Roadha Mihaaru
ރެޑް ބުލް އާއިލާގެ ނުފެންނަ ހަތް ބިލިއަނަރުން

ރެޑް ބުލް އާއިލާގެ ނުފެންނަ ހަތް ބިލިއަނަރުން

27 އޮކްޓޯބަރ 2016

ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު އެނާޖީ ޑްރިންކް ކަމަށްވާ ރެޑް ބުލްގެ އުފަން ގައުމަކީ ތައިލެންޑެވެ. އާދައިގެ ވިޔަފާރިވެރިއެއް ކަމަށްވާ، މިހާރު މަރުވެފައިވާ ޗަލިއޯ ޔޫވިދްޔާގެ މި އުފެއްދުމުގެ ސަބަބުން ލިބުނު ކުއްލި މުއްސަނދިކަމާ އެކު އެ އާއިލާގެ މިލްކިއްޔާތު މިހާރު 22 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫމްބާގް ބިލިއަނަޔާ އިންޑެކްސްގައި ބުނެފައިވެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު އެނާޖީ ޑްރިންކް ކަމަށްވާ ރެޑް ބުލްގެ އުފަން ގައުމަކީ ތައިލެންޑެވެ. އާދައިގެ ވިޔަފާރިވެރިއެއް ކަމަށްވާ، މިހާރު މަރުވެފައިވާ ޗަލިއޯ ޔޫވިދްޔާގެ މި އުފެއްދުމުގެ ސަބަބުން ލިބުނު ކުއްލި މުއްސަނދިކަމާ އެކު އެ އާއިލާގެ މިލްކިއްޔާތު މިހާރު 22 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫމްބާގް ބިލިއަނަޔާ އިންޑެކްސްގައި ބުނެފައިވެ އެވެ.

ޔޫވިދްޔާ 2012 ވަނަ އަހަރު މަރުވުމުން އޭނާގެ މިލްކިއްޔާތު ލިބިފައި ވަނީ އާއިލާގައި ތިބި 11 މެންބަރުންނަށެވެ. އެ އެންމެން ވެސް ވެފައި ވަނީ ބިލިއަނަރުންނަށެވެ. ބްލޫމްބާގުން ބުނާ ގޮތުގައި މިއީ އެނާޖީ ޑްރިންކަކުން މިހާތަނަށް ލިބުނު އެންމެ ބޮޑު ނަފާ އެވެ.

މި އާއިލާގެ ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް އެ މީހުން އެކަން މާބޮޑަށް ފާޅު ނުކުރާ ކަމަށް ނެޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޫރުގެ އެސޯސިއޭޓް ޕްރޮފެސަރު ޔުޕާނާ ވިވާޓަނަކަންޓަންގް ވިދާޅުވެފައިވެ އެވެ.

ރެޑް ބުލްގެ ފިޔަގަނޑު މުޅި ދުނިޔެއަށް ފަތުރާލީ އޮސްޓްރިއާ ކުންފުންޏަކަށް ރެޑް ބުލްގެ އޮރިޖިނަލް ރެސިޕީގެ ކާބޮނޭޓެޑް ވާޝަންގެ ލައިސަންސް ދިން ހިސާބުންނެވެ. އެ ހިސާބުން އެކި ކުޅިވަރުތަކާއި އެޑްވެންޗާއާ ގުޅުން ހުރި ދާއިރާތަކާއި ފުޓްބޯޅަ ކްލަބްތަކާއި ފޯމިއުލާ ވަން ރޭސް ޓީމުތަކާއި ސްޕޭސް ޖަންޕިން ފަދަ ކަންކަން ޕްރޮމޯޓްކުރުމުގައި ރެޑް ބުލް ދަނީ ހަލުވިކަމާ އެކު ކުރިއަށެވެ.

ރެޑް ބުލްގެ ބާނީ ޗަލިއޯ ޔޫވިދްޔާ

ރެޑް ބުލްގެ ބާނީ ޗަލިއޯ ޔޫވިދްޔާ

މީގެ ކުރިން، 1956 ގައި ޓީސީ ފާމަޝޫޓިކަލް އިންޑަސްޓްރީޒްގެ ނަމުގައި އެންޓިބަޔޮޓިކްސް ވިއްކި ވިޔަފާރިން 1975 ގައި އުފެއްދި "އެނާޖީ ޓޮނިކް" ވިއްކަމުން ދިޔައީ "ކްރޭޓިން ޑައެންގް"ގެ ނަމުގަ އެވެ. ކެފެއިން، ހަކުރު، އެމިނޯ އެސިޑް އަދި ޓޯރިން އަޅައިގެން ހެދި ބުއިމަކީ ތައިލެންޑް ބަހުން ކީ ނަމުގެ މާނަ އިނގިރޭސި އަށް ބަދަލުވުމުން އެއީ "ރެޑް ބުލް" އެވެ.

