނުވަތަ އުސޫލެއް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ލާމަރުކަޒީ އުސޫލުގެ ދަށުން އީދު ކުޅިވަރުތައް ފާހަގަކުރުމަކީ އެ ރަށު ކައުންސިލެއް ޒިންމާއެކެވެ. ނަމަވެސް، އެއްވެސް އުސޫލެއް ނެތުމާއި ހިމެއްނެތި ލިބިދީފައިވާ ހައްގުތަކުން މި ފެންނަނީ އިޖުތިމާއީ ފޭރާން ވީދެމުންދާ ކުރެހުމެވެ.