Roadha Mihaaru
ރެޑްބުލް އިން އިނގިރޭސި ކްލަބެއް ގަންނަނީ

ރެޑްބުލް އިން އިނގިރޭސި ކްލަބެއް ގަންނަނީ

11 ނޮވެމްބަރ 2016

މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލް ކުންފުނިން އިނގިރޭސި ފުޓްބޯޅަ ކްލަބެއް ގަތުމުގެ މަސައްކަތް ފަށައިފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލް ކުންފުނިން އިނގިރޭސި ފުޓްބޯޅަ ކްލަބެއް ގަތުމުގެ މަސައްކަތް ފަށައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރެޑްބުލް ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ލަންޑަނަށް ނިސްބަތްވާ ކްލަބެއް ގަތުމަށެވެ. އެގޮތުން ފާއިތުވި ތިން މަހެއްހާ ދުވަހު ލަންޑަނަށް ނިސްބަތްވާ ކްލަބްތައް ކުޅޭ މެޗުތައް ބެލުމަށް ރެޑްބުލްގެ އޮފިޝަލުން ވަނީ ގޮސްފަ އެވެ. ރެޑްބުލްގެ އޮފިޝަލުން ވަނީ ދާދި ފަހުން ޗާލްޓަން އެތުލެޓިކާއި ބްރެންޓްފޯޑްގެ އޮފިޝަލުންނާއި ބައްދަލުކޮށްފަ އެވެ.

ރެޑްބުލްގެ މަޝްހޫރު ކްލަބްތަކުގެ ތެރޭގައި ނިއުޔޯކް ރެޑްބުލްސް، ރެޑްބުލް ސަލްޒްބާގް، އަދި އާރްބީ ލިޒްޕިގް ހިމެނެ އެވެ. މީގެ އިތުރުން ރެޑްބުލް އިން އަންނަނީ ޗައިނާ އާއި ގާނާ އަދި ބްރެޒިލްގައި ވެސް ކްލަބްތައް ހިންގަމުންނެވެ.

މި ސީޒަނުގައި ޖަރުމަނު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ރެެޑްބުލް އަށް ނިސްބަތްވާ ކްލަބް އާރްބީ ލިޒްޕިގް އޮތީ މި ވަގުތު ޖަރުމަނު ބުންޑަސްލީގާގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ އެއްވަރަށް އެ ޓީމަށް ޕޮއިންޓް ލިބިފައިވާއިރު، ބަޔާނަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.