މާކެޓިން މަސައްކަތްކުރާ އޮސްޓްރިއާގެ ޑިއެޓްރިޗް މެޓަޝިޓްޒްއާ ގުޅިގެން މި ބުއިން ރެޑް ބުލްގެ ނަމުގައި މާކެޓްކުރަން ފެށުން ވެސް އައީ ތަފާތު ގޮތަކަށެވެ. މެޓަޝިޓްޒް އަށް މި ބުއިން ފާހަގަވީ އޭޝިއާ އަށް ކުރި ދަތުރެއްގައި، ދަތުރުގެ ވަރުބަލިކަމާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއް ހޯދަން އުޅުމުގެ ތެރޭގަ އެވެ. ޔޫވިދްޔާ އާއި މެޓަޝިޓްޒް ގުޅިގެން ކްރޭޓިން ޑައެންގްގެ ރެސިޕީ ބަދަލުކޮށް "ރެޑް ބުލް" ގެ ނަމުގައި ބާޒާރަށް ނެރުނެވެ. އޭގެ ކުރިން އެއީ ވަރަށް ހެޔޮ އަގެއްގައި އޭޝިއާގެ ގައުމުތަކުގައި ވިއްކަމުން ދިޔަ "އާދައިގެ" އެއްޗެކެވެ. އެކަމަކު އެއީ ދިގު ދަތުރުތައް ކުރާ މީހުންނާއި ޓްރަކް ޑްރައިވަރުންނާއި ނިދި މަދުވެފައި ތިބޭ ދަރިވަރުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް އޮތީ ވެފަ އެވެ.

އިންޓަނޭޝަނަލް ބްރޭންޑަކަށް ރެޑް ބުލް ހެދި ޑިއެޓްރިޗް މެޓަޝިޓްޒް

އިންޓަނޭޝަނަލް ބްރޭންޑަކަށް ރެޑް ބުލް ހެދި ޑިއެޓްރިޗް މެޓަޝިޓްޒް

ވިޔަފާރީގެ ކާމިޔާބީއާ އެކު މެޓަޝިޓްޒް، 72، ވެސް މިހާރު ހިމެނެނީ މަހުޖަނުންގެ ލިސްޓުގަ އެވެ. އޭނާ އަކީ މިހާރު މުޅި ދުނިޔެއިން 80 ވަނަ އަށް އެންމެ މުއްސަނދި މިހާ އެވެ. ވިޔަފާރީގެ އަގު 12.3 ބިލިއަން ޑޮލަރަށް އަރަ އެވެ.

ރެޑް ބުލް ކުންފުނީގެ 49 ޕަސެންޓް ހިއްސާކުރަނީ ޔޫވިދްޔާގެ އާއިލާގެ މެންބަރުންނެވެ. އަދި ޔޫވިދްޔާގެ އެންމެ ދޮށީ ދަރިފުޅަށް ދެ ޕަސެންޓް ހިއްސާ ދީފައިވެ އެވެ. ބާކީ 49 ޕަސެންޓް އޮތީ މެޓަޝިޓްޒް އަށެވެ.

ރެޑް ބުލް ކިތަންމެ މަޝްހޫރަސް މި އުފެއްދުމުގެ އަސްލު ނިސްބަތްވާ އާއިލާ އެހާ ވަރަކަށް މަޝްހޫރެއް ނޫނެވެ. މީޑިއާއާ ބީރައްޓެއްސެވެ. ފެންނަނީ މަދު ފަހަރަކު އެވެ. ރެޑް ބުލް މާކެޓް ކުރުމުގައި ވެސް ހުރިހާ ކަމެއް ކުރަމުން ދަނީ މެޓަޝިޓްޒް އެވެ. އެހެންވެ ޔޫވިދްޔާ އާއިލާއާ މެޓަޝިޓްޒްއާ އާ ދެމެދު މައްސަލަތައް ޖެހޭ ކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވެ އެވެ. އެހެންވެ ކުންފުނީގެ ވިޔަފާރި އަށް ބަދަލުތަކެއް އައުމަކީ ވެދާނެ ކަމެއް ކަމަށް ނެޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޫރުގެ އެސޯސިއޭޓް ޕްރޮފެސަރު ޔުޕާނާ ގަބޫލުކުރައްވަ އެވެ.