Roadha Mihaaru
ރެޑްބުލް ފޯ ޓޫ ސްކޯ ރާއްޖޭގެ ކޮލިފައިން ފަށައިފި

55 ޓީމާ އެކު ރެޑްބުލް ފޯ ޓޫ ސްކޯ ރާއްޖޭގެ ކޮލިފައިން ފަށައިފި

04 ޖުލައި 2023

ރެޑްބުލް ފޯ ޓޫ ސްކޯ ރާއްޖޭގެ މުބާރާތް، 55 ޓީމާ އެކު ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރެޑްބުލް ފޯ ޓޫ ސްކޯ ރާއްޖޭގެ މުބާރާތް، 55 ޓީމާ އެކު ފަށައިފި އެވެ.

ހުޅުމާލޭ ޔޫތު ޕާކްގައި އިއްޔެ ފެށި މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުން ވެސް ބޭނުންނަމަ ލިސްޓްގައި ގިނަ ވެގެން ފަސް ކުޅުންތެރިން ޖެހޭނެ އެވެ. އެކަމަކު މެޗުގައި އެއްފަހަރާ ކޮންމެ ޓީމެއްގައި ވެސް ކުޅެވޭނީ ހަތަރު ކުޅުންތެރިންނަށެވެ.

ރެޑްބުލް ފޯ 2 ސްކޯ މުބާރަތަކީ ފަސް ބައްރުން 25 އަށް ވުރެ ގިނަ ގައުމުގައި ކުރިއަށްދާ މުބާރާތެކެވެ. ކޮންމެ ގައުމަކުން ވެސް ޗެމްޕިއަންކަން ހޯދާ ޓީމު ޖަރުމަނުގެ އާރްބީ ލައިޕްޒިގްގައި އޮންނަ ދުނިޔޭގެ މުބާރާތުގައި ގައުމު ތަމްސީލު ކުރާނެ އެވެ. އެމުބާރާތް އޮންނާނީ އަންނަ މަހު އެވެ.

މުބާރާތް ވާދަކުރާނެ މަޝްހޫރު ބައެއް ގައުމުތަކަކީ ބްރެޒިލާއި އެމެރިކާ، ކެންޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ސްޕެއިން އަދި ދެކުނު ކޮރެއާ އެވެ.

ރެޑްބުލް ފޯ 2 ސްކޯ މުބާރާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެޗްއާ ކުޅުންތެރިންނަށް ފުޓްބޯޅައިގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރެޑްބްލްއިން ބާއްވާ އިނޮވޭޓިވް މުބާރާތެކެވެ.

ރާއްޖޭގެ މެޗުތައް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ރެޑްބުލް ފޯ 2 ސްކޯ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ އެޓޭކިން ފުޓްބޯޅަ އަށް ލޯބިކުރާ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށެވެ.

ކޮންމެ ގައުމެއްގައި ވެސް މުބާރާތް ކުރިއަށް ދާނީ ތިން ރައުންޑަކަށެވެ. އެއީ ގްރޫޕް ސްޓޭޖް، ނޮކްއައުޓް އަދި ފައިނަލެވެ.

ގްރޫޕް ސްޓޭޖުގައި ޓީމްތަކަށް ޕޮއިންޓް ލިބޭއިރު ނޮކްއައުޓް ސްޓޭޖުގައި ގޯލްޑަން ގޯލް ޓައި ބްރޭކެއް ހިމެނެއެވެ. ނޮކްއައުޓް ސްޓޭޖުގައި މެޗު އެއްވަރު ވެއްޖެނަމަ އެ މެޗުގައި ކުޅުނު ދެ ޓީމުން ކޮންމެ ވެސް އެއް ކުޅުންތެރިޔަކު ނުކުމެ އަނެއް ޓީމުގެ އެއް ކުޅުންތެރިޔަކާ ދެކޮޅަށް ގޯލްޑަން ގޯލް މޯޑަށް ކުޅޭނެ އެވެ.

މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ޝަރުތަކީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ކުޅުންތެރިންނަށް ވުމެވެ.